Roadha Mihaaru
މީހެއްގެ މޫނަށް އަނެއްކާ ވެސް ކެމިކަލް ޖަހައިފި

މީހެއްގެ މޫނަށް އަނެއްކާ ވެސް ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް މިއަދު ކެމިކަލް ޖަހައި ޒަހަމްކޮށްލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް މިއަދު ކެމިކަލް ޖަހައި ޒަހަމްކޮށްލައިފި އެވެ.

މި ހާދިސާގައި ޒަހަމްވި އިބްރާހިމް މުހައްމަދު، 71،ގެ ހާލު ސީރިއަސް ވުމުން އޭނާ އަށް ފަރުވާ ދިނުމަށް މީގެ އިރުކޮޅެއް ކުރިން ވަނީ މާލެ ގެނެސްފަ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ށ. ޅައިމަގު އަންހެނެއްގެ މޫނަށް ވެސް ބްލީޖް ޖެހުމުން އޭނާއަށް ގެއްލުންތަކެއް ވެފައި ވެ އެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާމިރު ވިދާޅުވީ އެ ރަށުގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހާގެ މޫނަށް ކެމިކަލް ޖެހީ މިއަދު ފަތިސް ނަމާދަށް ދަނިކޮށް މަގުމަތިން ކަމަށެވެ. އެކަން ކުރީ ޒުވާން އުމުރުގެ ކުއްޖެއް ނަމަވެސް އެއީ ކާކުކަމެއް އަދި ނުހޯދެ އެވެ.

އާމިރު ވިދާޅުވީ ފައިބަރުގެ މަސައްކަތްކުރާއިރު ބޭނުން ކުރާ ކަމަށް ބެލެވޭ ކެމިކަލް އިބްރާހިމްގެ މޫނަށް ޖެހުމުން އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގެން ކަމަށާއި އޭނާއަށް އެހީތެރިވެދިނީ އެ އަޑަށް މަގުމައްޗަށް ނިކުތް ބައެއް ކަމަށެވެ.

ކެމިކަލް ޖެހުމުގެ ސަބަބުން އެއް ލޯ ނުހުޅުވޭއިރު މޫނުމަތި ވެސް ޒަހަމްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ އެއީ ކީއްވެ ކުރި ކަމެއް ކަމެއް. އޭނާ އަކީ ދީނަށް ލޯބި ކުރާ ވަރަށް ރަނގަޅު މީހެއް. އޭނާއަށް އެފަދަ އަނިޔާއެއް ދިން ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ،" އާމިރު ވިދާޅުވި އެވެ.

ޅައިމަގު އަންހެން މީހާގެ މޫނަށް ބްލީޗް ޖެހި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އެވެ. އުމުރުން 50 ހަކަށް އަހަރުގެ އެ މީހާގެ ގަޔަށް ބްލީޗް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް ވެ އެވެ.