Roadha Mihaaru
މޯބިއަސް މީމް ގިނަވެ ފިލްމު އަލުން ސިނަމާއަށް

މޯބިއަސް މީމް ގިނަވެ ފިލްމު އަލުން ސިނަމާއަށް

05 ޖޫން 2022

މާވެލް ކޮމިކްސްގެ ފިލްމުތަކުގެ ތެރެއިން ބިރުވެރި އަދި ފެންޓަސީ ޖޯންރާގެ ފުރަތަމަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މޯބިއަސް" އަށް ޖޯކު ޖަހައި މީމްތައް ވައިރަލް ވާން ފެށުމުން ފިލްމު އަނެއްކާ ވެސް ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މާވެލް ކޮމިކްސްގެ ފިލްމުތަކުގެ ތެރެއިން ބިރުވެރި އަދި ފެންޓަސީ ޖޯންރާގެ ފުރަތަމަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މޯބިއަސް" އަށް ޖޯކު ޖަހައި މީމްތައް ވައިރަލް ވާން ފެށުމުން ފިލްމު އަނެއްކާ ވެސް ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.

ޖޭރެޑް ލީޓޯ ލީޑު ރޯލުން ފެންނަ މޯބިއަސް އަކީ އާންމުކޮށް މާވެލް ފިލްމުުތަކާ ތަފާތު ބިރުވެރި ފިލްމެއް ކަމަށް ޕްރޮޑަކްޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ ފޭނުން ތިބީ ގިނަ އުއްމީދުތަކެއް ވެސް ކޮށްގެންނެވެ.

ނަމަވެސް ފިލްމު އެޅުވުމާ އެކު އެ ފިލްމު ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ. ބޮކްސް އޮފީހުގައި ކާމިޔާބު ނުވި އިރު ރޭޓިންތަކުންނާއި ރިވިއު ތަކުން ވެސް ފިލްމު ބަލައެއް ނުގަތެވެ.

ނަމަވެސް މިދިޔަ ހަފުތާ ގައި އެ ފިލްމު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. ފިލްމުގައި ހިމަނާފައިވާ ސަބްޓައިޓަލް ކޮޅެއް އެ ފިލްމުން ފެނުމާ އެކު ގިނަ ބަޔަކަށް އެކަން ވެގެން ދިޔައީ މަޖާ ކަމަކަށެވެ.

"މޯބިން ޓައިމް" ނަމަކަށް ކިޔާ މީމް އުފެދިގެން މިދިޔަ ހަފުތާ އެއްކޮށް ގިނަ ބަޔަކު ދެއްކީ އެ ފިލްމުގެ ވާހަކަ އެވެ.

ފިލްމަށް މިދުވަސްކޮޅު ލިބޭ ސަމާލުކަމާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ސޮނީން ބުނެފައިވަނީ އެ ފިލްމު އަލުން ސިނަމާގައި އަޅުވާނެ ކަމަށެވެ. އެމެރިކާގެ 1،000 ސިނަމާއެއްގައި އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު އެހެން ގައުމުތަކުގެ ސިނަމާތަކުގައި ވެސް ފިލްމު އަޅުވާނެ ކަމަށް ސޮނީން ބުންޏެވެ.

އެ ފިލްމަށް ލިބޭނީ ކިހާވަރެއްގެ ތަރުހީބެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް މި އަންނަ ހަފުތާއިން ފެށިގެން އެ ފިލްމު ސިނަމާތަކުގައި އަލުން އަޅުވާނެ އެވެ.