Roadha Mihaaru

ގާނޫނީ ހުރަހެއް ނެތް؛ އެކަމަކު ފިރިހެން ފުލުހުންގެ މި މަންޒަރު ރީއްޗެއް ނޫން!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯ އިން ފެންނަނީ ޗެނަލް 13ގެ ނޫސްވެރިޔާ މަރިޔަމް އިސްއާދާ ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އުޅުނު ގޮތެވެ؛ އައިޖީއެމްއެޗުގެ ތެރޭގައި އޭނާ ވަށާލައިގެން ފިރިހެން ފުލުހުންތަކެއް ތިބި އިރު ދެއަތް ފުރަގަހަށް ލައި ހިފަހައްޓައިގެން ހުރީ ވެސް ފިރިހެން ފުލުހެކެވެ.

ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

09 ޖެނުއަރީ 2022

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯ އިން ފެންނަނީ ޗެނަލް 13ގެ ނޫސްވެރިޔާ މަރިޔަމް އިސްއާދާ ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އުޅުނު ގޮތެވެ؛ އައިޖީއެމްއެޗުގެ ތެރޭގައި އޭނާ ވަށާލައިގެން ފިރިހެން ފުލުހުންތަކެއް ތިބި އިރު ދެއަތް ފުރަގަހަށް ލައި ހިފަހައްޓައިގެން ހުރީ ވެސް ފިރިހެން ފުލުހެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން، ގަދަ ދައްކަނިކޮށް ފިރިހެން ފުލުހުން އޭނާ ހިފެހެއްޓި ގޮތުން ނިވާކަން ކުޑަވާ ގޮތަށް ހެދުން ވެސް އޮތީ ހުޅުވިފަ އެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް ވަރަށް އަނިޔާވެރި ކަމަށް ތުހުމަތުކޮށް ދައްކާ އެއް މަންޒަރަކީ އެ ފޮޓޯ އެވެ. އިސް ސަފަށް އަންހެނުން ނުކުމެ ކުރާ ޕީޕީއެމްގެ މުޒާހަރާތަކުގައި މުޅިން ވެސް އަންހެނުން ހުއްޓުވައި ހައްޔަރުކުރަނީ ފިރިހެން ފުލުހުން ކަމުގެ ހިތްހަމަނުޖެހުން ބޮޑެވެ. ފިރިހެން ފުލުހުން އަމަލުކުރާ ހަރުކަށި ގޮތުން އަންހެނުންނަށް އަނިޔާވަމުން ދިއުން ވެސް ބަލައެއް ނުގަނެ އެވެ.

އައިޖީއެމްއެޗުގެ ތެރޭގައި ފުލުހުން: މުޒާހަރާތައް ހުއްޓުވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ބުނޭ.

އައިޖީއެމްއެޗުގެ ތެރޭގައި ފުލުހުން: މުޒާހަރާތައް ހުއްޓުވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ބުނޭ.

އެހެންވެ މިހާރު ތުހުމަތުކުރަނީ، މުޒާހަރާގައި ފިރިހެން ފުލުހުން އަންހެނުންނަށް އަނިޔާވާ ގޮތަށް ހައްޔަރުކޮށް، ބައިވެރިންނަށް ހުރަސްއަޅަނީ ސަރުކާރުގެ އޯޑަރަށް ކަމަށެވެ.

މުޒާހަރާތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަން އާއްމުކޮށް އަންހެން ފުލުހުން ނެރެ އެވެ. ގިނަ މުޒާހަރާތަކުގައި އަންހެނުން ހައްޔަރުކުރުމުގައި މީގެ ކުރިން ފެންނަނީ ވެސް އަންހެން ފުލުހުން އުޅޭ ތަނެވެ. އެކަމަކު، ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން މަގުތަކުގައި އަޑުއުފުލުމަށް ފަހު އެތަނުން އަނިޔާވި މީހުންނާ އެކު، ގޮސް އައިޖީއެމްއެޗު ތެރެއަށް ވަދެގަތުން ކޮންޓްރޯލް ކުރަން އުޅުނު އިރު އެ ތަނުގައި އަންހެން ފުލުހަކު އެވަގުތަކު ނެތެވެ.

އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން، އެސަރަހައްދުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން، އެސަރަހައްދުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މުޒާހަރާ ހުއްޓުވުމުގެ ބޭނުމުގައި ފަހަކަށް އައިސް ފުލުހުންގެ އަނިޔާ އަމާޒުކޮށްފައި ވަނީ އަންހެނުންނަށެވެ. މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ފުލުހުންނާ ދެކޮޅަށް ވަނީ ބަޔާން ވެސް ނެރެފަ އެވެ.

އަންހެނަކު ވެހިކަލަކަށް އަރުވައި ބިޑި އަޅުވާ މަންޒަރުގެ ވީޑީއޯ އާއްމުކުރައްވައި ޕީޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ފުލުހުންގެ އަމަލުކުރާ ގޮތަކީ "ބޮޑުވަރު" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އަންހެނުން ހައްޔަރުކުރަން ފިރިހެން ފުލުހުންނަށް ހުރަހެއް ނެތް"

އަންހެނުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އަނިޔާވެރި ކަމަށް އަމާޒުވާ ތުހުމަތު ދިފާއުކުރާނެ ޖާގަ ފުލުހުންނަށް ލިބެ އެވެ. މުޒާހަރާތަކާއި އެ ނޫން ވެސް ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި، އަންހެނުން ހައްޔަރުކުރަން ޖެހޭނީ ނުވަތަ ހުއްޓުވަން ޖެހޭނީ އަންހެން ފުލުހުން ކަމަކަށް އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމެއް ނުކުރެ އެވެ.

އެކަމަކު އެންމެ ރަނގަޅު ގޮތަކީިި އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމެވެ. އެކަން ފުލުހުން ވެސް ގަބޫލުކުރެ އެވެ.

މިހާތަނަށް ފުލުހުން އަމަލުކުރަމުން އަންނަ ގޮތަކީ ވެސް ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ދުރާލައި އަންހެނަކު ހައްޔަރު ކުރަން ޖެހޭ ނަމަ އަންހެން ފުލުހުން އެކަމުގައި އިސްވެ އުޅުމެވެ. އެކަމަކު މުޒާހަރާތަކުގައި ކުއްލިއަކަށް މީހަކު ހައްޔަރުކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި އޭރަކު ވަކި ޖިންސަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަން ގާނޫނުން ހުރަހެއް ނެތް ކަން ފުލުހުން ފާހަގަކުރެ އެވެ.

މުޒާހަރާތަކުގައި އަމަލުކުރަމުންދާ ގޮތާ ގުޅޭ ކަންބޮޑުވުންތަކަށް އެ މުއައްސަސާ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލްތަކުގެ މަތިންނެވެ. އަންހެނުން ހައްޔަރުކުރުމުގައި އަންހެނުން ހަރަކާތްތެރިވުމަކީ އެ ހިދުމަތުން އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗު ތެރޭގައި މަރީ ވެއްޓިފައި: މުޒާހަރާތައް ހުއްޓުވާ ގޮތުން ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައި.

އައިޖީއެމްއެޗު ތެރޭގައި މަރީ ވެއްޓިފައި: މުޒާހަރާތައް ހުއްޓުވާ ގޮތުން ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައި.

ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމާއި އާއްމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެމުން ފުލުހުން ބުނެފައި ވަނީ ޕީޕީއެމްގެ މުޒާހަރާތައް ބާއްވަމުން އަންނަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މުޒާހަރާތަކާއި އެއްވުންތަކުގައި ގިނަ އަދަދެއްގެ އަންހެނުން ސަލާމަތީ ކަންކަން ބަލަހައްޓަން ތިބުމުގެ ގާބިލްކަމެއް އެ މުއައްސަސާއަކު ނެތެވެ. ފުލުހުންގެ ތެރޭގައި އަންހެން ފުލުހުންގެ ނިސްބަތަކީ 14 ޕަސެންޓެވެ. ގާތްގަނޑަކަށް މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަ އިރު އޭގެ ތެރެއިން 55 ރަށެއްގައި އަންހެން ފުލުހުން ނެތެވެ.

ގާނޫނުން ފުލުހުންނަށް ބާރާއި އިހްތިޔާރު ލިބިފައި އޮތަސް މުޒަހަރާތަކުގައި އަންހެނުންގެ ގައިގައި އޮޅުލައި ބައްދައި ހުއްޓުވަން ފިރިހެން ފުލުހުން އުޅޭ ގޮތް ފެންނަ މަންޒަރުތަކުން ހުތުރެވެ؛ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިކަމުގައި ވެސް ދިވެހި ފުލުހުން އަމަލުކުރަން ޖެހެ އެވެ. އެއީ އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމެވެ.

އިސްލާހަށް އަމާޒު ހިފައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާގެ އިތުބާރު ނަގަހައްޓާ ނަމަ މިއީ، ވެސް ކުޑަ ކަމެއްގެ ގޮތަށް ދޫކޮށްލެވޭކަށް ނެތެވެ.