Roadha Mihaaru
ހަލީމާއަށް ދިން ހަމަލާއަކީ އިއާދަނުކުރެވޭނެ ގެއްލުމެއް

ހަލީމާއަށް ދިން ހަމަލާއަކީ އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް: ޖަމްއިއްޔާތައް

26 ޑިސެމްބަރ 2016

ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ބަޔަކު ކެމިކަލް ޖެހުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުކުރާ އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އިއާދަނުކުރެވޭ ވަރުގެ ހަމަލާއެއްކަން ފާހަގަކޮށް ހަތް ޖަމްއިއްޔާއަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ބަޔަކު ކެމިކަލް ޖެހުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުކުރާ އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އިއާދަނުކުރެވޭ ވަރުގެ ހަމަލާއެއްކަން ފާހަގަކޮށް ހަތް ޖަމްއިއްޔާއަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ފަތިހު ދިން ހަމަލާގައި ހަލީމާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ ކަނާތު ލޮލަށް ލައްފިލުވާގެ އަސަރު ކުރި ނަމަވެސް ލޮލުގެ ފެނުމަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަލީމާ ބެލި ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ދާދި ފަހުން އުފެއްދި އުތެމައިން އިސްނަގައިގެން، އަންހެނުންގެ ހައްގުތަކާއި ކުރިއެރުމަށް މަސައްކަތްކުރާ އިތުރު ހަތަރު ޖަމްއިއްޔާއަކާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ މިފަދަ ހާދިސާއެއް ރާއްޖޭގައި ހިނގުމަކީ އާދަޔާޚިލާފު ކަމެއް ކަމަށެވެ. މިއީ އިންޑިއާ އާއި ބަންގްލަދޭޝް ފަދަ އަވައްޓެރި ގައުމުތަކުގައި އެސިޑު ފަދަ ތަކެތިން އަންހެނުންނަށް ދޭ ކަހަލަ ބިރުވެރި ހަމަލާއެއްކަން އެ ޖަމްއިއްޔާތަކުން ފާހަގަކުރެ އެވެ.

"މި ކުށަކީ އޭގެ ޝިކާރައަކަށްވާ އެތައް ބަޔަކު އުމުރު ދުވަހަށް އެކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހޭ އަނިޔާވެރި ޖަރީމާއެކެވެ،" ބަޔާނުގައިވެ އެވެ.

"ހަލީމާ އާދަމް އަށް ހަމަލާދިން ފަރާތެއް ހޯދައި ހާދިސާ ތަހުގީގުކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަކީ ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެކެވެ. އެއީ ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ އަންހެނެއްގެ ވެސް ހައްޓާއި ފުރާނައިގެ ރައްކާތެރިކަމާއި މިނިވަން މާހައުލެއްގައި މަސައްކަތްކޮށް ދިރިއުޅުމަކީ ގާނޫނުއަސާސީގެ ދަށުން ޔަގީންކޮށްދީފައިވާ އިންސާނީ ހައްގުތަކަކަށްވީ ހިނދު އެ ހައްގުތައް ފަހިކޮށްދީ، އެއިން ހައްގެއް ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެކެވެ."

ލަސްނުކޮށް ހަލީމާ އަށް އިންސާފު ހޯދައިދިނުމަށް ހޯޕް ފޯ ވިމެން އިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ޖަމްއިއްޔާ އިން ބުނީ އަންހެންކުދިންނާއި އަންހެނުންނާ ދޭތެރޭ ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން އަވަސް ގޮތަކުން ފިޔަވަޅުއަޅަން މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކަން ހިނގި ގޮތް މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މިދިޔަ ހޮނިހިރުދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 21، އަދި 23 އަހަރުގެ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް، 21 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. "...މި މައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.