Roadha Mihaaru
ދުވާފަރު މީހާގެ ލޮލަށް ބޮޑު ގެއްލުމެއް

ކެމިކަލް ޖެހުމުން ލޮލަށް ގެއްލުންތަކެއް ވަނީ ލިބިފައި: އައިޖީއެމްއެޗު

22 ފެބުރުއަރީ 2017

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް އިއްޔެ ކެމިކަލް ޖެހުމުން އޭނާގެ އެއް ލޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރ. ދުވާފަރުގައި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް އިއްޔެ ކެމިކަލް ޖެހުމުން އޭނާގެ އެއް ލޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ދުވާފަރު ނީލަމްގޭ އިބްރާހިމް މުހައްމަދު، 71، މޫނަށް ޒުވާން ފިރިހެނަކު އިއްޔެ ކެމިކަލް ޖެހީ ފަތިސް ނަމާދަށް ދަނިކޮށެވެ.

އެ ރަށުގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އިބްރާހިމްގެ މޫނަށް ކެމިކަލް ޖެހުމުން ހާލު ސީރިއަސްވެ، އިމަޖެންސީގައި އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.

އޭނާއަށް ފަރުވާދޭ އައިޖީއެމްއެޗުން ބުނިގޮތުގައި އިބްރާހިމްގެ ކަނާތު ލޮލަށް ކެމިކަލް އެޅި، ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެ ލޮލަށް ފެންނާނެކަން ޔަގީން ވާނީ މިހާރު އަޅާފައިވާ ބޭސްގަނޑު ނެގުމުން ކަމަށް ވެސް އެތަނުން ބުންޏެވެ.

ކެމިކަލް ޖެހުމުގެ ސަބަބުން އިބްރާހިމް މޫނަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުންްޏެވެ.

"މޫނު މައްޗަށް މާ ބޮޑު ގެއްލުމެއް ނުލިބޭ. މިހާރު އޭނާ އޮތީ ވޯޑުގައި ބާއްވާފައި،" އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ދުވާފަރު ކައުންސިލުން އިއްޔެ ބުނީ އިބްރާހިމްގެ މޫނަށް ކެމިކަލް ޖެހި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އޭނާ އަކީ އަހުލާގު ރަނގަޅު، ދީނަށް ލޯބި ކުރާ މީހެއް ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ށ. ޅައިމަގު އަންހެނެއްގެ މޫނަށް ބްލީޗު ޖެހުމުން އޭނާއަށް ވެސް ގެއްލުންތަކެއް ލިބުނެވެ. ޅައިމަގު އަންހެން މީހާގެ މޫނަށް ބްލީޗް ޖެހި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އެވެ. އުމުރުން 50 ހަކަށް އަހަރުގެ އެ މީހާގެ ގަޔަށް ބްލީޗް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު އެވެ.