Roadha Mihaaru
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު

ޓީޖެޓީ އަށް އަގު ކަނޑައެޅީ އެމްޕީއެލްގެ އާމްދަނީ ބެލުމަށް ފަހު: މުއިއްޒު

17 މެއި 2022

އެމްޕީއެލް އަކީ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވިޔަސް މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް، މާލޭ ސިޓީ ކައުންސިލަށް ދޭން ކައުންސިލުން ހުށަހެޅި އަގުތަކާ މެދު އެ ކުންފުނިން އެއްބަސްނުވި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޕީއެލް އަކީ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވިޔަސް މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް، މާލޭ ސިޓީ ކައުންސިލަށް ދޭން ކައުންސިލުން ހުށަހެޅި އަގުތަކާ މެދު އެ ކުންފުނިން އެއްބަސްނުވި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމުގައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީޖެޓީގެ މައްސަލައާ ގުޅިގެން މުއިއްޒު ވާހަކަ ދެއްކެވީ އެ ކުންފުނިން ހުށަހެޅި އަގަށް އެ ތަނުން ކުއްޔެއް ނެގުމަށް ކައުންސިލުން އެއްބަސްވެފައި ނުވާ ކަމަށާއި ކައުންސިލުން ބޭނުންވަނީ ވަރަށް ބޮޑު އަގެއް ނެގުމަށް ކަމަށް އެމްޕީއެލުން ބުނެފައިވާތީ ރައްދު ދެއްވަމުންނެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މިހާރުގެ މޭޔަރު މުއިއްޒު ހުންނަވައިގެންނެވެ.

މުއިއްޒު މިރޭ ވިދާޅުވީ، ޕޯޓުގެ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ މިލްކެއް ކަމަށެވެ. އެ ތަންތަން ކުރީގެ ސަރުކާރުގައި އެމްޕީއެލްއާ ވަގުތީ ގޮތުން ހަވާލުކުރީ ތިން އަހަރުގެ އެމްއޯޔޫއެއްގެ ދަށުން ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔަތާ ހައެއްކަ އަހަރުވެފައިވާތީ "އެއްބަސްވުމުގެ އަސްލު ވަނީ ނެތިގެން ގޮސްފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި ގާނޫނީ ގޮތުން، ޕޯޓްގެ ބާރުވެރި ފަރާތަކީ މިހާރު ސިޓީ ކައުންސިލެވެ. އެހެންވެ، މާލޭގެ މީހުންނަށްޓަކައި އެ ތަނުން އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަނެއް އެއީ. މިސާލަކަށް އަޅުގަނޑުމެންގެ ގޯއްޗެއް، އެހެން ބަޔަކު އެ ތަން ބޭނުންކުރަމުން ދަނީ. އަޅުގަނޑުމެން މި ދަންނަވަނީ ތި ތަނުން ނުކުންނާށޭ. އެކަަމަކު ވެސް އެތަން ހަވާލެއް ނުކުރޭ. އެ ތަނުން އަޅުގަނޑުމެންނަށް އާމްދަނީއެއް ދޭކަށް ބޭނުމެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެމްޕީއެލުން ދެކޮޅު ހެދުމުން ދެން އެދިވަޑައިގަތީ އެ ތަނުން ލިބޭ އާމްދަނީން ބައެއް ނުވަތަ ކުއްޔެއް ކައުންސިލަށް ލިބޭ ގޮތަށް ބަދަލުކުރަން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން އަކަފޫޓަކަށް ހުށަހަޅަނީ 20-30 ލާރި ފަދަ ކުޑަކުޑަ އަގެކެވެ. އެކަމަކު އެއީ ކޮމާޝަލް ބިންތަކެއް ކަމަށާއި އެ ތަނުން އެމްޕީއެލަށް ބޮޑު އާމްދަނީއެއް ވެސް ލިބޭއިރު، އެ އާމްދަނީން ބައެއް މާލޭގެ މީހުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މާލޭ ސިޓީ ކައުންސިލުގެ ރަޖިސްޓަރީގައި ހުރި ބިންތަކޭ މިއީ. ތިއީ [އެމްޕީއެލް] އަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކޭ. ތިބޭފުޅުންނަށް ކޮން ހައްގެއްތޯއޭ އޮތީ އެ ތަނުން ލިބޭ އާމްދަނީ ތިބޭފުޅުން [ކުންފުނި] ބޭނުންކުރަން،" އެމްޕީއެލްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ކަންބޮޑުވުން ހިއްސާކުރެއްވިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލުން ހުށަހެޅި ރޭޓަކީ ބޮޑު އަގެއް ނޫނެވެ. އެއީ ކޮމާޝަލް ރޭޓްތަކުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ޜޭޓްތަކުގެ އެންމެ މަތީ އަދަދުން ދެބައިކުޅަ އެއްބައި ކުޑަ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އަދަދު ކަނޑައަޅާފައި ވަނީ އެމްޕީއެލްގެ އާމްދަނީއާ ގުޅޭ މައުލޫމާތުތައް އެއްކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އެ އަދަދަކީ ބޮޑު އަދަދަކަށް ވެގެން ނުވާނެ. އެއީ އެ ކުންފުންޏަށް ދެވޭނެ އަދަދެއް. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ހިސާބުތައް، އެ ބޭފުޅުންނަށް ލިބޭ އާމްދަނީގެ. ކުރާ ހަރަދުތައް ވެސް އެނގޭ. އެ ހުރިހާ މައުލޫމާތެއް އެއްކޮށްގެން އެ އަދަދު އަޅުގަނޑުމެން ކަނޑައެޅީ."

މޭޔަރު ވިދާޅުވީ، ކައުންސިލުން ކަނޑައަޅާފައި ވަނީ ބޮޑު އަގެއް ކަމަށް ބުނެ އެމްޕީއެލުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ މުއިއްޒު ތުހުމަތު ކުރައްވާ ގޮތުގައި އެއީ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކުރާ ކަމެކެވެ.

"މި ކަމުގައި އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

ޓީޖެޓީ ހިންގަމުން އަންނަ ސަރަހައްދު އެމްޕީއެލުން ހިލޭ ބޭނުންކުރާތީ އެ ތަން ހުސްކުރަން އެމްޕީއެލަށް 90 ދުވަހުގެ މުއްދަތެއް ވެސް މިދިޔަ އަހަރު ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން އިތުރު ހަފްތާއެއް ދިނުމުން ވެސް އެތަން ހުސްކުރަން އެ ކުންފުނިން ދެކޮޅު ހެދުމުން ކައުންސިލުން އެ ތަނާ ހަވާލުވާން އެ ސަރަހައްދަށް ވެސް ދިޔަ އެވެ.

މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެ ކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ވެސް ވަނީ އެ ބަނދަރު ކައުންސިލާ ހަވާލުނުކުރަން ނިންމައިފަ އެވެ.