Roadha Mihaaru
ފިތުރު އީދަކީ ހޯމަ ދުވަސް

ފިތުރު އީދަކީ ހޯމަ ދުވަސް

30 އެޕްރީލް 2022

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި މިއަދުގެ އިރުއޮއްސުމަށް ފަހު ހަނދު ފެނުނު ކަމުގެ ރަސްމީ މައުލޫމާތެއް ވެސް ލިބިފައި ނުވާތީ، ރޯދަމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި އަންނަ ހޯމަދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހުނިއްޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ،" އިސްލާމިކް މިނިސްޓަރުގެ ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވި އެވެ.

"އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުތައް މަތީ ދެމިތިބުމުގެ ތައުފީގު އަޅަމެންނަށް ދެއްވާށި އެވެ."

ފަލަކީ ހިސާބުން ދައްކާގޮތުގައި، ރާއްޖެ އަށް މިއަދު އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސުނެވެ. މައްކާ އަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، މިސުރަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، ތުރުކީ އަށް އިރުއޮއްސުމުގެ 17 މިނެޓު ކުރިން، މޮރޮކޯ އަށް އިރުއޮއްސުމުގެ 10 މިނެޓު ކުރިން ހަނދު އޮއްސިފައިވެ އެވެ،.