ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބިދޭސީ މީހާ ލުތުފަރު، މަރާލައި ކަނޑުފެއްތި ގޮތް އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ އޭނާގެ އެކުވެރިން ފުލުހުންނަށް ކުޅެދީފި އެވެ.
14 މެއި 2019
ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބިދޭސީ މީހާ ލުތުފަރު، މަރާލައި ކަނޑުފެއްތި ގޮތް އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ އޭނާގެ އެކުވެރިން ފުލުހުންނަށް ކުޅެދީފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެއްލުނު ބަންގްލަދޭޝްގެ މި މީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އޭނާއާ އެކު އެ ރަށު ބޯޓެއްގައި މަސައްކަތް ކުރާ އެ ގައުމުގެ ހަތަރު މީހުންނެވެ. މިކަމުގައި އަމަލީ ގޮތުން ބައިވެރިކަމަށް ބުނާ ތިން މީހުން، އެކަން ކުރި ގޮތް ހަމަ އެތަނުގައި ފުލުހުންނަށް ވަނީ ކުޅެދީފަ އެވެ.
އެ މަންޒަރު ދުށް ޅައިމަގު މީހަކު ބުނިގޮތުގައި ލުތުފަރު މަރާލީ ބޯޓު ތެރޭގަ އެވެ. ކުރިން އެ ރަށުގައި އަޑުއަރާފަ އޮތް ގޮތުން އެކަން ކުރީ ވަލުތެރޭގަ އެވެ. އަދި އެ ރަށުގެ ކަނޑުތޮށި ކައިރިން ލުތުފަރުގެ ހަށިގަނޑުގެ "ބައިތައް" ފެނުނު ކަމަށް ފުލުހުން ބުނުމުން ގަބޫލު ކުރެވުނީ އޭނާ ކޮށާލީ ކަމަށެވެ.
އެކަމަކު ބިދޭސީ މީހުން އެކަން ކުރީ އެހެން ގޮތަކަށް ކަން، އެ މީހުން ކުޅުނު މަންޒަރުތަކުން އެނގުނެވެ.
ޅައިމަގު: ބިދޭސީ މީހާ ކަނޑު ފެއްތީީ ކަނޑުތޮށި ކައިރިން ކަނޑަށް-- ފޮޓޯ: ސޯޝަލް މީޑިއާ
ފައިސާގެ މައްސަލައެއްގައި ލުތުފަރު މަރާލި ކަމަށް ބިދޭސީން ބުނަނީ ދަންވަރުގެ ވަގުތުގައި އޭނާގެ އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށް ފަހު ކަރުގައި ހިފައިގެންނެވެ. އަދި އޭނާގެ ޓީޝާޓު ބޭލުމަށް ފަހު ގައިގައި، ކުކިންއޮއިލް ހުސް ކުރި ބޮޑު ރީނދޫ ހަމެއް އައްސައި ފަޅުތެރެއަށް ދޫކޮށްލި އެވެ.
"މި ރަށު [ކޮނެފައިވާ ބަނދަރު] ފަޅުތެރޭގައި އޮންނާނެ ހިކިފައި އޮތް ފަސްގަނޑެއް. ދެން އެ މީހުން އެ ފަސްގަނޑު މައްޗަށް ލުތުފަރު އަރުވައި އޭނާގެ މޭގަ އާއި ފައިގައި ވެލި ބަސްތާއެއް އެއްސީ. އޭގެ ފަހުން އެ ދިމާލުން ކަނޑު ތޮށިން ބޭރަށް ކަނޑަށް އޭނާ ވައްޓާލީ،" ކުޅުނު މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ލުތުފަރުގެ ހަށިގަނޑުގައި އެއްސި ރީނދޫހަން ކަނޑާލުމަށް އެ މީހުން ވެސް ކަނޑަށް ފުންމާލި އެވެ.
އެ ހަމާއި ލުތުފަރުގެ ޓީޝާޓު ވަޅުލީ ޅައިމަގުގެ ވަލުތެރޭގަ އެވެ. އެ އެއްޗެހި ވަޅުލާފައި ދެ ބިދޭސީން ނިކުތްތަން އެ ރަށުގެ އަންހެނަކަށް ވަނީ ކުރިން ފެނިފަ އެވެ.
ލުތުފަރު މަރާލުމުގައި ތިން ބިދޭސީއަކު ބައިވެރިވި އިރު، އަނެއް މީހާ އޮތީ ނިދާފައި ކަމަށް ވެ އެވެ. އެކަމަކު އެއީ ވެސް ގަވައިދާ ހިލާފަށް އުޅޭ މީހަކަށް ވާތީ އޭނާ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކަނޑު އަޑީގައި ދެ ހަފުތާ ވަންދެން އޮތުމުގެ ސަބަބުން ލުތުފަރުގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
"މިހާރު" އަށް ކުރިން ވާހަކަ ދައްކަމުން، އެ ބޯޓުގެ ވެރިފަރާތުން ބުނީ ލުތުފަރަކީ އެ ހާދިސާގެ މަހެއްހާ ދުވަސް ކުރިން ބޯޓަށް އެރި މީހެއް ކަމަށެވެ. އެކަމަކު ޅައިމަގު މީހުން ބުނާ ގޮތުން އޭނާ ވަރަށް ކުރިއްސުރެ އެ ބޯޓުގައި މަސައްކަތް ކުރި އެވެ. އަދި އެ ރަށުގައި އޭނާ ދިރިއުޅޭތާ ފަސް އަހަރު ވެއްޖެ ކަމަށް އެ މީހުން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ކުރިން ބުނިގޮތުގައި، ގަވައިދާ ހިލާފަށް އުޅެމުން އަންނަ ލުތުފަރު މަރާލީ ފައިސާގެ މައްސަލައެއްގަ އެވެ.
"ލުތުފަރަކަށް އޭނާގެ ގައުމަށް ފައިސާއެއް ނުފޮނުވޭ. އެ ފައިސާ ފޮނުވަން އޭނާ ހަވާލުކުރަނީ ބޯޓުގައި އުޅޭ އެހެން މީހަކާ. އެ މީހާ އަތަށް ދިން 13،600 އަށް ވުރެ ގިނަ ރުފިޔާ ނުފޮނުވާ އެ ބޭނުން ކުރި މައްސަލަ އެ މީހުންގެ މެދުގައި ޖެހުނީ،" އެ ބިދޭސީންނާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ޅައިމަގު މީހާ ބުންޏެވެ.
ލުތުުފަރާ ޖެހުނީ ފައިސާގެ މައްސަލަ، މަރާލީ ވަލުތެރޭގައި
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
ގުރައިދޫގައި އަނެއްކާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި
ގުރައިދޫގައި ބިދޭސީއަކު މަރާލައިފި
ލުތުފަރު ކަމަށް ބެލެވޭ މީހެއްގެ ބައިތަކެއް ހޯދައިފި
ބިދޭސީއަކު ގެއްލިގެން ޅައިމަގުން ދެމީހަކު ހައްޔަރުކޮށްފި
ބިދޭސީއެއްގެ މަރާގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި
"ބަންގްލާދޭޝް މީހާ އިއްސެ މަރާލީ ބަދަލު ހިފަން"
އިއްސެގެ މަރާ ގުޅިގެން އަދިވެސް ފާސްކުރަނީ
ބޮޑު ދެ މަރާ އެކު އިހަވަންދޫގައި ފިޔަވަޅުތަކެއް އަޅަނީ