Roadha Mihaaru
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން

އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން

18 ސެޕްޓެމްބަރ 2024

މެޑްރިޑް (ސެޕްޓެމްބަރު 18) - ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުގެ ޖާޒީގައި ކީލިއަން އެމްބާޕޭ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ރެއާލުން 3-1 އިން އަމިއްލަ ދަނޑުގައި ޖަރުމަންގެ ސްޓުޓްގާޓް ބަލިކޮށްފި އެވެ.

މެޑްރިޑް (ސެޕްޓެމްބަރު 18) - ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުގެ ޖާޒީގައި ކީލިއަން އެމްބާޕޭ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ރެއާލުން 3-1 އިން އަމިއްލަ ދަނޑުގައި ޖަރުމަންގެ ސްޓުޓްގާޓް ބަލިކޮށްފި އެވެ.

ދެ ވަނަ ހާފު ފަށައިގެނބް ފުރަތަމަ މިނިޓުގައި އެމްބާޕޭ ވަނީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ޖަރުމަން ޓީމުން ވިދާލި ޑެނިޒް އުންޑޭވް، ސްޓުޓްގާޓަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.

ރެއާލް މޮޅުވީ ފަހު 10 މިނިޓުގައި ޖެހި ގޯލުތަކުންނެވެ. އެގޮތުން 83 ވަނަ މިނިޓުގައި އެންޓޯނިއޯ ރުޑިގާ އަލުން ލީޑު ނަގައިދިން އިރު، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖަހައިދިނީ ޖޫޑް ބެލިންހަމްގެ ބަދަލުގައި އެރި، ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކެވެ.

ރެއާލުގެ ބްރެޒިލް ފޯވާޑް އެންޑްރިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ރެއާލުގެ ބްރެޒިލް ފޯވާޑް އެންޑްރިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޑެނީ ކާވަހާލް ދިން ބޯޅައަކުން ޖެހި ގޯލާ އެކު އެންޑްރިކް މިވަނީ، 1995 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ލެޖެންޑް ރައުލް ގޮންޒާލެޒް 18 އަހަރާއި 113 ދުވަހުގައި ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގުގައި ގާއިމް ކުރި، ކްލަބްގެ ރެކޯޑް މުގުރާލައިފަ އެވެ. އެންޑްރިކް ގޯލު ޖެހީ އުމުރުން 18 އަހަރާއި 58 ދުވަހުގަ އެވެ.

އާ ފޯމެޓުގައި ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. ލީގު ބުރުގައި ކޮންމެ ޓީމަކުން ވެސް ވާދަ ކުރާނެ އަށް ޓީމެއް ވަނީ ގުރުއަތަކުން ހޮވައިފަ އެވެ.

ނޮކްއައުޓް ބުރަށް ދާނީ 36 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމުގެ އިތުރުން، ރޭންކިންގައި ދެން ކުރީގައި އޮތް 16 ޓީމު ޕްލޭއޮފް މެޗުތަކެއް ކުޅެގެން މޮޅުވާ އަށް ޓީމެވެ.

މި ފޯމެޓުގައި ރޭ، ލިވަޕޫލާއި ޔުވެންޓަސް އަދި އެސްޓަން ވިލާ އާއި ސްޕޯޓިން ވެސް ވަނީ މޮޅުވެފަ އެވެ.

ސެން ސީރޯ ގައި އޭސީ މިލާނާ ވާދަކޮށް ލިވަޕޫލް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ.

އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލުސިކް ތިން ވަނަ މިނިޓުގައި މިލާނަށް ލީޑު ނަގައިދިން ނަމަވެސް 23 ވަނަ މިނިޓުގައި އިބްރާހިމާ ކޮނާޓޭ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލަށް ލީޑު ނަގައިދިނީ ވާޖިލް ވެން ޑައިކް އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު މިލާންގެ ގޯލްކީޕަރު މައިކް މައިނާން އަށް އަނިޔާ ވެގެން ވަނީ ބާލައިފަ އެވެ. ބަދަލުގައި އެރީ އިޓަލީގެ 19 އަހަރުގެ ކީޕަރު ލޮރެންޒޯ ޓޮރިއާނީ އެވެ. މިއީ އޭނާ މިލާނުގެ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ލިވަޕޫލުގެ ތިން ވަނަ ގޯލު ޑޮމިނީކް ސޮބޮޒްލާއީ ޖެހީ އޭގެ ފަހުންނެވެ.

އިޓަލީގެ ޔުވެންޓަސް ވަނީ 3-1 އިން އަމިއްލަ ދަނޑިގައި ނެދަލެންޑްސްގެ ޕީއެސްވީ ބަލިކޮށްފަ އެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ކެނާން ޔިލްޑީޒް އާއި ވެސްޓޮން މެކެނީ އަދި ނިކޮލަސް ގޮންޒާލެޒް އެވެ. ޕީއެސްވީން ލަނޑު ޖެހީ 90 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގަ އެވެ.

އެސްޓަން ވިލާ ވަނީ ސްވިޒަލެންޑުގައި އެ ގައުމުގެ ޔަންގް ބޯއީޒްއާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. ވިލާގެ ގޯލުތައް ޖަހައިދިނީ ޔޫރީ ޓީލެމަންސް އާއި ޖޭކޮބް ރަމްސޭ އަދި އަމަޑޫ އޮނާނާ އެވެ.

ޕޯޗުގަލްގެ ސްޕޯޓިން މޮޅުވީ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިލް ލޮސްކް އާ ވާދަކޮށް 2-0 އިންނެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ވިކްޓޯ ގްޔޯކެރޭސް އާއި ޒެނޯ ޑެބާސްޓް އެވެ.