Roadha Mihaaru

ތެލަސީމިއާއާ އެކު ގަދަ ކަނޑެއްގައި

އޭރު ތެލަސީމިއާ އަކީ ކިހިނެއް ދިމާވާ ކަމެއްކަން އެނގޭ މީހުން މަދެވެ. ސިއްހީ މި މައްސަލައާ މެދު އޭރު ދިވެހިންގެ ތެރޭގައި ހޭލުންތެރިކަން ވަރަށް ކުޑަ އެވެ. އެހެންވެ، ތެލަސީމިއާ ކުއްޖެއްކަން ނޭނގި ތިބެ، ކުއްޖާ ބަލިވުމުން ދިވެހި ބޭހުން ފަރުވާ ލިބޭތޯ މަސައްކަތްކުރުން ނޫން ކަމެއް ވެސް ނުކުރެ އެވެ.

ތެލަސީމިއާއާ އެކު ގަދަ ކަނޑެއްގައި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 މެއި 2025

އޭރު ތެލަސީމިއާ އަކީ ކިހިނެއް ދިމާވާ ކަމެއްކަން އެނގޭ މީހުން މަދެވެ. ސިއްހީ މި މައްސަލައާ މެދު އޭރު ދިވެހިންގެ ތެރޭގައި ހޭލުންތެރިކަން ވަރަށް ކުޑަ އެވެ. އެހެންވެ، ތެލަސީމިއާ ކުއްޖެއްކަން ނޭނގި ތިބެ، ކުއްޖާ ބަލިވުމުން ދިވެހި ބޭހުން ފަރުވާ ލިބޭތޯ މަސައްކަތްކުރުން ނޫން ކަމެއް ވެސް ނުކުރެ އެވެ.

އުމުރުން ދެ އަހަރުގައި، ޝަރުވާން އަލީ އަކީ ވެސް ތެލަސީމިއާ ކުއްޖެއްކަން އެނގުނީ އުފަން ރަށް، ފ. ފީއަލީގައި އުޅެނިކޮށް، އެއްގޮތަކަށް ވެސް ބަލި ފަސޭހަ ނުވެގެން މާލެއަށް ކުރި ދަތުރެއްގައި ޑޮކްޓަރަށް ދެއްކުމުންނެވެ.

ޝަރުވާންގެ މަންމަ އާއި ބައްޕައަށް ކުރިން ލިބުނު ދެ ކުއްޖަކު ކުޑައިރު، ގޮތް ނޭނގޭ ކަމެއްގައި މަރުވިކަން އެ އާއިލާ އަށް ވިސްނާލެވުނީ އެ ހިސާބުންނެވެ.

މިހާރު އުމުރުން 32 އަހަރުގެ ޝަރުވާން ބުނީ ތެލަސީމިއާ ކުއްޖެއްކަން އެނގުނު ދުވަހުން ފެށިގެން ކޮންމެ މަހަކު ތިން ފަހަރު ލޭ އަޅަމުން އައި ކަމަށެވެ. ރަށްރަށުގެ ސިއްހީ ހާލަތު އޭރު ދަށްވުމުން، ކޮންމެ ފަހަރަކު ލޭ އަޅަން ޖެހެނީ ކޮންމެ 10 ދުވަހަކުން 12 ވަރަކަށް ގަޑިއިރުގެ ދަތުރެއް ކޮށްފައި މާލެ އަށް އައިސްގެންނެވެ. އޭރު މަދުވެގެން ތިން ގަޑިއިރު ހޭދަވެ އެވެ. މީހުންގެ ހޭލުންތެރިކަން ކުޑަވުމުން ލޭ ހަދިޔާކުރާ މީހުން ވަރަށް މަދެވެ.

އޭނާގެ މައިންބަފައިން މީހުންގެ އަތުން ގަނެގެން ވެސް ލޭ އެޅި އެވެ.

ޝަރުވާން، އިއްޔެ ލޭ އަޅަން ކަށި ޖެހި ތަނުގައި ބޭސް އަޅާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝަރުވާން، އިއްޔެ ލޭ އަޅަން ކަށި ޖެހި ތަނުގައި ބޭސް އަޅާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުރާނަ ސަލާމަތްކުރަން ކޮންމެ މަހަކު ތިން ފަހަރު ލޭ އަޅަން މާލެ އަށް ދަތުރުކުރަން ޖެހުމުން، ސްކޫލުން މަހަކު އަށެއްކަ ދުވަސް ގެއްލުނު ކަމަށް ޝަރުވާން ބުންޏެވެ. ތައުލީމީ ގޮތުން ރަނގަޅު ހިސާބަކަށް ނުދެވުނު އެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އޭރު އެވްރެޖުކޮށް 10 ދުވަހުން ކަހަލަ ގޮތަކަށް އަޅާނެ ލޭ. އެއް ޕެކު އަޅާނީ އޭރު. ވަރަށް ދަތިކޮށް އުޅުނީ އޭރު. މިހާރާ އަޅާބަލާފައި ހަމަ ލޯ މަރާލީމަ ވެސް ހަމަ އެ ކަހަލަ އިހުސާސްތައްވޭ އޭރު އުޅުނު ގޮތާއި މިހާރު [އުޅޭ] ގޮތް. މިހާރު ފެންނަން މި ހުރީ ވެސް އޭރުގެ ދަތި ހާލާ ބަލާފައި އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތްތަކުން،" ދެ ކުދިންގެ ބައްޕަ ޝަރުވާން ބުންޏެވެ.

ބަލިކޮށް އުޅުނަސް ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވި އެވެ. ކިތަންމެ ދަތި ހާލެއްގައި އުޅެމުން ވެސް ގްރޭޑު 10 ނިންމި އެވެ. އެކަމަކު، އެހާ ހިސާބަށް ދިޔައީ ވެސް ލޭ އަޅަން މާލެ ކުރާ ދަތުރުތަކާއެކު ގެއްލޭ ފިލާވަޅުތައް އަލުން ހަދައި އަދި ގްރޭޑުތަކުގައި ދެ ތިން ފަހަރު ރިޕީޓްވެގެންނެވެ.

އޭނާ އެންމެ ލޯބިވާ މަސްވެރިކަމަށް ވަދެވުނީ އޭގެ ފަހުންނެވެ.

އާއިލާގެ "ފަރިދުވެލި-4" ދޯނީގައި ބޮޑު ކަންނެއްޔަށް ދާ ޝަރުވާން ބުނީ މަސްވެރިކަން ފުރަތަމަ ފެށިއިރު ރޭގަނޑު ޑެސްފަރޯލް ގުޅި ކަމަށެވެ. އެ ގުޅައިގެން 12 ގަޑިއިރު ހުންނަން ޖެހެ އެވެ. ނަމަވެސް، ވަކި ކަމެއް ކުރަން އޭނާއަކަށް ދައްޗެއް ނުވި އެވެ. އަދި ވަކި ހިސާބަކުން ޑެސްފަރޯލް ގުޅަ ބޭސް ތައާރަފްކުރުމުން، އާއްމު އެހެން މީހެކޭ އެއްގޮތަށް ދުވަހުގެ ހުރިހާ ކަމެއް ވެސް ފުރިހަމަކުރެވެ އެވެ.

ޝަރުވާންގެ ފަޔަށް ޑެސްފަރޯލް ގުޅާފައި.

ޝަރުވާންގެ ފަޔަށް ޑެސްފަރޯލް ގުޅާފައި.

އޭނާ މިހާރު އަންނަނީ ކޮންމެ 18 ދުވަހަކުން ލޭ އަޅައި އަދި ދުވާލަކު ހަތަރު އިރަކު ބޭސް ކަމުންނެވެ.

މިހާރު ވަރަށް ފަސޭހަ، އެކަމަކު ލޭ ހޯދަން ދަތި

ޝަރުވާން ބުނި ގޮތުގައި ލޭ އަޅަން އުޅޭ ހާލު މިހާރު ކުރިއަށްވުރެ އެތައް ގުނައަކުން ލުއިވެއްޖެ އެވެ. އަދި ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ލޭ އެޅުމަކީ މިހާރު އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މާލެ ސަރަހައްދަށް ކަންނެލި ކިރަން އަންނަ އިރެއްގައި ހީމޮގްލޮބިން ބަލައި އެ ދަށްވެއްޖެ ނަމަ ފުރަނީ ލޭ އަޅައިގެންނެވެ. ރަނގަޅު ރޭންޖެއް ހުރިއްޔާ ލޭ އަޅަނީ ދެން ދާ ރަށަކުންނެވެ. ކަނޑުމަތީގައި އުޅެމުން ލޭ ހޯދަން ޖެހުނަސް، ޝަރުވާން ބުނީ އޭރު އުޅުނު ހާލަތާއި މިއަދުގެ ކުރިއެރުން އަޅާ ވެސް ނުކިޔޭނެ ކަމަށެވެ.

"އޭރު އުޅުނީ ވަރަށް ވަރަށް ދަތީގައި،" ޝަރުވާން ބުންޏެވެ.

ލޭ އަޅަން، އެ ދުވަސްވަރު މަސްވެރިކަމުގައި އުޅޭ ހިސާބުގެ ރަށަކަށް ފޭބުމުގެ ކުރިން ރައްޓެހިންނަށް ގުޅަ އެވެ. ޝަރުވާން ބުނީ އެ ރަށަކަށް ފައިބަނީ ލޭ ލިބުމުން ކަމަށެވެ. އެގޮތަށް، ދަތުރުތަކުގައި އެންމެ ގިނައިން ލޭ އަޅަން ފޭބީ ތ. ވިލުފުއްޓަށެވެ.

ޝަރުވާން ބުނީ ކުޑައިރު ގަނެގެން ލޭ އެޅިއަސް މީހުންގެ ހޭލުންތެރިކަން އިތުރުވަމުން ދިއުމާއެކު ލޭ ހޯދަން ފަސޭހަވި ކަމަށެވެ. އެކަމަކު، މިހާރު ވެސް މި އޮތީ އަނެއްކާ ވެސް މީހުން ހޭލުންތެރިކުރުވަން މަސައްކަތް ކުރަންޖެހިފައި ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އޭނާ ބުނީ ކުރިއަށްވުރެ ލޭ ހޯދަން މިހާރު ދަތި ކަމަށެވެ. އެއް ސަބަބަކީ ތެލެސީމިއާގެ އާބާދީ އިތުރުވުން ކަމަށް ޝަރުވާން ގަބޫލުކުރެ އެވެ. ނުވަތަ ލޭ ހަދިޔާކުރާ މީހުން އިތުރުނުވުމަކީ ވެސް އެއް ގޮންޖެހުމެވެ. ދާއިމީކޮށް ލޭ ހަދިޔާކުރާ މީހުން ވެސް ތަފާތު އެކި ބަލިތަކާ ހެދި ލޭ ހަދިޔާކުރުން މަޑުޖެހެ އެވެ. ހިތްހަމަޖެހޭ ބަދަލަކީ، ލޭ ދޭން އިންކާރު ކުރާ މީހުން މިހާރު ނުފެނުމެވެ.

މި ފަހަރު ވެސް، ޝަރުވާން އާއްމުކޮށް ގެންގުޅޭ 10 ޑޯނަރުންގެ ތެރެއިން ދެ މީހަކަށް ލޭ ހަދިޔާކުރުން ލަސްވާތީ، ލޭ ހޯދީ ތެލަސީމިއާގެ އެހެން މީހެއްގެ ޑޯނަރެއްގެ އަތުންނެވެ.

ޝަރުވާންގެ އެއްބަނޑުއެއްބަފާ އިތުރު ތިން އަންހެން ކޮއްކޮ އެބަތިއްބެވެ. އޭގެ އެންމެ ހަގަށް ހުރީ ތެލެސީމިއާ ކުއްޖަކަށް ވުމުން ޝަރުވާންގެ އާއިލާ ވެފައިވަނީ މި ތަޖުރިބާގެ ތެރޭގައި އުޅެން ޖެހިފައިވާ އާއިލާއަކަށެވެ.

ކެރިއަރުން ކައިވެނި ނުކުރޭ

ސިއްހީ ދާއިރާ ކުރިއަރައިފި އެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ހާލަތު ދުރާލައި ބެލޭ ވަރަށް ރާއްޖޭގެ ފަރުވާތަކަށް ވެސް ބަދަލުތައް އަތުވެއްޖެ އެވެ. އެހެންވެ، ތެލަސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމުގެ ވިސްނުން އެއްފަރާތްކޮށްފައި ކައިވެންޏާ ހިސާބަށް ވަރަށް ގިނައިން އެބަދެ އެވެ.

ޝަރުވާން ގަބޫލުކުރާ ގޮތުގައި ދެ ކެރިއަރުން ކައިވެނިކުރުމަކީ، އެނގިހުރެ ކުއްޖަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

"ތެލެސީމިއާ ކުއްޖެއް ލިބޭކަން އެނގުނީމާ ކައިވެނި ރޫޅާލަނީ. ރޫޅާލީމާ ނިކަމެތިކަން ލިބެނީ ތެލެސީމިއާ ކުއްޖާއަށް. ކައިވެނި ރޫޅާނުލިއަސް ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ކުއްޖާއަށް ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އަދި ބޭރުގައި މި ވަސީލަތްތައް ހުރެ، އެގޮތަށް ލިބޭ ކުދިންނަށް ވަރަށް ބޮޑު އަނިޔާއެއް އެ ދެވެނީ. އެނގިހުރެ. މިއޮތް ޓެކްނޮލޮޖީ ޒަމާނެއްގައި، ކަންކަން ބެލެން ހުރި ޒަމާނެއްގައި އެނގިހުރެ އެ ކުދިންނަށް އަސްލު ވަރަށް ބޮޑު އަނިޔާއެއް ދެނީ،" ޝަރުވާން ބުންޏެވެ.

އޭނާ ބުނީ ލޭ އަޅަން ތެލަސީމިއާ ކުދިންގެ ގަޔަށް ޖަހާ ކަށިތަކުގެ ވޭން މައިންބަފައިންނަށް ސީދާ އިހްސާސް ނުވިޔަސް ތުއްތު ކުދިންގެ ދަގަނޑުގެ ބައި ދަށްކުރަން ޑެސްފަރޯލް ގުޅައިގެން އަޅާ ވޭން ބޮޑު ކަމަށެވެ.

"އަޅުގަނޑު ވެސް ކުޑައިރު ވަރަށް ރުއިން. ނުގުޅަން ވެގެން މަގުމައްޗަށް ދުއްވައިގެންފައި ވެސް ހުންނާނެ އޭރު. އެ މީހުންނާ ދިމާލަށް ހަޅޭއްލަވައި، ގައިގައި ތަޅައި، ނުގުޅަންވެގެން ވަރަށް އުޅުނިން،" ޝަރުވާން ބުންޏެވެ.

ތެލެސީމިއާ ސެންޓަރު، އާ އިމާރާތަކަށް ބަދަލުކުރާތީ އިއްޔެ އެ ތަނުގައި ބޭއްވި ފެއާވެލްގައި، ތެލެސީމިއާ ކޮނިއުނިޓީގެ ބަޔަކު ބައިވެރިވަނީ.

ތެލެސީމިއާ ސެންޓަރު، އާ އިމާރާތަކަށް ބަދަލުކުރާތީ އިއްޔެ އެ ތަނުގައި ބޭއްވި ފެއާވެލްގައި، ތެލެސީމިއާ ކޮނިއުނިޓީގެ ބަޔަކު ބައިވެރިވަނީ.

"ގިނަ ފަހަރު ގިނަ ދިވެހިންގެ ހާލަތު އެގޮތަށް ތަނެއް ނުދެނޭ. ރާއްޖޭގައި އެކަން އަދި ކުރެވޭކަށް ނެތް. އެ ޓެސްޓު ކުރެވެނީ ރާއްޖެއިން ބޭރަށް ގޮސް. އަޅުގަނޑުމެންނަށް ލިބޭ އިންކަމުން ގިނަ ފަހަރަށް ނުވެފައި މި އޮންނަނީ. ނުވީމަ އެބަޖެހޭ އެ ކުއްޖާ އުފަން ކުރަން. އުފަން ކުރީމާ އެބަ ޖެހޭ އެ ހުރިހާ ވޭނެއް. އެކަމަކު، އޭގެ ކުރީގައި އެ ބުނަނީއޭ ތިމަންނަމެންނަށް ބެލެން އެބައޮތެއް ނޫންހޭ. އެހެން ކިޔާފައި ކައިވެނިކުރަނީ. ހަގީގީ ލޯތްބޭ ކިޔާފައި ކައިވެނި ކުރަނީ. އެކަމަކު، ކުރީމާ ހުރިހާ ދެރައެއް، ނިކަމެތިކަމެއް ލިބެނީ ތެލެސީމިއާ ކުއްޖާއަށް. މިއީ ޒުވާނުންނަށް ދޭން ބޭނުންވާ ނަސޭހަތެއް،" ޝަރުވާން ބުންޏެވެ.

"އެގޮތަށް ކަންތައް ނުކުރާށޭ."

އެދެވޭ ފަރުވާ އަދި ވެސް ނުލިބޭ

ތެލެސީމިއާއަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. އެކަމަކު، ރަނގަޅު ފަރުވާ ލިބޭ ނަމަ ގަވައިދުން ލޭ އަޅަމުން ވެސް އާއްމު އެހެން މީހުންނެކޭ އެއްގޮތަށް ދިރިއުޅުން ގެންދެވޭނެ ކަމަށް ޝަރުވާން ބުންޏެވެ.

އެކުގައި އުޅުނު ތެލެސީމިއާގެ އެތައް އެކުވެރިންނެއް ވަކިވެގެން ގޮސްފި އެވެ. ރަނގަޅު ފަރުވާ ލިބުނު ނަމަ އޭގެ ތެރެއިން ވެސް ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް، ތެލެސީމިއާ ކޮމިއުނިޓީން ގަބޫލުކުރެ އެވެ.

"ނުވަ ދިހައިގެ ހިސާބުތަކުން ފެށިގެން މި ވާހަކަދައްކަމުން މި ދަނީ. މިހާރު އެންމެ މުހިއްމު ކަމަކަށް، ބޮޑެތި ވަމުން އަންނަ ކުދިން، ތެލެސީމިއާ ނޫނަސް އެ ކުދިންގެ އެހެން މައްސަލަތައް ހުންނާނެ. ބައެއް ކަންކަން އެ ކުދިންގެ ގައިގައި ހުންނަންޏާ އެއީ ތެލެސީމިއާ ސެންޓަރުގައި އިންނަ ޑޮކްޓަރަށް ކުރެވޭނެ ކަމެއް ނޫން،" ޝަރުވާން ބުންޏެވެ.

"ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދައްކައިދިނުމަކީ އެ މީހުންގެ ޒިންމާއެއް. ތެލެސީމިއާ ކުދިންނަށް ވަކިން ހިދުމަތްދޭނެ ވަކި ތަނެއް އެބަހުއްޓޭ، ދެން ކީއްވެގެންތޯ އެ ތަނުގައި އެ ކަހަލަ ޑޮކްޓަރުން ނުތިބެނީ. އެ ޝަކުވާތަކާ ހެދި މިހާރު އެބަހުރި އެތެރެހަށީގެ ޑޮކްޓަރެއް ހަމަޖައްސައިދީފައި."

ތެލެސީމިއާގެ ދެ ޒުވާނަކު ކައިރި ކައިރީގައި މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ނިޔާވެފަ އެވެ. އެ ދެ އަންހެން ކުދިންގެ ފަރުވާގައި ވެސް ކަންބޮޑުވުންތައް ހުރި ކަމަށް ޝަރުވާން ބުންޏެވެ.

"ވަރަށް ގިނަ މޫނުތަކެއް އެ ހުރީ ގޮސްފައި،" އޭނާ ބުނެލި އެވެ.