Roadha Mihaaru
ޅައިމަގު އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލަނީ

ޅައިމަގު އަންހެން މީހާގެ ލޮލުގެ ފެނުމަށް ގެއްލުމެއް ނުލިބޭ، މިއަދު ދޫކޮށްލާނެ

25 ޑިސެމްބަރ 2016

މޫނަށް ކެމިކަލް ޖެހުމުން ލޮލަށް އަސަރު ކޮށްގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ ލޮލުގެ ފެނުމަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މޫނަށް ކެމިކަލް ޖެހުމުން ލޮލަށް އަސަރު ކޮށްގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ ލޮލުގެ ފެނުމަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ހަލީމާ އަށް ފަރުވާ ދިން ޑޮކްޓަރާ ހަވާލާދީ ކުޅުދުއްފުށީގެ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހަލީމާ އަށް ފަރުވާ ދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި ދޫކޮށްލެވޭވަރު ވާނެ ކަމަށެވެ.

"ހަލީމާ އަދިވެސް އޮތީ އޮބްޒަވޭޝަނަށް އެޑްމިޓްކޮށްފައި. އޭނާގެ ކަނާތު ލޮލަށް ކެމިކަލްގެ އަސަރުކޮށްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވީ. ނަމަވެސް ލޮލުގެ ފެނުމަށް އެއްވެސް އަސަރެއް ނުކުރޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހަލީމާގެ މޫނަށް މީހަކު އިއްޔެ ރޭ ކެމިކަލް ޖެހި މައްސަލައިގައި ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނަކު ރޭ ވިދާޅުވި ގޮތުގައި ޅައިމަގުން ހައްޔަރުކުރި ދެ ވަނަ މީހާ އަކީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. މި މައްސަލައިގައި އިއްޔެ ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.

އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުން ނިމިގެން ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހަކު ކަމަށް ވެ އެވެ. އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނަސް، ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވި އެވެ.

‎"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ ވިދާޅުވެފައިވެ އެވެ.

‎އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.