Roadha Mihaaru
"މޭޑް މެކްސް"ގެ ޕްރީކުއެލް ޝޫޓިން ފަށައިފި

"މޭޑް މެކްސް"ގެ ޕްރީކުއެލް ޝޫޓިން ފަށައިފި

03 ޖޫން 2022

ޓޮމް ހާޑީ ލީޑު ކުޅުނު، ބޮޑު ހިޓު ފިލްމު "މޭޑް މެކްސް: ފިއުރީ ރޯޑް"ގެ ޕްރީކުއެލް ފިލްމުގެ ޝޫޓިން މަސައްކަތް ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ޓޮމް ހާޑީ ލީޑު ކުޅުނު، ބޮޑު ހިޓު ފިލްމު "މޭޑް މެކްސް: ފިއުރީ ރޯޑް"ގެ ޕްރީކުއެލް ފިލްމުގެ ޝޫޓިން މަސައްކަތް ފަށައިފި އެވެ.

ސައިފައި ޑިސްޓޯޕިއަން ފިލްމު މޭޑް މެކްސް ނެރެފައިވަނީ 2015 ވަނަ އަހަރުގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި ޝަރަފުވެރި އެވޯޑުތައް ވެސް ލިބިފައިވެ އެވެ.

އެ ކާމިޔާބީއާ އެކު ފިލްމުގެ ޕްރީކުއެލްއެއް އުފައްދާނެ ކަމަށް އިއުލާނުކުރި އެވެ. މޭޑް މެކްސް: ފިއުރީ ރޯޑްގެ ޑައިރެކްޓަރު ޖޯޖް މިލާ ޑައިރެކްޓު ކުރާ ޕްރީކުއެލް އަށް ކިޔާނީ "ފިއުރިއޯސާ" އެވެ.

ފިއުރިއޯސާ އަކީ މޭޑް މެކްސް ފިލްމުގައި އަންހެން ލީޑް ރޯލުން ފެނިގެންދިޔަ ކެރެކްޓަރަށް ކިޔާ ނަމެވެ. އެ ރޯލުން ފެނިފައިވަނީ މަޝްހޫރު އެކްޓަރު ޝާލީޒް ތިރޯން އެވެ.

އަލަށް ނެރޭ ފިލްމުގެ ޝޫޓިން އިއްޔެ ފެށިއިރު ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފިލްމުގެ ފެންނަ އިވެންޓުތަކަކީ 15 އަހަރުގެ މުއްދަތު ދައްކައިދޭނެ އިވެންޓުތަކެއް ކަމަށް މިލާ ބުނެ އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ އާންޔާ ޓޭލާ ޖޯއި އާއި ކްރިސް ހެމްސްވޯތު އަދި ޔަހުޔާ އަބްދުލް މަތީން އާއި ޓޮމް ބާކް އެވެ. ފިލްމު ނެރޭ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.