ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ތެލެސީމިއާ ކެރިއަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
09 މެއި 2022
ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ތެލެސީމިއާ ކެރިއަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސައިންސާއި ޓެކްނޮލޮޖީ އަދި ސިއްހީ ކަންކަމާ ގުޅޭ ދިރާސާތައް ޝައިއުކުރާ ނެދަލެންޑްސްގެ އެލްސެވިއާގައިވާ ގޮތުން، 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 30 ޕަސެންޓް ޓެސްޓްކުރިއިރު، 16 ޕަސެންޓަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ.
އެލްސެވިއާގައިވާ މައުލޫމާތާ ހަވާލާދެއްވާއި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ބްޒެލިޒް ކަހަލަ އާބާދީ ބޮޑެތި ގައުމުތަކަށް ވުރެ ވެސް ރާއްޖޭގައި ތެލެސީމިއާ ކެރިއަރުން ގިނަ ކަމަށެވެ. އިންޑިއާގައި ތެލެސީމިއާ ކެރިއަރުންގެ ޕަސެންޓޭޖް 10ގައި ހުރިއިރު، ބްރެޒިލްގައި ހުރީ އެއް ޕަސެންޓްގައި ކަމަށެވެ.
"ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ވެސް ބީޓާ ތެލެސީމިއާ ކެރިއަރުންގެ އަދަދު ދަނީ ހާސްވާން ޖެހޭ މިންވަރަކަށް އިތުރުވަމުން،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން؛
● ބީޓާ ތެލެސީމިއާ ކެރިއަރުން އެންމެ ގިނައީ، ނ. ށ. ހދ. ޅ. އަދި ލ. އަތޮޅުގައި.
● 17-24 ޕަސެންޓާ ދެމެދުގެ ކެރިއަރުން ދިރިއުޅެނީ އެ އަތޮޅުތަކުގައި.
ރާއްޖޭގައި ތެލެސީމިއާ ބީޓާ ކެރިއަރުންނާއި ބީޓާ މޭޖާގެ ތަފާސްހިސާބުތަކުގެ ޗާޓެއް.
ތެލެސީމިއާ ސެންޓަރުގައި މަސައްކަތް ކުރައްވާ މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު މިއަދު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާ ކެރިއަރުންގެ ޕަސެންޓޭޖް އެއްވަރެއްގައި ހިފެހެއްޓިފައި ހުއްޓަސް، ކެރިއަރުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުން ދިއުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތެލެސީމިއާ ފަރުވާދިނުމުގަ އާއި ކޮންޓްރޯލް ކުރުމުގައި ވެސް އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ތެލެސީމިއާ ކުއްޖެއްގެ ގަޔަށް ލޭ އަޅަން ތައްޔާރުވަނީ: ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަކަށް ތެލެސީމިއާ ކެރިއަރުންގެ އަދަދު އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފޮޓޯ: މިހާރު
ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން ތެލެސީމިއާ އަށް ޓެސްޓްކުރުމަކީ ބެލެނިވެރިންގެ ޒިންމާއަކަށް ވިޔަސް، އެކަން ނުކުރާ ކަމަށެވެ. އެ ބައްޔަށް އާންމުން ހޭލުންތެރިވިޔަސް، ބަލި ކޮންޓްރޯލް ކުރަން އެންމެ އެކަށީގެންވާ ގޮތުގައި އާންމުންގެ ސަމާލުކަން ނުލިބޭ ކަމަށާއި މިހާރު ވެސް ގިނަ މީހުން ޓެސްޓްކުރަނީ ވެސް ކައިވެންޏަށް ތައްޔާރުވާންވީ ކަމަށް ވިދާޅުވި އެވެ.
"ދެ ކެރިއަރުން ކައިވެނިކުރާ ނަމަ، މިކަމުގެ ފުރިހަމަ މައުލޫމާތު ލިބިފައި ހުންނަން ޖެހޭ. ކައިވެނިކޮށް، ބަނޑުބޮޑުވެ، ކުއްޖާ ބަނޑުގައި އޮންނައިރު ފަރުވާ ހޯދާނެ ގޮތް އެނގެން އެބަ ޖެހޭ. އެކަމަކު އަދިވެސް ގިނަ މީހުން އެ ހިސާބަށް ދާއިރު ވެސް، އެ މައުލޫމާތު ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ކުއްޖާ ބަނޑުގައި އޮންނައިރު، އެއީ ތެލެސީމިއާ ކުއްޖެއް ކަން ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓް ހެދުމަށް އަދިވެސް ރާއްޖެއިން ބޭރަށް ދާން ޖެހުމަކީ ކުރިމަތިވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ފާހަގަކުރެއްވި އެވެ.
"ތެލެސީމިއާ އަށް ފަރުވާ ހޯދާ ކުދިންނާއި މީހުން ފަރުވާ އަށް ފަރުވާތެރިވެ، ފަރުވާ ރަނގަޅަށް ކުރިއަަށް ގެންދިއުން ވެސް ވަރަށް މުހިންމު. ބޭސްތައް ވެސް ރަނގަޅަށް، ގަވާއިދުން ބޭނުންކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މުޖުތަމައުގެ އަޅާލުމައި، އޯގާތެރިކަމަކީ ތެލެސީމިއާ ކުދިންނަށް ލިބޭނެ އެންމެ ބޮޑު ފަރުވާ ކަމަށެވެ. ލޭ ހޯދުމުގައި ހުރި ދަތިތައް ކުޑަކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް އެ ކުދިންނަށް ހޯދައިދިނުމަށް މުޖުމަތައުގެ ރޯލު ވަރަށް ބޮޑު ކަމަށެވެ.
އުމުރަށްބަލައި ފަރުވާ ބަދަލުނުކުރާތީ ފުރާނައަށް ނުރައްކާ
ތެލަސީމިއާއާ އެކު ގަދަ ކަނޑެއްގައި
ތެލެސީމިއާ ކުދިންގެ މައްސަލަތައް ހައްލުކުރާނަން: ރައީސް
ތެލެސީމިއާ ސެންޓަރަށް އާ ޑީޖީއެއް ހޯދަން އިއުލާންކޮށްފި
ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައިފި
ކަންބޮޑުވުންތައް ވަގުތުން ހައްލުކުރުމުގެ އެންގުންތަކެއް!
ތެލެސީމިއާއާ ގުޅޭ ކަންބޮޑުވުންތައް ހައްލު ކުރަނީ!
ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް
ތެލަސީމިއާ ސެންޓަރުގެ ވެރިންނާ ދެކޮޅަށް މުޒާހަރާކުރަނީ