Roadha Mihaaru
މެމްބަރު އީސަ ދައުވާއަށް އިންކާރު ކުރައްވައިފި

އަނިޔާ ކުރުމުގެ ދައުވާއަށް މެމްބަރު އީސަ އިންކާރު ކުރައްވައިފި

21 ސެޕްޓެމްބަރ 2021

ރައްޔިިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.

އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ދައުލަތުން ކުރަނީ މިދިޔަ މެއި މަހު އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އިއްޔެ ފެށިޔަސް، ދައުލަތުން އެދިގެން އެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ އަޑުއެހުމުގައި ދައުވާ އިއްވުމުން އީސަ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަދި އީސައާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅިއިރު، އީސަގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މީގެ އިތުރުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް އިއްޔެ ވަނީ ފުރުސަތު ދީފަ އެވެ.

އީސަގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވިޔަސް، އޭނާއަށް އަންނާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. މެމްބަރު ކަމުގެ ގޮނޑި ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.

އެ މައްސަލާގައި އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް ކުރިން ފުލުހުން އެދުނެވެ. އެކަމަކު ކްރިމިނަލް ކޯޓުން އޭރު ނިންމީ އަމުރު ނެެރެނުދިނުމަށެވެ. އަދި އެ މައްސަލަ ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.

އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އަސްރާގެ ފަރާތުން ފަހުން ބުނެފައިވެ އެވެ.