Roadha Mihaaru
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް

ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް

22 ފެބުރުއަރީ 2023

ލިވަޕޫލް (ފެބްރުއަރީ 22) - ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި 5-2 އިން ރެއާލް މެޑްރިޑް މެޗު ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ފެބްރުއަރީ 22) - ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި 5-2 އިން ރެއާލް މެޑްރިޑް މެޗު ކާމިޔާބު ކޮށްފި އެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑަކީ މިދިޔަ އަހަރުގެ ފައިނަލް ގައި ވެސް ވާދަކުރި ދެ ޓީމެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓުގައި ލިވަޕޫލުން ލީޑު ނެގީ މުހައްމަދު ސަލާހުގެ ހުރަހެއް ބެކްހީލުން ޖަހައި ޑާވިން ނޫނޭޒް ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން ކީޕަރު ތިބައު ކޯޓުއާ އަތުން ދޫވި ބޯޅައަކުން ލީޑް ފުޅާ ކޮށްދިނީ ސަލާހެވެ.

ލިވަޕޫލުން ފޯރީގައި މެޗް ފެށި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ ވިނީޝިއަސް ޖޫނިއާގެ ދެ ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިންއިރު އެއްވަރު ކުރީ 36 ވަނަ މިނިޓުގައި އެލިސަން ބެކާ ކުރިއަށް ޖެހި ބޯޅަ ވިނީޝިއަސް ފައިގައި ޖެހިފައި ގޯލަށް އޮއްސުނު ބޯޅައިންނެވެ.

ދެވަނަ ހާފުގައި ވެސް ޗެމްޕިއަން ރެއާލުން ހުއްޓައެއް ނުލި އެވެ. އެގޮތުން ދެވަނަ މިނިޓުގައި އޭރިއާ ރޮނގާ ކައިރިން އަރިމަތިން ވިނީޝިއަސް ވައްޓާލުމުން ދިން ހިލޭޖެހުން ފޮނުވާލީ ލޫކާ މޮޑްރިކެވެ. ރެއާލުން ފުރަތަމަ ލީޑު ނެގީ މޮޑްރިކް ހުރަސްކޮށްލި ބޯޅަ އެޑާ މިލިޓާއޯ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ އަށް މިނިޓު ފަހުން ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޖޯ ގޯމޭޒް ފައިގައި ޖެހުމުން ކީޕަރަށް އޮޅުނީމަ އެވެ. ބެންޒެމާގެ ދެވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް އެންމެ ފަހުން ލިވަޕޫލް ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ރެއާލް ވަނީ އޭގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން ލިވަޕޫލުން ކުރަން ޖެހޭ މަސައްކަތް މިވަނީ އިތުރު ވެފަ އެވެ. މުބާރާތުގައި އޮންނަން ބޭނުން ނަމަ ދެވަނަ ލެގުގައި އެޓީމުން ހަތަރު ގޯލުގެ ތަފާތަކުން ރެއާލްގެ ދަނޑުގައި ރެއާލް ބަލިކުރަން ޖެހެ އެވެ.

އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕުން ވެސް ކަޓާފައިވާ ލިވަޕޫލް ލީގުގައި މިވަގުތު އޮތީ ލީގުގެ އަށްވަނައިގަ އެވެ. ލީގުގައި ދަށް ނަތީޖާތަކެއް ލިބެމުން ދިޔަ ނަމަވެސް އެޓީމުން ވަނީ މި ފަހުން ނަތީޖާތައް ރަނގަޅުކޮށް އަލުން ގަދަ ހަތަރަކަށް އެރޭނެ ކަމުގެ އުންމީދު ހޯދައިފަ އެވެ. ސްޕެއިން ލީގުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި، ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓާ ވާދަކޮށް 2-0 އިން ކާމިޔާބު ކުރީ އިޓަލީ ލީގުގައި ރަސްކަން ކުރަމުން އަންނަ ނަޕޯލީ އެވެ.

ލީޑު ނަގަން ނަޕޯލީ އަށް ލިބުނު ޕެނަލްޓީ ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް ދިފާއު ކުރި ނަމަވެސް ވިކްޓާ އޮސީމެން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގައިދީފަ އެވެ. އޮސީމެން އަކީ އިޓަލީ ލީގުގެ ވެސް ލަނޑު ލިސްޓު ލީޑު ކުރާ ކުޅުންތެރިޔާ އެވެ.

ދެވަނަ ހާފުގައި ފްރޭންކްފާޓްގެ ސްޓްރައިކަރު ރަންޑަލް ކޯލޯ މުއާނީ އަށް ރަތް ކާޑެއް ދައްކާފައި ވަނިކޮށް ނަޕޯލީގެ ދެވަނަ ލަނޑު ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯ އެވެ.