Roadha Mihaaru
ފަލަސްތީނުގެ ނޫސްވެރިއަކާއި ދެ ޒުވާނުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ނޫސްވެރިއަކާއި ދެ ޒުވާނުން ޝަހީދުކޮށްލައިފި

02 ޖޫން 2022

އަލް ޖަޒީރާގެ އަރަބި ޓީވީ ޗެނަލްގައި މަސައްކަތް ކުރާ، ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި މަރައިލިތާ ތިން ވަނަ ހަފުތާގެ ތެރޭގައި، އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.

އަލް ޖަޒީރާގެ އަރަބި ޓީވީ ޗެނަލްގައި މަސައްކަތް ކުރާ، ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި މަރައިލިތާ ތިން ވަނަ ހަފުތާގެ ތެރޭގައި، އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ނޫސްވެރިއަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.

އޭގެ އިތުރުން އިއްޔެ އިން ފެށިގެން އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަން ހިންގަމުންދާ އުދުވާނީ އަމަލުތަކުގައި، ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ދެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ. ނޫސްވެރިޔާ އަށް ފަހު، އިއްޔެ ދެ ވަނަ އަށް ޝަހީދުކޮށްލީ ފަލަސްތީނުގެ ޖެނީން އަވަށުގައި ދިރިއުޅޭ ބިލާލް ކަބްހާ، 24، އެވެ.

އޭގެ ފަހުން މިއަދު ފަތިހު ބައިތު ލަހުމް ކައިރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކެއްގައި، ބަޑި ޖަހައި ފަލަސްތީނުގެ އިތުރު ޒުވާނަކު ޝަހީދުކޮށްލި އެވެ. އުމުރުން 21 އަހަރުގެ އައިމަން މަހްމޫދު މުހައިސިންގެ ފުރާނަ ދިޔައީ، އޭނާގެ ގަޔަށް ވަޒަން އެރުމުން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ މެޔާއި ފައިގެ ފަލަމަސްގަނޑުގައި އިޒްރޭލު ސިފައިން ޖެހި ބަޑީގެ ދެ ވަޒަން ހަރުލާފައި ހުއްޓެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ވަދެގަނެ އިއްޔެއާއި މިއަދު ހިންގި އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

އިއްޔެ އެންމެ ފުރަތަމަ ޝަހީދު ކޮށްލި ނޫސްވެރިޔާ، ޣުފްރާން ވަރާސިނާއަކީ އިޒްރޭލުގެ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު މިނިވަންކޮށްފައި ހުރި، ފަލަސްތީނުގެ ރޭޑިއޯ ޗެނަލެއްގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ. އޭނާގެ ގަޔަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖެހީ، އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ހުޅަނގު އައްސޭރީގެ ޚަލީލު ސަހަރުގެ އަލްއަރޫބް ފޭލިގެ އަވަށުގެ ކައިރިންނެވެ.

އަލްއަރޫބް ފޭލިގެ އަވަށުގެ މައި ދޮރޯށި ކައިރީގައި ހުއްޓައި ވަރާސިނާގެ ގަޔަށް ބަޑި ޖެހުމުން ވަގުތުން އޭނާ ބިންމައްޗަށް ވެއްޓުނެވެ. އެ ވަގުތު އޭނާގެ ގާތުގައި ތިބި މީހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރުމުން، އިޒްރޭލު ފުލުހުން ވަނީ އޭނާއާ ކައިރިވުން މަނާކޮށްފަ އެވެ. އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި، ވަރާސިނާ ހޮސްޕިޓަލަށް ގެންދެވޭވަރުވީ، އޭނާގެ ހަށިގަނޑަށް ބަޑީގެ ވަޒަން އެރިތާ ބައި ގަޑިއިރު ފަހުންނެވެ.

ވަރާސިނާ ވެއްޓިފައި އޮތް ތަނަށް އޭނާގެ ގައިން ލޭތައް އޮހޮރެމުން ދިޔައިރު ވެސް، އިޒްރޭލު ސިފައިން އޭނާ އަށް ފަރުވާއެއް ދިނުމެއް ނެތި، އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ވެސް ގެންދިޔައީ ހުރަސްއަޅަމުންނެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ވަރާސިނާގެ ފުރާނަ ދިޔައީ، ޚަލީލު ސަހަރުގައި ހުރި ހޮސްޕިޓަލަށް ގެންދިޔަތާ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

އިޒްރޭލު ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަވާސިނާގެ ގަޔަށް ބަޑި ޖަހަން ޖެހުނީ، ވަޅިއެއް ހިފައިގެން ހުރެ އިޒްރޭލު ސިފައިންގެ ބަޔަކާ ދިމާއަށް އަންނަން ފެށުމުންނެވެ. ނަމަވެސް ފަލަސްތީނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރަވާސިނާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާ ގެއިން ނުކުމެގެން އޭނާ މަސައްކަތްކުރާ ރޭޑިއޯ ސްޓޭޝަނަށް ދަނިކޮށެވެ. އޭރު އޭނާގެ އަތުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނެތެވެ.

ވަރާސިނާގެ ގަޔަށް ބަޑި ޖަހައި މަރައިލުމާ ގުޅިގެން، އަލްއަރޫބް ފޭލިގެ އަވަށުގެ މައި ދޮރޯށި ކައިރީގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތަކެއް ހިނގި އެވެ.

އިއްޔެގެ މި ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްތީނުގެ ޚާރިޖިއްޔާ އިން ވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެ ކޯޓުގެ މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކޮށް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގާ އުދުވާނީ އަމަލުތައް ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ.