Roadha Mihaaru
ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް

ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެ

07 ނޮވެމްބަރ 2022

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ ސީޒަނުގެ މުބާރާތުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ރަނަރަޕް އިންގްލެންޑުގެ ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ ސީޒަނުގެ މުބާރާތުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ރަނަރަޕް އިންގްލެންޑުގެ ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ މި މުބާރާތުގައި ފަހަކަށް އައިސް މި ދެ ޓީމު ބައްދަލުކުރަން ޖެހުނު ތިން ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ފައިނަލުން 1-0 އިން ރެއާލް މޮޅުވިއިރު، 2018 ގެ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް 3-1 އިން ބަލިކޮށްފަ އެވެ.

މުބާރާތުގެ ގުރުނެގުން އޮތީ މިއަދު މެންދުރު ސްވިޒަލެންޑުގެ ނިޔޯންގައި ހުންނަ ޔުއެފާގެ ހެޑްކުއާޓަރުގަ އެވެ.

ދެ ވަނަ ބުރުގެ އެހެން ކުރިމަތިލުންތަކަށް ބަލާއިރު ފޭވަރިޓުން ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހުނީ ޖަރުމަނުގެ އާރްބީ ލީޕްޒިގާ އެވެ. އަދި އެހާމެ ވަރުގަދަ ޓީމެއް ކަމަށްވާ ފްރާންސްގެ ޕީއެސްޖީ ވާދަކުރަން ޖެހުނީ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކާ އެވެ.

މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އެކަމަކު އަހަރުތަކަށް ފަހު ދެ ވަނަ ބުރުން ފުރުސަތު ހޯދި އިޓަލީގެ އޭސީ މިލާން ލައްވާލީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.

މިލާންއާ ވާދަވެރި އިޓަލީގެ އިންޓަ މިލާން ބައްދަލުކުރާނީ ޕޯޗުގަލްގެ ޕޯޓޯއާ އެވެ.

ގްރޫޕް ސްޓޭޖުގައި އެންމެ ތަފާތު ކުޅުމެއް ދެއްކި ޓީމު ކަމަށްވާ އިޓަލީގެ ނަޕޯލީ އަށް ލައްވާލީ ނިސްބަތުން ފަސޭހަ ޓީމެއް ކަމަށްވާ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓެވެ.

އިންގްލެންޑުގެ ޗެލްސީ ވާދަކުރަން ޖެހުނީ ޖަރުމަނުގެ ވަރުގަދަ ޓީމެއް ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14، 15، 21 އަދި 22 ގަ އެވެ.

ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ޕްލޭއޮފް ބުރުގެ ގުރު ވެސް ވަނީ މިއަދު ނަގައިފަ އެވެ.

އެންމެ ފާހަގަކުރެވެނީ ސްޕެއިނުގެ ބާސެލޯނާ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުމެވެ. މިއީ އަހަރުތަކެއް ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވާދަކޮށްފައިވާ ވަރުގަދަ ދެ ޓީމެވެ.

އިޓަލީގެ ޔުވެންޓަސް ވާދަކުރަން ޖެހުނީ ފްރާންސްގެ ނޯންޓްސްއާ އެވެ. އަދި އިޓަލީގެ ރޯމާ ލައްވާލީ އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަަމަށްވާ ސްޕެއިނުގެ ސެވިއްޔާ ބައްދަލުކުރާނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ އެވެ.

ޗެމްޕިއަންސް ލީގު ދެ ވަނަ ބުރު

އާރްބީ ލީޕްޒިގް (ޖަރުމަން) – މެންޗެސްޓާ ސިޓީ (އިންގްލެންޑް)

ކްލަބް ބްރުގެސް (ބެލްޖިއަމް) – ބެންފީކާ (ޕޯޗުގަލް)

ލިވަޕޫލް (އިންގްލެންޑް) – ރެއާލް މެޑްރިޑް (ސްޕެއިން)

އޭސީ މިލާން (އިޓަލީ) – ޓޮޓެންހަމް ހޮޓްސްޕާސް (އިންގްލެންޑް)

އެއިންޓްރެކްޓް ފްރެންކްފަޓް (ޖަރުމަން) – ނަޕޯލީ (އިޓަލީ)

ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން) – ޗެލްސީ (އިންގްލެންޑް)

އިންޓަ މިލާން (އިޓަލީ) – ޕޯޓޯ (ޕޯޗުގަލް)

ޕީއެސްޖީ (ފްރާންސް) – ބެޔާން މިއުނިކް (ޖަރުމަން)