Roadha Mihaaru
ކުދިންތަކަކަށް މުއްދަތުހަމަވި ވެކްސިން ދިން މައްސަލައެއް

މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ބަލަނީ

27 މެއި 2022

މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ހެލްތު މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ހެލްތު މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި އެވެ.

މިނިސްޓަރު އަހުމަދު ނަސީމް "މިހާރު" އަށް ރޭ ވިދާޅުވީ، މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެކަން އިތުރަށް ބަލަމުން އަންނާތީ އެ ކުދިންގެ ގަޔަށް ޖެހީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ސާފެއް ނުވެ އެވެ.

"އެއީ ހިނގި ކަމެއް ކަމަކަށް އަދި ނޭނގޭ. އެކަން ތަހުގީގުކުރީމާ އެނގޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވެކްސިން ވަޔަލްގެ ފޮޓޯއަކާއެކު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އެ އަވަށުގެ ގިނަ ބައެއްގެ ފަރާތުން ލިބޭ ކަމަށެވެ. އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެ ފޮޓޯގައިވާ ގޮތުން ފެބްރުއަރީ 2020 ގައި އުފެއްދި އެ ވެކްސިން ވަނީ މިދިޔަ ޖެނުއަރީ އެކެއްގައި މުއްދަތު ހަމަވެފަ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓުގައި ބުނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހައިފި ނަމަ އެ ވެކްސިން އަލުން ޖަހަން ޖެހޭނެ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވި ޑޯޒަކީ ލައިވް ވައިރަސް ވެކްސިނެއް ނަމަ، އެ ޑޯޒް ރިޕީޓްކުރަން މަދުވެގެން ހަތަރު ހަފުތާ މަޑުކުރަން ޖެހޭނެ އެވެ. އެކަމަކު، އެ ދުވަހު އެކަން ދެނެގަނެވިއްޖެ ނަމަ، އެ ޑޯޒު ހަމަ އެ ދުވަހު ރިޕީޓް ކުރެވޭނެ ކަމަށް ސީޑީސީގެ ވެބްސައިޓުގައި ބުންޏެވެ.