Roadha Mihaaru
"ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބަދަލުވާންޖެހޭ"

ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބަދަލުވާން ޖެހޭ: ނައިބު ރައީސް

05 ޖޫން 2022

ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލުމުގައި އެންމެ ކުރީ ސަފުގައި އޮތް ރާއްޖެ އިން ދެމެހެއްޓެނިވި ފިޔަވަޅުތަކަކަށް އިސްކަންދީ، ހުރިހާ ދިވެހިން ވެސް ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބަދަލުވެ، ނަތީޖާ ދައްކަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފުވައްމުލަކުން ފަޒީނާ އަހުމަދު

ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލުމުގައި އެންމެ ކުރީ ސަފުގައި އޮތް ރާއްޖެ އިން ދެމެހެއްޓެނިވި ފިޔަވަޅުތަކަކަށް އިސްކަންދީ، ހުރިހާ ދިވެހިން ވެސް ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބަދަލުވެ، ނަތީޖާ ދައްކަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ތިމާވެށީގެ އެކި މަައްސަލަތަކާއި މޫސުމީ ބަދަލުތަކާއި އެ ނޫން ވެސް މައްސަލަތަކުގެ ސީދާ އަސަރު ރާއްޖެ އަށް ވެސް އެކި ގޮތްގޮތުން ފޯރަމުންދާ ކަމަށެވެ. މި ފަހުން ދިމާވި ކޮވިޑުގެ ނުރައްކަލާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއި ދިރިއުޅުމަށް ކުރިމަތިވި ކަންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެ ފަދަ ކަންކަމާ މެދު ވިސްނައި މައްސަލަތަކަށް ހައްލު ހޯދުން އަވަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ސަބަބުތަކާ ހެދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތައް އަޅުގަނޑުމެން ހޯދައި އެ ގޮތްތަކަށް އަޅުގަނޑުމެން ދިރިއުޅެން އެބަޖެހޭ. ކުނި އުކާލުމުގައި ވެސް ސަމާލުވެ އެއްވެސް އެއްޗެއް މަގުމައްޗަށް ގޮނޑޮދޮށަށް އުކާލުމަކީ އަޅުގަނޑުމެން ފަދަ ރީތި ނަލަނަލަ ރާއްޖެއަަކުން ދުރުހެލިވާން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި ވާހަކަ ލިއުމުގެ މުބާރާތުން އެއް ވަނަ ހޯދި ދަރިވަރުންނަށް ނައިބު ރައީސް ހަނދާނީ ލިއުން ހަވާލުކޮށްދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި ވާހަކަ ލިއުމުގެ މުބާރާތުން އެއް ވަނަ ހޯދި ދަރިވަރުންނަށް ނައިބު ރައީސް ހަނދާނީ ލިއުން ހަވާލުކޮށްދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސާފު މޫދާއި ރީތި ދޮންވެލި ތުނޑިތަކަކީ މުޅި ދުނިޔޭގެ ލޯ ހުއްޓިފައިވާ ތަންތަނެވެ. އެހެންކަމުން ރާއްޖޭގެ ޖަޒީރާވަންތަކަން ދަމަހައްޓައި ސާފު އަދި ފެހި ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ތިމާވެށީގެ ދުވަހެއް ފާހަގަކުރާއިރު ނެތިގެންދާ ވަސީލަތްތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރު ރާއްޖެ އަށް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އުދައެރުމާއި މީގެ ސަބަބުން ދަނޑުވެރިކަމަށް ލިބޭ ގެއްލުން ބޮޑުވަމުންދާ ކަމަށް ވިދާޅުވި އެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ސަމާލުކަންދޭން ޖެހޭ ކަންކަން މުޅި ދުނިޔެއަށް ލީޑަރުން ކިޔައިދެއްވަމުން އަންނަ ކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. ރާއްޖެއަކީ ވެސް މައްސަލަތަކަށް އަޑު އުފުލުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ގައުމެއް ކަން ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ވަރަށް އިސް މަސައްކަތްތަކެއް އެންމެ ކުރީ ސަފުގައި، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް މި ކަމުން ލިބިގެންދާނެ ގެއްލުންތަކާ ގުޅޭ ވާހަކަ އެބަ ދައްކާ. މި ކަމުގެ ހުރި ނުރައްކާ ވަރަށް ބޮޑަށް ހާމަކުރަމުން އެބަދޭ،" ފައިސަލް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ޖަލްސާގައި މުއައްސަސާތަކާއި އާއްމުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުވައްމުލަކުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ޖަލްސާގައި މުއައްސަސާތަކާއި އާއްމުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ހެދި ރާއްޖެ އަށް ކުރިމަތިވާ ކަންކަމުގައި، ވެސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެ ވާހަކަ ދައްކާލަން ތިބެގެން ފަރުޖެއްސެން ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ޖަޒީރާ ރަށްތައް ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ހެދިފައިވާ ޕްލޭންތަކާ އެއްގޮތަށް ކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެށީގެ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަނިކުފާނު އެދިވަޑައިގަތީ، ތިމާވެށީގެ ދެމެހެެއްޓެނިވި ހައްލުތަކަށް ރާއްޖެ އިން އިސްނެގުމަށެވެ. ކުނި މަދުކުރުމަކީ އެއް ފިޔަވަޅު ކަމަށާއި ކޮންމެހެން ހޯދަން ޖެހޭ ތަކެތި ފިޔަވައި އެހެން ތަކެތި ހޯދައިގެން ކުރާ އިސްރާފު މަދުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.