Roadha Mihaaru
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް

ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް

09 ޑިސެމްބަރ 2021

މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެ ކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެ ކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް، 2015 ގައި ހައުސިން މިނިސްޓްރީން ކަމަށެވެ. އެހެންވެ ޓީޖެޓީ އަތުލުމުގެ ބާރު ވެސް އޮންނާނީ ހަމައެކަނި ހައުސިން މިނިސްޓްރީ އަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ މުއްދަތު ހަމަވި ކަމަށް ވިދާޅުވިޔަސް، އެ އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު މާލޭ ސިޓީ ކައުންސިލުން ބުނެފައި ޓީޖެޓީ ބަލަހައްޓަން އެމްޕީއެލްއާ ހަވާލުކުރީ ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. މިހާރު މާލޭގެ މޭޔަރުކަން ކުރައްވާ ޑރ. މުހައްމަދު މުއިއްޒު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަން ގެންދަން ވަނީ ނިންމައިފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ޓީޖެޓީގައި ހުރި އެމްޕީއެލްގެ އެއްޗެހި ހުސްކޮށް، އަންނަ އާދިއްތަ ދުވަހުގެ ކުރިން އެތަން ހަވާލުކުރަން އަންގައިފަ އެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނާ އެކު ވިޔަސް ޓީޖެޓީ ހަވާލުނުކޮށްފި ނަމަ، ކައުންސިލުން އަމިއްލަ އަށް އެތަނާ ހަވާލުވާން ދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުނު ނަމަވެސް، ނިންމުން ނިންމެވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ރައްޔިތުންނާ ދެކޮޅަށް ކަމަށް ވެސް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.