Roadha Mihaaru
މިއަހަރު ތެލަށް އެއް ބިލިއަން ރުފިޔާ ހޭދަވާނެ: ރައީސް

ބަޖެޓުން މި އަހަރު ތެލަށް އެއް ބިލިއަން ރުފިޔާ ހޭދަވާނެ: ރައީސް

25 މެއި 2022

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައާ ހެދި ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދަ އެއް ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައާ ހެދި ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދަ އެއް ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަފުލާގައި އެ މަނިކުފާނު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަަނގުރާމައާ ހެދި ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން އެކަމުގެ އަސަރުތައް، ރާއްޖޭގައި ވިއްކާ ތަކެތީގެ އަގުތަކުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ތެލުގެ ހަރަދަށް 400 އެއްހާ މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް އެ އަދަދު މިހާރު އެއް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ރާއްޖެ އަށް އިމްޕޯޓުކުރާ ތަކެއްޗަށް ކުރާ ހޭދަ ވެސް އިތުރަށް އުފުލޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިމްޕޯޓު ކުރާ އެހެން މުދާތަކަށް ބަޖެޓުން އިތުރު ހަރަދު ކުރަން ޖެހިއްޖެ. އަޅުގަނޑުމެންގެ އިގްތިސާދު އެހެން ނަމަވެސް އިރާދަކުރެއްވީތީ އަމާޒު ހުރީ ރަނގަޅަށް. ޓޫރިސްޓު އެރައިވަލް އިތުރު. އަމާޒު ކުރި އާމްދަނީ އަންދާޒާ އަށް ވުރެ އިތުރު،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކުރަން ޖެހުނު އިތުރު ހަރަދުތަކާ ހެދި އަޅުގަނޑުމެން މި ވަނީ އެއާ ދޭތެރޭ ވިސްނަން ޖެހިފައި."

މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ވާހަކަ މައުލޫމާތަށްޓަކައި ޔަގީންކަމާ އެކު ދަންނަވާލަން،"--- ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން ކުރިން ރިސޯޓުތަކުގެ ކުލި ކުޑަކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލުން އެ ބައި އުނިކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އަންނަނީ ދައުލަތުގެ ދަރަނި އަދާކޮށް، އިތުރަށް ދަރަނި ނަގަމުން ކަމަށާއި މި އަހަރުގެ ދަރަނި އަނބުރާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގައި ވެސް ދަރަނި އަދާކުރަން ސަރުކާރަށް އެެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނެ ވާހަކަ ދަންނަވާލަން. މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ވާހަކަ މައުލޫމާތަށްޓަކައި ޔަގީންކަމާ އެކު ދަންނަވާލަން،" ރާއްޖޭގެ އިގްތިސާދާ މެދު އޮތް ޔަގީންކަމާއި އިތުބާރު ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އަދި ހަމައެއާއެކު ކުރިއަށް އޮތް އަހަރު 2023، 2024 ވަނަ އަހަރު ވެސް އެއްވެސް ދައްޗެއް ނެތި ބަޖެޓު ކުރެވިފައިވާ ގޮތަށް އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިގްތިސާދީ ގޮތުން ދަތިތަކެއް ހުއްޓަސް ހަރަދުތައް މެނޭޖްކުރަން ކުރިއަށް އޮތްތަނުގައި ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.