Roadha Mihaaru
ތެޔޮ ވިއްކައިގެން އެސްޓީއޯ އަށް 6 ބިލިއަން ރުފިޔާ

ތެލުގެ ވިޔަފާރިން އެސްޓީއޯ އަށް ހަ ބިލިއަން ރުފިޔާގެ އާމްދަނީއެއް

16 މެއި 2022

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް 6.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް 6.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރުގެ ތެލުގެ އާމްދަނީ ވަނީ 60 ޕަސެންޓް އިތުރުވެފަ އެވެ. އެ ކުންފުންޏަށް 2020 ވަނަ އަހަރު ތެލުގެ ވިޔަފާރިން ލިބުނީ 3.9 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެސްޓީއޯގެ ތެލުގެ ވިޔަފާރި ހިންގަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ.

އެސްޓީއޯގެ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެހާ ބޮޑުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ތެލުގެ ސްޓޯރޭޖް ވެސް ވަނީ 6،500 ލީޓަރުން 20،000 ލީޓަރަށް އިތުރުކޮށްފަ އެވެ. އެހެންވެ އެ ކުންފުނީގެ ތެލުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވި އެވެ. އެސްޓީއޯ އިން ބުނީ ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުން ތެލުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބެވެ.

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ތެލުގެ އިތުރުން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާންމު ވިޔަފާރިންނެވެ. އާންމު ވިޔަފާރިތަކުން އެ ކުންފުންޏަށް ތިން ބިލިއަން ރުފިޔާ ލިބުނެވެ. މަސްވެރިކަމުގެ ދާއިރާއިން 1.2 ބިލިއަން ރުފިޔާ ލިބުނު އިރު ގޭހުގެ ވިޔަފާރިން 206 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯ އަށް ލިބުނެވެ.

އެސްޓީއޯގެ މުޅި އާމްދަނީ ވަނީ 32 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ތެލުގެ ވިޔަފާރީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އަށް ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 17 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން ޝިޕިން ދާއިރާއިން ވެސް އެ ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ. ޝިޕިން ދާއިރާއިން އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ޓެކްސް ކެނޑުމަށް ފަހު އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 186 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 47 ޕަސެންޓް އިތުރު އަދަދެކެވެ.