Roadha Mihaaru
ސަބްސިޑީ ފައިސާގެ ބޮޑު ބައި ހޭދަކޮށްފި

ސަބްސިޑީ ފައިސާގެ ބޮޑު ބައި ހޭދަކޮށްފި

21 މެއި 2022

ސަރުކާރުން ސީދާ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް، އަހަރު ދެބައިވުމުގެ ކުރިން ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ސީދާ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް، އަހަރު ދެބައިވުމުގެ ކުރިން ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ސަބްސިޑީއަށް ކަނޑައެޅި ބަޖެޓުގެ 62 ޕަސެންޓް ވަނީ ހޭދަކޮށްފަ އެވެ. ސަބްސިޑީގެ ގޮތުގައި ބަޖެޓްކޮށްފައިވަނީ 825 މިލިއަން ރުފިޔާ އެވެ. ސަބްސިޑީގެ ބަޖެޓުން 500 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާތީ މިއަހަރުގެ ބާކީ އޮތް ބަޔަށް ދެން އޮތީ 300 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ވެސް ސީދާކޮށް އަދި ނުސީދާކޮށް ވެސް އާންމުންގެ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށާއި އާންމުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދޭން އެކި ދާއިރާތަކުން ސަބްސިޑީ ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން ގިނައީ ނުސީދާ ގޮތެއްގައި އާންމުންނަށް ދޫކުރާ ސަބްސިޑީތަކެވެ.

މުހިންމު ބައެއް ސަބްސިޑީ

▪️ ދަތުރުފަތުރަށް 254 މިލިއަން ރުފިޔާ

▪️ ކުނި މެނޭޖް ކުރަން 15 މިލިއަން ރުފިޔާ

▪️ ތެލުގެ އަގު ކޮންޓްރޯލް ކުރަން 340 މިލިއަން ރުފިޔާ

▪️ ކަރަންޓުގެ އަގު ކޮންޓްރޯލްކުރަން 540 މިލިއަން ރުފިޔާ

▪️ ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން 280 މިލިއަން ރުފިޔާ

ދަތުރުފަތުރަށް ކަނޑައަޅާފައިވާ ފައިސާ ދެނީ އާންމު ދަތުރުފަތުރުގެ ހިދުމަތް ދޭ އެމްޓީސީސީއަށެވެ. ތެލުގެ އަގު ކޮންޓްރޯލް ކުރަން ދޭ ސަބްސިޑީ ދެނީ އެސްޓީއޯ މެދުވެރިކޮށެވެ.

ސަބްސިޑީ އާއި ވެލްފެއާ ހަރަދުތަކަށް ދައުލަތުގެ ބަޖެޓުން 1.4 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ކަރަންޓަށް 540 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން 280 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ދެމުން އަންނަ އެހީތައް މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ އިރު ނިކަމެތިންނާއި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެހެނިހެން އެހީތެރިކަން ބޭނުންވާ މީހުންނަށް ދޭ އެހީގެ ގޮތުގައި 363 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ދައުލަތުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓުން މިދިޔަ ފަސް މަސްތެރޭ 13 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.