Roadha Mihaaru
ތިން ކަމަކަށް ފިޔަވަޅު އަޅަންޖެހޭ: ޝައުނާ

ރައްކާތެރިކަމާއި ތަރައްގީއަށްޓަކައި ތިން ކަމަކަށް ފިޔަވަޅު އަޅަން ޖެހޭ: މިނިސްޓަރު

05 ޖޫން 2022

މޫސުމީ ބަދަލާއި ގުދުރަތީ ރައްކާތެރިކަމާއި ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ ދިވެހިންގެ ރައްކާތެރިކަމާއި ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފުވައްމުލަކުން ފަޒީނާ އަހުމަދު

މޫސުމީ ބަދަލާއި ގުދުރަތީ ރައްކާތެރިކަމާއި ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ ދިވެހިންގެ ރައްކާތެރިކަމާއި ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ރަނގަޅު ނަތީޖާ ވެސް އެކި ރަށްތަކުން ފެންނަ ކަމަށް ވިދާޅުވި އެވެ.

ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަން ހައްލުކުރަން ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން މަސައްކަތްތަކެއް ބާރަށް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރަން ވަނީ ހަމަޖައްސައިފައި ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރެވި، ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން،" ޝައުނާ ވިދާޅުވި އެވެ.

މާލޭގައި ކުނި ބައިބަޔަށް ވަކިކޮށްގެން ނެރެން ފެށީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުނީގެ މައްސައްލަ އަށް ހައްލު ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުން ހޯދުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން ރަށްރަށުގައި ކުނި ވަކިކުރަން ފަށާފައިވާ ކަމަށާއި އެ ބަދަލު ދުވަސްކޮޅަކުން މާލެ އިން ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގައި 13 ބާވަތެއްގެ ޕްލާސްޓިކް މަނާކޮށް، ތަންފީޒުކުރާ ސިޔާސަތުގެ ދަށުން އަންނަ އަަހަރުގެ ނިޔަލށް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް އެތައް ގުނައަކަށް މަދުވާނެ ކަމަށެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓުގައި މިނިސްޓަރު ޝައުނާ އާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ސޮއިކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓުގައި މިނިސްޓަރު ޝައުނާ އާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ސޮއިކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ގޮނޑޮދޮށްތަކާއި ފަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަ އެވެ. އޭގެ ހައްލަކަށް 2020 އިން 2023 އަށް ކުރިއަށް ގެންދާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ މަސައްކަތް ތަންފީޒުކުރަން ފަށައި އެކި މަރުހަލާތަކަށް ބަހާލައިގެން ހައްލު ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު އަންނަ އިރު މި ޕްލޭންގައި ކަނޑައަޅާފައިވާ 13 ބާވަތެއްގެ ޕްލާސްޓިކް މުޅި ރާއްޖެއިން އެކީ އެކައްޗަކަށް ބޭނުންކުރުން ހުއްޓިގެން ދާނެ. މި ބަދަލާއެކު ރާއްޖޭގެ ގޮނޑޮދޮށްތަކުންނާއި މޫދުގެ އެކި ސަރަހައްދުތަކުން ފެންނަ ޕްލާސްޓިކް ކުނީގެ ބާވަތްތައް އެތައް ގުނައަކުން މަދުވެގެން އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި އެކަމުގެ ހެޔޮ އަސަރު ދިވެހިންގެ އިގްތިސާދާއި ދިރިއުޅުމާއި ސިއްހަތަށް ވެސް ކުރާނެ އެވެ.

ތިމާވެށީގެ މައްސަލަތަކަށް ދުނިޔޭގެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުން މީގެ އެތައް އަހަރެއް ކުރިން ބާއްވާފައިވާ އިރު އަދިވެސް އޮތީ ހަމަ އެ ހަގީގަތް ކަމަށް ވިދާޅުވި އެވެ. ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރުގައި ވަނީ މިހާރު ކުރިމަތިވެފައިވާ ގޯސްތަކުގެ ހާލަތު މުޅިން ބަދަލުކުރުމަށް ގޮވާލާފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކަމުގައި އެންމެން އެއްބާރުލުން ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ފުވައްމުލަކަކީ ތިމާވެށި ހިމާޔަތްކޮށް ކުރިއެރުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ތަނެއް ކަން ފާހަގަކުރައްވައި ކުޅިތަކާއި އެހެން ވެސް ގުދުރަތީ ވަސީލަތްތައް ބަލަހައްޓަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފުވައްމުލަކު ނޭޗާ ޕާކަކީ، ތިމާވެށި ރައްކާތެރިކޮށްގެން މާލީ އަދި އިގްތިސާދީ ފައިދާ ލިބެ އެވެ. އެތަން އިތުރަށް ތަރައްގީކުރަން ވެސް އެހީތެރިވެދޭނެ ކަމަށް ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ހުޅުވާލި ވާހަކަ މުބާރާތުން އެއް ވަނަ ހޯދި ކުދިން ސްޓޭޖުގައި އެ ވާހަކަ ހުށަހަޅައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެށީގެ ދުވަހާ ގުޅިގެން ހުޅުވާލި ވާހަކަ މުބާރާތުން އެއް ވަނަ ހޯދި ކުދިން ސްޓޭޖުގައި އެ ވާހަކަ ހުށަހަޅައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝައުނާ ވިދާޅުވީ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތައް ދެނެގަނެ އެފަދަ ތަންތަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެ އަތޮޅަކުން އެއް ރަށާއި އެއް ފަރާއި ކަނޑޫފާ ހިމާޔަތްކުރުމުގެ މަަސައްކަތުގެ ދަށުން 79 ތަނެއް ސަރުކާރުން ވަނީ ރައްކާތެރިކުރަން ނިންމާފައި ކަމަށެވެ.

އެ ތަންތަން މެނޭޖްކުރުމުގެ ޕްލޭން ވެސް އެކި މަރުހަލާތަކުގައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފަރުތަކުގެ ދިރުންތަކަށް ރާއްޖޭގައި ވެސް ނުރައްކާ އޮތުމުން، އެކަމުގެ ހައްލަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.