Roadha Mihaaru
ނޯޑިކް ގައުމުތަކަށް ރަޝިޔާގެ އިންޒާރެއް

ނޯޑިކް ގައުމުތަކަށް ރަޝިޔާގެ އިންޒާރެއް

17 މެއި 2022

ފިންލޭންޑާއި ސްވިޑްން، ނޭޓޯއާ ގުޅުމަކީ އެ ދެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެންދާނެ ނުބައި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބުނެ، ރަޝިޔާ އިން އެ ދެ ގައުމަށް މިއަދު އިންޒާރުކޮށްފި އެވެ.

ފިންލޭންޑާއި ސްވިޑްން، ނޭޓޯއާ ގުޅުމަކީ އެ ދެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެންދާނެ ނުބައި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބުނެ، ރަޝިޔާ އިން އެ ދެ ގައުމަށް މިއަދު އިންޒާރުކޮށްފި އެވެ.

ވަކި ފަރާތަކަށް ނުޖެހި އޮތުމަށް ފަހު، ނޭޓޯއާ ގުޅުމަށް ފިންލެންޑުން ނިންމިކަން މިދިޔަ އާދީއްތަ ދުވަހު އެ ގައުމުން ވަނީ އާންމުކޮށްފަ އެވެ. ފިންލެންޑްގެ އެ ނިންމުމާ އެކު ސްވިޑްގެ ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ވެސް މިހާރުވަނީ، އެ ގައުމު ނޭޓޯގައި ބައިވެރިވުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި، ރަސްމީ ގޮތުން އެކަމަށް މަސައްކަތް ފަށަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނޯޑިކް ސަރަހައްދުގައި އޮތް ފަސް ގައުމުގެ ތެރެއިން މިހާތަނަށް ނޭޓޯގައި ބައިވެރި ނުވެ އޮތް ދެ ގައުމަކީ ފިންލޭންޑާއި ސްވިޑްން އެވެ. މީގެ ތެރެއިން ސަރަހައްދީ ރޮނގުން ރަޝިޔާއާ ގުޅިފައި އޮތް ހަމައެކަނި ގައުމަކީ ފިންލޭންޑެވެ.

އެއްގަމުން 800 މޭލުގެ ދިގު ސަރަހައްދަކުން، ރަޝިޔާއާ ގުޅިފައި އޮތް ފިންލޭންޑަށް، ނޭޓޯގެ މެމްބަރުކަން ލިބުމަކީ، އެމެރިކާގެ ޒަމާނީ ހަތިޔާރުތައް ގެނެސް ރަޝިޔާގެ މޫނުމަތީގައި ރުކުރުވައިލުން ފަދަ ކަމެކެވެ. ފިންލެންޑުން މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް ބަލާއިރު، އެގައުމަށް ނޭޓޯގެ މެމްބަރުކަން ލިބުމަށް އަދިވެސް ހައެއްކަ މަސްދުވަސް ނަގާނެ އެވެ.

ފިންލޭންޑާއި ސްވިޑްން އިން ވެސް ބުނެފައިވަނީ، ނޭޓޯއާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ނޭޓޯގެ ރައްކާތެރިކަން ހޯދުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވެސް އެ ދެ ގައުމުން ބުނެ އެވެ.

"އެމީހުންގެ އެ ވިސްނުން އަހަރެމެން އެހާ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭނެ ކަމަށް އެމީހުން ޚިޔާލަށް ވެސް ގެނެސްގެން ނުވާނެ. އެ ނިންމުމަކީ، ދިގު މުއްދަތަށް ދެމިގެންދާ ނުބައި ނަތީޖާތަކަކާ ކުރިމަތިކުރުވާނެ ފަދަ ވަރަށް ބޮޑު ނުބައެއް،" ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރީބަކޯވް، ޓާސް ނޫސް އޭޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ގައުމު ނޭޓޯއާ ގުޅުނަސް، އެ ދެ ގައުމުގެ ސަލާމަތީ ރައްކާތެރިކަން އިތުރަށް ވަރުގަދައެއް ނުވާނެ އެވެ. ނަމަވެސް އަސްކަރީ ގޮތުން އާންމު ހާލަތަށް ވުރެ ބާރު ގަދަވެދާނެ ކަމަށާއި، އެފަދަ ބަދަލެއްގެ ސަބަބުން، އެ ދެ ގައުމުގެ ސަލާމަތަށް އިތުރު ޔަގީންކަމެއް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.