Roadha Mihaaru
ނޭޓޯ ހަނގުރާމައަށް ވަންނަނީތޯ ސުވާލު އުފެދޭ: ރަޝިޔާ

ނޭޓޯ ހަނގުރާމައަށް ވަންނަނީތޯ ސުވާލު އުފެދޭ: ރަޝިޔާ

22 މެއި 2023

އެމެރިކާ ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން، އެފް-16 މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓު ޔޫކްރޭނަށް ދީފިނަމަ، ނޭޓޯ އިން ހަނގުރާމައިގެ ތެރެއަށް ވަނީތޯ ސުވާލު އުފައްދާނެ ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.

އެމެރިކާ ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން، އެފް-16 މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓު ޔޫކްރޭނަށް ދީފިނަމަ، ނޭޓޯ އިން ހަނގުރާމައިގެ ތެރެއަށް ވަނީތޯ ސުވާލު އުފައްދާނެ ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.

"އެފް-16 މަރުކާގެ ބޯޓުފަހަރު ދުއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ވެސް އަދި އެފަދަ ބޯޓުފަހަރު ދުއްވާނެ ޕައިލެޓުން ވެސް ޔޫކްރޭންގައި ނެތް. އަދި އެފަދަ ބޯޓުތައް މަރާމާތުކޮށް ބަލަހައްޓާނެ މީހުންނެއް ވެސް ޔޫކްރެއިނަކު ނެތް،" އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު އަނަޓޮލީ އަންޓޮނޯވީ މިއަދު ޓެލެގްރާމްގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވި އެވެ.

"ނޭޓޯގެ އަސްކަރީ ވައިގެ ބަނދަރަކުން، އެހެން ގައުމެއްގެ ބަޔަކު އެމެރިކާގެ ބޯޓުތަކެއް ދުއްވަން ފަށައިފިއްޔާ ދެން ވާނީ ކިހިނެއްތޯ؟"

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ ބަލިކޮށް، ޔޫކްރޭންގެ ބިންތައް މިނިވަން ކުރުމަށްޓަކައި، އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓުތައް ދިނުމަށް އެދި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހުޅަނގުގެ ގައުމުތަކުގައި އާދޭސް ކުރާތާ މަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ޔޫކްރޭނުން އެފަދަ މަތިންދާބޯޓުތައް ބޭނުންކޮށްގެން ރަޝިޔާގެ ސަރަހައްދަށް ހަމަލާއެއް ދީފި ނަމަ، ރަޝިޔާ އާއި ނޭޓޯއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ބިރު އޮތުމުން، އެމެރިކާ އިން މިހާތަނަށް އައީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ނަމަވެސް ރައީސް ޒެލެންސްކީގެ އާދޭހަށް ހުއްޓުމެއް ނައިސް، ރަޝިޔާގެ އުދުވާންތައް ވަރުގަދަވަމުން ދިއުމާއެކު، މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެފް-16 މަރުކާގެ ބޯޓުތައް ހުރި ގައުމުތަކުން ޔޫކްރޭނަށް އެފަދަ ބޯޓުތައް ދިނުމަށް ރުހުން ދެއްވައިފަ އެވެ. އަދި އެފް-16ގެ ބޯޓުތައް ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން އެމެރިކާގައި ތަމްރީންކޮށްދިނުމަށް ވެސް ރައީސް ބައިޑެން ވަނީ ނިންމަވައިފަ އެވެ.

ރައީސް ބައިޑެންގެ އެ ނިންމެވުމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑާ ގުރުޝްކޯ މި މަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައިވަނީ، އެފް-16 މަރުކާގެ ބޯޓުތައް ޔޫކްރޭނަށް ދިނުމަކީ، ހުޅަނގުގެ ގައުމުތައް އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަތުން ކަމަށެވެ. އަދި ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ކްރީމިއާ އަށް ޔޫކްރޭނުން އެންމެ ހަމަލާއެއް ދިނަސް، އެއީ ސީދާ ރަޝިޔާ އަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލައި، އެކަމަށް ރައްދު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަޝިޔާ އިން ދޭނެ ރައްދަކާ މެދު އެމެރިކާ ރަނގަޅަށް ހޭލުންތެރިވެ ހުރުން ވަރަށް މުހިންމު،" ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑާ ގުރުޝްކޯ ވިދާޅުވި އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް، އެފް-16ގެ ބޯޓުފަހަރު ގިނަ އަދަދަކަށް އެބަހުއްޓެވެ. އޭގެ ތެރެއިން ނެދަލެންޑުން ކުރިން ވެސް ބުނެފައިވަނީ، އެމެރިކާ އިން ހުއްދަ ދޭ އިރަށް، އެފް-16ގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން ތައްޔާރަށް އޮތް ކަމަށެވެ.

އެފް-16ގެ މަތިންދާބޯޓަކީ އެމެރިކާގައި އުފައްދާފައިވާ އަސްކަރީ އުޅަނދަކަށް ވެފައި، އެހެން ގައުމުތަކުން ގަނެގެން އެ ބާވަތުގެ މަތިންދާބޯތުތައް ބޭނުންކުރިޔަސް، އިތުރު ގައުމަކަށް އޭގެ ބޯޓެއް ވިއްކޭނީ އެމެރިކާގެ ހުއްދަ ލިބިގެންނެވެ. އެއީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ގައުމުތަކަށް ވިއްކާ އިރު، އެމެރިކާ އިން ޝަރުތުކޮށްފައި އޮންނަ ކަމެކެވެ.

ރަޝިޔާގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ، އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ހޯދައިދިނުމުގެ ގޮތުން، އެހެން ގައުމުތަކާ އެކު ކޯލިޝަނެއް އުފެއްދުމަށް އިނގިރޭސި ވިލާތާއި ނެދަލޭންޑުން ވަނީ، މި މަހުގެ 16 ވަނަ ދުވަހު އެއްބަސްވެ އެކަމަށް މަސައްކަތް ފަށައިފަ އެވެ. އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރޫޓް، މިމަހުގެ 16 ވަނަ ދުވަހު އެއްބަސްވެވަޑައިގެންނެވި މި ކޯލިޝަންގެ ބޭނުމަކީ، އެފް-16 މަރުކާގެ މަތިންދާބޯޓުތައް ގަތުމަށް ޔޫކްރޭނަށް އެހީތެރިވުމާއި، އެ ބޯޓުތައް ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކޮށްދިނުމެވެ.