Roadha Mihaaru
ދެ ލައްކަ މީހުންނަށް ވެކްސިން ހަމަޖެހިއްޖެ

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ހިމަބިހީގެ ވެކްސިން ހަމަޖެހިއްޖެ

14 ޖެނުއަރީ 2020

ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށް ދޭ އެމްއާރް ވެކްސިން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބެނޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށް ދޭ އެމްއާރް ވެކްސިން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބެނޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާދަޔާ ހިލާފަށް ގިނައިން ހިމަބިހި ފެތުރިގެން ނުދާ ހާލަތުގައި ވެކްސިން ދެވޭ ވަރަށް މިހާރު ވެސް ރާއްޖޭގައި ވެކްސިން އެބަހުރި ކަމަށެވެ. އަދި ސިއްހީ ދާއިރާގައި، ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ ފަަރާތްތަކަށް މިހާރު ވެސް ވެކްސިން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައިނަލްއަގުވާމި ފަރާތްތަކާ، ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެކެވި މިވަގުތުން މިވަގުތަށް އަޅުގަނޑުމެންނަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައި،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިބޭ ގޮތަށް ހަމަޖެހުނު ވެކްސިން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ ވަރު ވާނެ ކަމަށެވެ.

ހިމަބިހި ކޮންޓްރޯލް ވިޔަސް ވެސިން ދިނުމުގެ ޕްރޮގްރާމެއް ތިން މަސް ދުވަހަށް ކުރިއަށް ގެންްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން މަސްދުވަހަށް އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނަން. އެ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުން ހުރިހާ އެންމެންނަށް ވެސް ވެކްސިން ދެވިފައި ތިބިކަން،" އަމީން ވިދާޅުވި އެވެ.

ހިމަބިހި ޖެހިގެން ތިން އަހަރުގެ ފިރިހެން ކުއްޖަކަށް މިދިޔަ ހަފުތާގައި ފަރުވާ ދީ، ދޫކޮށްލި ފަހުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ވަނީ ފެނިފަ އެވެ. ރާއްޖޭގައި ހިމަބިހި ފެތުރޭކަން އިއްޔެ ރަސްމީކޮށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.