Roadha Mihaaru
ސްވިޑްން ވެސް ނޭޓޯގައި ބައިވެރިވުން ވަރަށް މުހިންމު

ސްވިޑްން އަށް ވެސް އެންމެ މުހިންމީ ނޭޓޯގައި ބައިވެރިވުން

16 މެއި 2022

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ރަސްމީކޮށް ހުށަހަޅުއްވަން ބޭނުންވާ ކަމަށް، ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ރަސްމީކޮށް ހުށަހަޅުއްވަން ބޭނުންވާ ކަމަށް، ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އެ ގައުމުގައި މިހާރު ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ވިސްނުން ހުރީ، ނޭޓޯގައި އެ ގައުމު ބައިވެރިވާން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްވިޑްން އަށާއި ސްވިޑްންގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، އެ ގައުމު ނޭޓޯގައި ބައިވެރިވުމެވެ.

ވެރިކަން ކުރާ ޕާޓީގެ މި ނިންމުމާ ގުޅޭ ގޮތުން، ސްވިޑްންގެ ޚާރިޖީ ވަޒީރު އޭން ލިންޑޭ ވިދާޅުވީ ނޭޓޯގައި ސްވިޑްން ބައިވެރިވާން ނިންމި ނިންމުމަކީ ވަރަށް ތާރީޚީ ނިންމުމެއް ކަމަށެވެ.

ސްވިޑްންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި 200 އަހަރު ވަންދެން އެ ގައުމުން ދަމަހައްޓަމުން އައި ސިޔާސަތު މުރާޖައާ ކުރަންޖެހުނީ، ސަލާމަތީ ގޮތުންނާއި ސިޔާސީ ގޮތުން، އެ ގައުމުގެ ވަށައިގެންވާ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ.

"އަހަރެމެން ސޯޝަލް ޑިމޮކްރޭޓުން ދެކޭ ގޮތުގައި އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުން އަހަރެމެންގެ ގައުމަށް ވަރަށް ފައިދާ ކޮށްފި. ނަމަވެސް އަހަރެމެން ހޯދި ހޯދުންތައް ދައްކަނީ، އެ ސިޔާސަތު އިތުރަށް ދަމަހައްޓައިގެން ކުރިމަގުގައި އަހަރެމެންގެ ގައުމަށް އެއްވެސް މަންފާއެއް ނުކުރާނެކަން. މިއީ، ހަމަ ތިބެލާފައި އާދައިގެ ގޮތަކަށް އަހަރެމެން ކަނޑައެޅި ކަނޑައެޅުމެއް ނޫން،" ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދަލުވަމުންދާ ހަގީގަތްތަކާ އެއްގޮތަށް ގައުމު ވެސް ހޭނެންޖެހޭނެ ކަމަށާއި، އަދި މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ގޮތްތައް ނިންމަންޖެހޭ ކަމަށެވެ.

"ވަރަށް ސާފުކޮށް އެބަ އެނގޭ ފެބްރުއަރީ 24، 2022ގެ ކުރި އާއި އޭގެ ފަސް ވެސް އެބަ އޮތްކަން. ޔޫރަޕާއި ސްވިޑްންގެ ރައްޔިތުން ވެސް މިހާރު ދިރިއުޅެމުން މިދަނީ ނުރައްކާތެރި ހަގީގަތްތަކެއްގެ ތެރޭގައި. އެތައް ގަރުނެއް ވަންދެން ސްވިޑްގެ ސަލާމަތީ ސިޔާސަތުތައް ބިނާކޮށްފައި ވަނީ، ޔޫރަޕްގެ ސަލާމަތީ ނިޒާމުގެ މައްޗަށް، މިހާރު އެ ނިޒާމު އެ އޮތީ ހަނގުރާމަ އަށް ހުށަހެޅިފައި."

ސްވިޑްންގެ ސިޔާސަތަށް މި ބޮޑު ބަދަލު ގެންނަން އެ ގައުމުން ނިންމީ، އަވައްޓެރި ފިންލޭންޑުން ނޭޓޯއާ ގުޅެން ނިންމިކަން އިއްޔެ އިއުލާން ކުރުމާ ވިދިގެންނެވެ. ސިޔާސީ އަދި ސަރަހައްދީ ސަބަބުތަކާ ހުރެ، ފިންލޭންޑާއި ސްވިޑްން ވެސް މިހާތަނަށް އޮތީ ނޭޓޯގައި ބައިވެރިނުވެ އެވެ.

ސްވިޑްންގައި ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނޭޓޯގެ މެންބަރުކަން ހޯދުމަށްޓަކައި ސްވިޑްން އިން ރަސްމީކޮށް މަސައްކަތް ފެށުމަށް އެ ޕާޓީން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ނޭޓޯގައި ބައިވެރިވުމުގެ ފުރުސަތު އެ ގައުމަށް ދީފި ނަމަ، ނޭޓޯގެ ނިއުކްލިއާ ހަތިޔާރުތަކާއި ދާއިމީ އަސްކަރީ މަރުކަޒުތައް ސްވިޑްންގައި ގާއިމުކުރުން މަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ވެސް އެޕާޓީން ވަނީ ކަނޑައަޅައިފަ އެވެ.