Roadha Mihaaru
ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ފުރަތަމަ ހުއްދަ ދުވާފަރަށް

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ފުރަތަމަ ހުއްދަ ދުވާފަރު ސްކޫލަށް

03 ސެޕްޓެމްބަރ 2020

ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ދެވިދާނެތޯ އަޖުމަ ބަލަން ހުޅުވައިލި ފުރުސަތުގައި ރ. ދުވާފަރު ޕްރައިމަރީ ސްކޫލަށް އެކަމުގެ ހުއްދަ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ދެވިދާނެތޯ އަޖުމަ ބަލަން ހުޅުވައިލި ފުރުސަތުގައި ރ. ދުވާފަރު ޕްރައިމަރީ ސްކޫލަށް އެކަމުގެ ހުއްދަ ދީފި އެވެ.

މިއީ ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން އަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ. ބްރޯޑްކޮމް އިން ބުނީ ދުވާފަރު ޕްރައިމަރީ ސްކޫލަށް ދިން ހުއްދަ އަކީ ކޮމިއުނިޓީ ބްރޯޑްކާސްޓިން އަށް އަހުލުވެރިކުރުވައި ހިދުމަތަށް ޝައުގުވެރިކަން އޮތްވަރު ބަލަން ހިންގާ އަޖުމަބެލުމުގެ މަޝްރޫއެއްގެ ދަށުން ދިން ހާއްސަ ހުއްދައެެއް ކަަމަށެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތްދޭ ފަރާތްތަކުން ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމަކީ ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމެކެވެ.

ރާއްޖެ އަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތްް ތައާރަފްކުރުމަކީ ބްރޯޑްކޮމް އުފެއްދި ގާނޫނުން ލާޒިމްކުރާ ކަމެކެވެ. އެހެންވެ އެކަން ތައާރަފްކުރުމަށްޓަކައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނުކުރީ މިދިޔަ ޖޫން މަހު އެވެ. އަޖުމަބެލުމުގެ މަޝްރޫއުގައި، ހުއްދަ ދޭ ފަރާތްތަކުން އަމަލުކުރާނެ އުސޫލު އޭރު ވަނީ ކަނޑައަޅައި އިއުލާނުކޮށްފަ އެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ދިނުމަށް ފަހު ބޭއްވި ރަސްމިއްޔާތު.

ދުވާފަރު ޕްރައިމަރީ ސްކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ދިނުމަށް ފަހު ބޭއްވި ރަސްމިއްޔާތު.

ދުވާފަރު ޕްރައިމަރީ ސްކޫލްގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ކުރިއަށް ގެންދަން ހުއްދަދީ އެކަމަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވާޗުއަލް ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިއީ ވަރަށް ފައިދާހުރި ހިދުމަތެއް ކަމަށެވެ. މިވަގުތު ހަމަ އެކަނި ތައުލީމީ ދާއިރާ އަށް ހުއްދަ ދިން ނަމަވެސް އެހެން ދާއިރާތަކަށް ވެސް މުސްތަގުބަލުގައި ފުރުސަތު ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް އަދި އެ ސްކޫލުން ހިންގުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިން ޗެނަލް "ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް”ގެ ކޯޑިނޭޓަރު އިސްމާއީލް ޝުކުރީ ވިދާޅުވީ މިއީ ރާއްޖެ އަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި، ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ އެދެވޭ ގޮތެއްގައި ތައުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ބޭނުންތެރި ހިދުމަތެއް ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލުން ހިދުމަތްދޭނީ ހަމަ އެކަނި ދުވާފަރު ސަރަހައްދަށެވެ. ދުވާފަރަކީ 5،000 އަށް ވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.