04 ޖޫން 2022
ނިޔޯން (ޖޫން 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހިނގާދިޔަ ހާދިސާތަކަށް ހަފްތާއެއް ފަހުން ޔޫއެފާ އިން ލިވަޕޫލާއި ރެއާލް މެޑްރިޑުގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.
ނިޔޯން (ޖޫން 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހިނގާދިޔަ ހާދިސާތަކަށް ހަފްތާއެއް ފަހުން ޔޫއެފާ އިން ލިވަޕޫލާއި ރެއާލް މެޑްރިޑުގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.
މެޗުގައި ހިނގާދިޔަ ހާދިސާތަކާ ގުޅިގެން ޔޫއެފާ އިން އެކުލަވާލި ރިވިއުގެ މައްޗަށް ބިނާކޮށް ނެރުނު ބަޔާނުގައި ވަނީ، ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ކުރިން "ބިރުވެރި" ހާދިސާތަކާ ކުރިމަތިލާން ޖެހުނު ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އެފަދަ ހާލަތެއް އެއްވެސް ފުޓުބޯޅަ ސަޕޯޓަރަކަށް ކުރިމަތި ވެގެން ނުވާނެ ކަމަށް ޔޫއެފާގެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިއީ އެއްވެސް ފުޓުބޯޅަ ސަޕޯޓަރެއް ކުރިމަތިލާން ޖެހޭނެ ފަދަ ހާލަތެއް ނޫން، މިފަދަ ކަމެއް ކުރިއަށް އޮތް ތާނގައި ހިނގައިގެން ނުވާނެ،" ޔޫއެފާގެ ބަޔާނުގައި ވެއެވެ.
"ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ކުރިން ސަޕޯޓަރުން ކުރިމަތިލާން ޖެހުނު ބިރުވެރި ހާދިސާތަކަށް މާފަށް އެދެން. ފުޓްބޯޅައިގެ އެފަދަ ރެއެއް ވާން ވާނީ ކޮންމެ ސަޕޯޓަރަކަށް ވެސް އުފާވެރި ރެޔެކަށް."
ފައިނަލް މެޗު ކުލުނު ދަނޑުގެ ސްކްކރީނުގައި މެޗު ފެށުން ލަސްވާނެ ކަމަށް އަންގާފައި.--
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން ވަނީ، ދަނޑަށް ނުވައްދައި ސަޕޯޓަރުން ކިޔޫގައި މަޑުކުރުވި ސެކިއުރިޓީ ސްޓާފުންގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ފިޔަވަޅު އަޅަން އިދާރާތަކަށް ގޮވާލައިފަ އެވެ. އަދި އެ ހާދިސާތައް ތަހުގީގުކޮށް ތަފްސީލީ ރިޕޯޓެއް ދެ ކުލަބަށް ވެސް ފޮނުވަން ސަރުކާރުގެ އިދާރާތަކަށް ވެސް ވަނީ އަންގައިފަ އެވެ.
ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވި ބައި ގަޑިއިއެއްހާއިރަށް މެޗު ލަސްކުރަން ޖެހުމާ ގުޅިގެން ޔޫއެފާއިން ނެރޭ މިނިވަން ރިވިއު ލީޑް ކުރަނީ ޕޯޗުގަލްގެ ކުރީގެ ސްޕޯޓްސް މިނިސްޓަރު ތިއާގޯ ބްރަންޑައޯ ރޮޑްރިގޭޒް އެވެ. އޭނާ އަކީ ޕޯޗުގީޒް ފުޓުބޯޅަ ފެޑެރޭޝަނުގެ އެގްޒެކެޓިވް، ތިއާގޯ ކްރަވެއިރޯއާ ގާތް ބޭފުޅެއް ކަމުން ޔޫއެފާގެ ރިވިއުގެ މިނިވަން ވާނެ ކަމާމެދު ލިވަޕޫލްގެ ސަޕޯޓާސް ޔޫނިއަން އިން ވަނީ ސުވާލު އުފައްދައިފަ އެވެ. މި އަހަރުގެ ކުރީކޮޅު ކްރަވެއިރޯ އަށް ވަނީ ޔޫއެފާގެ އެޑްވައިޒަރީ މަގަމާކާ ހަވާލުވެފަ އެވެ.
މެޗު ފެށުން ލަސްވުމުގެ ސަބަބުން ޔޫއެފާ އާއި ފްރާންސްގެ އިދާރާ ތަކުން އޭރު ބުނެފައި ވަނީ ލަސްކުރަން ޖެހުނީ ސަޕޯޓަރުން ލަހުން ދަނޑަށް އަންނާތީ އާއި ސައްހަ ނޫން ފޭކް ޓިކެޓްތަކެއްގެ މައްސަލަ ދިމާވެގެން ކަމަށެވެ. ނަމަވެސް ކިޔުގައި ތޮއް ޖެހިފައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނާ ދެކޮޅަށް ފްރާންސްގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރި އެވެ.
ދަނޑަށް ވަންނަން ކިޔޫ ގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުން ގަޔަށް ފްރާންސްގެ ފުލުހުން ކަރުނަ ގޭސް ޖަހަނީ.--
ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު އަމެލީ އޮޑެއާ-ކަސްޓެރާ ވަނީ މި ކަންކަމުގައި ލިވަޕޫލް ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވަނީ، ރެއާލް މެޑްރިޑުން އެ ޓީމުގެ ސަޕޯޓަރުން ވަރަށް ރަނގަޅަށް ކޮންޓްރޯލް ކޮށްފައި ވާކަމަށާއި ނަމަވެސް ލިވަޕޫލް އިން ތިބީ ސަޕޯޓަރުން "އުކާލައިފަ" ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރުގެ މި ކޮމެންޓާ ގުޅިގެން ލިވަޕޫލްގެ ޗެއާމަން ޓޮމް ވާނާ ވަނީ އޭނާ އަށް ލިވަޕޫލް ކިބައިން މާފަށް އެދެން ޑިމާންޑް ކޮށްފަ އެވެ. ވާނާގެ ސިޓީގައި ވަނީ ދަނޑު ބޭރުގައި ހިނގާދިޔަ ހާދިސާ ތަކަކީ މެޗު ބަލަން ހާޒިރުވި ހުރިހާ ސަޕޯޓަރުންނަށް ވެސް ބިރުވެރި އަމަލުތަކެއް ކަމަށާއި، ނަމަވެސް ބައެއްގެ ބޮލުގައި އިލްޒާމް އަޅުވާ އިރު މެޗު އިންތިޒާމު ކުރި ފަރާތްތަކުގެ ގާބިލުކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ގެރަލްޑް ޑާމަނިން ވަނީ 30،000 އާއި 40،000 އެއްހާ ލިވަޕޫލް ސަޕޯޓަރުން ފޭކު ޓިކެޓް ހިފައިގެން ކިޔޫގައި ތިބި ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އޭނާއެ ކޮމެންޓުތަކަށް ރައްދުދީ ލިވަޕޫލްގެ ސީއީއޯ ބިލީ ހޯގަން ވަނީ އޭނާގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ތުހުމަތުތަކެއް ކަމަށާއި އޭނާ ވެސް ލިވަޕޫލް ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ދެ ޓީމުގެ ސަޕޯޓަރުން ވެސް މެޗަށް ފަހު ދަނޑުން ބޭރަށް ނުކުތް ވަގުތު އެހިސާބުގެ ގޭންގުތަކުން ސަޕޯޓަރުންނަށް ފުރައްސާރަކޮށް ފޭރުނު މައްސަލަވެސް ފެންމަތިވި އެވެ. އަދި ބައެއް ސަޕޯޓަރުން އެކި ހަމަލާތަކުގެ ޝިކާރައަށް ވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށް ވެސް ވެއެވެ.
"އަހަރެމެން ޔޫއެފާ އަށް ހުށަހަޅައިފައި ވާނެ ޖަވާބު ބޭނުންވާ 13 ކަމެއް ފާޙަގަ ކޮށްފައި، އެ ކަންކަން ތަހުގީގުކޮށް ވީހާވެސް އަވަހަކަށް އޭގެ ތަފްސީލު އަހަރެމެން ބޭނުންވޭ،" ހޯގަން ބުނެފައި ވެއެވެ.
ރެއާލް މެޑްރިޑުން ވެސް ވަނީ ފައިނަލް މެޗުގެ ކުރިން ހިނގާދިޔަ ކަންކަމާ ގުޅޭ ތަފްސީލު ހާމަ ކުރަން ޔޫއެފާ އަށް ގޮވާލައިފަ އެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހުނީ ރަޝިއާގެ ސެއިންޓް ޕީޓެސްބާގުގަ އެވެ. ނަމަވެސް ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމުން ޔޫއެފާ އިން ނިންމީ ޕެރިހުގައި ފައިނަލް މެޗު ކުޅޭށެވެ
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ކުއާޓާ ފައިނަލުގައި ލިވަޕޫލާއި ރެއާލްގެ ކުރިމަތިލުމެއް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް