Roadha Mihaaru
ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވަނީ

ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވަނީ

08 ޑިސެމްބަރ 2021

އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލްއާ ހަވާލުނުކުރަން ސަރުކާރުން ނިންމާފައި ވިޔަސް، އެ ބަނދަރާ އަމިއްލަ އަށް ހަވާލުވާން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލްއާ ހަވާލުނުކުރަން ސަރުކާރުން ނިންމާފައި ވިޔަސް، އެ ބަނދަރާ އަމިއްލަ އަށް ހަވާލުވާން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައި ގިނަ މެމްބަރުންގެ ތައީދާ އެކު މިއަދު ނިންމެވީ، އެތަން ހުސްކުރަން އަންގާ ކައުންސިލުން އެމްޕީއެލް އަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން އަމިއްލަ އަށް އެތަނާ ހަވާލުވުމަށެވެ. އެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ތަން ހުސްކުރަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވުމުން ރަސްމީކޮށް އެތަނާ ހަވާލުވުމަށް ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ.

މި ނިންމެވުމަށް ތައީދުކުރައްވައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ކޮންމެ ރަށެއްގެ ބަނދަރަކީ ވެސް އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަން ކަމަށާއި އެހެންކަމުން މާލޭގެ ބަނދަރުތައް ވެސް އޮންނަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"ޓީ ޖެޓީ އާއި ނޯތު ހާބަރު އޮންނަން ޖެހޭނީ ސިޓީ ކައުންސިލްގެ ދަށުގައި. އެތަނުން ރެވެނިއު ވަންނަ ޖެހޭނީ ސިޓީ ކައުންސިލަށް،" ފާތިހު ވިދާޅުވި އެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެތަން ހުސްކޮށް، މުވައްޒަފުންނާ އެކު ވިޔަސް ޓީޖެޓީ ހަވާލުކުރަން ސިޓީ ކައުންސިލުން ވަނީ އެމްޕީއެލް އަށް އަންގައިފަ އެވެ.

މި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހު، ކައުންސިލުން އެތަނާ އަމިއްލަ އަށް ހަވާލުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކައުންސިލްގެ އެސްޖީ އަށް އަންގަވައިފަ އެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނަވައިގެންނެވެ.

ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުނު ނަމަވެސް، ނިންމުން ނިންމެވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ރައްޔިތުންނާ ދެކޮޅަށް ކަމަށް ވެސް މުއިއްޒު ކުރިން ވިދާޅުވި އެވެ.