Roadha Mihaaru
އަންހެނަކަށް އަނިޔާކުރި މައްސަލަ: ބަންދަށް 10 ދުވަސް

އަންހެނަކަށް އަނިޔާކުރި މައްސަލާގައި ގެވެށި އަނިޔާގެ ތުހުމަތު، ބަންދަށް 10 ދުވަސް

23 އޮކްޓޯބަރ 2021

މާލޭގައި 19 އަހަރުުގެ އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުުގައި ހައްޔަރުކުރި މީހާ 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި 19 އަހަރުުގެ އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުުގައި ހައްޔަރުކުރި މީހާ 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އަންހެނަކަށް އަނިޔާ ކުރުމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އިއްޔެ އެވެ. އެ އަންހެން މީހާ ރަހީނުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުނަސް، ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް ފާހަގަނުވާ ކަމަށެވެ.

އެ މީހާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ގެވެށި އަނިޔާގެ ތުހުމަތެވެ. އެ ތުހުމަތަށް އިންކާރުކޮށް، އެ މީހާ ކޯޓުގައި ބުނެފައިވަނީ ގަދަކަމުން އެ އަންހެން މީހާ އެއްވެސް ތަނަކަށް ގެންގޮސްފައި ނުވާނެ ކަމަށާއި އެ ދެ މީހުން ހެލްމެޓް އަޅައިގެން ބްރިޖް ހުރަސް ކޮށްފައި މާލެ އައީ ކަމަށެވެ.

މީގެ އިތުރުން ބްރިޖް ހުރަސް ކޮށްފައި ގަދަކަމުން މީހަކު ނުގެނެވޭނެ ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ. އެކަމަކު ކޯޓުން ނިންމީ އެކަށީގެންވާ ހެކި އޭނާއާ ދެކޮޅަށް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

ފިރިހެން މީހާ ހައްޔަރުކުރީ އަންހެން މީހާއަށް އަނިޔާ ކުރުމުން އެ ސަރަހައްދަށް މީހުން އެއްވުމުންނެވެ.