Roadha Mihaaru
18 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާ ބެހޭ ދަފްތަރެއް

18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރަނީ

15 ޖެނުއަރީ 2020

ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ހިމަބިއްސާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ، ވަކި ރަށެއް އިސްތިސްނާ ނުކޮށް، ރާއްޖޭގައި ތިބި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ވެކްސިން ނުޖަހައި ތިބި ކުދިން ފާހަގަކޮށް، އެ ކުދިންނަށް ވެކްސިން ޖަހާނެ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ 48 ރަށެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. އަދި މި ހަފުތާގެ ނިޔަލަށް ހުރިހާ ރަށަކުން މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގައި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ؟ އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އުއްމީދު ކުރަނީ މާދަމާ އަޅުގަނޑުމެންނަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައި ލެވޭނެ ކަމަށް،" ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވެސް ރަށެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ކުދިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލާފައި ދެން އެ ހިސާބުން ރަށްރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ."

ހެލްތު މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ވެކްސިން ޖެހުމަށް އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ.

ހުމުގެ އަލާމާތްތަކާ ގުޅިގެން 15 މީހަކު މިއަދު ވެސް ހިމަބިއްސަށް ޓެސްޓުކުރި އެވެ. އެކަމަކު، އެ ހުރިހާ އެންމެން ވެސް އެ ބައްޔަށް ނެގެޓިވް އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގައި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ؟ އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އުއްމީދު ކުރަނީ މާދަމާ އަޅުގަނޑުމެންނަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައި ލެވޭނެ ކަމަށް،" އަމީން

އަމީން ވިދާޅުވީ އިއްޔެ އިން ފެށިގެން މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރި ތިން މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާދަޔާ ހިލާފަށް ހިމަބިހި ފެތުރިއްޖެ ހާލަތަކަށް ވިސްނައި، ސަރުކާރުގެ ހުރިހާ އިދާރާއަކުން ވަނީ ފުރިހަމަ އަށް ތައްޔާރުވެ، އެކަމަށް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ވަކިން ފަރުވާ ދޭން ޖެހިއްޖެ ނަމަ، އެކަމަށް ވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ވެކްސިން ފޯރުކޮށްދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިމަބިއްސާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަނީ އެކަމާ ގުޅޭ ޓާސްކް ފޯހަކުންނެވެ. އެ ޓީމުގައި ކަމާބެހޭ ހުރިހާ އިދާރާއެއްގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

"ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ފޯރުކޮށްދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ އަދި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ގާއިމްކުރެވިފައި މި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.