Roadha Mihaaru
ޅައިމަގު އަންހެންމީހާގެ މޫނަށް ޖެހީ ލައްފިލުވާ: ޕޮލިސް

ޅައިމަގު އަންހެންމީހާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ: ޕޮލިސް

25 ޑިސެމްބަރ 2016

ށ. ޅައިމަގު އަންހެންމީހާގެ މޫނަށް ބަޔަކު ޖެހީ ލައްފިލުވާ ކަމަށް އެނގިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ށ. ޅައިމަގު އަންހެންމީހާގެ މޫނަށް ބަޔަކު ޖެހީ ލައްފިލުވާ ކަމަށް އެނގިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ފަތިހު ލައްފިލުވާ ޖަހާފައި ވަނީ ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށެވެ. އޭނާގެ ކަނާތު ލޮލަށް ލައްފިލުވާގެ އަސަރު ކުރި ނަމަވެސް ލޮލުގެ ފެނުމަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަލީމާ ބެލި ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވެފައިވެ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކަން ހިނގި ގޮތް މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިދިޔަ ހޮނިހިރުދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 21، އަދި 23 އަހަރުގެ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް، 21 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"...މި މައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހަލީމާގެ މޫނަށް ލައްފިލުވާ ޖެހީ، ފަތިސް ނަމާދުން ނިމިގެން ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީގައި ހުރި މީހެއް ކަމަށްވެ އެވެ.

ހަލީމާ އުޅެނީ ގޭގައި އެކަނި ކަމަށް އެނގިފައިވެ އެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގައި ކަމަށްވެ އެވެ.