Roadha Mihaaru
ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ގޮތާ މެދު ސުވާލު

ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ގޮތާ މެދު ސުވާލު، މަޖިލީހުން އެކަން ބަލަނީ

27 އެޕްރީލް 2022

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އެ ބޭފުޅުންގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ތަހުގީގު ކޮމެޓީން ނިންމި ނިންމުން ބަދަލުކުރުމަށްފަހު ކަމަށްވާތީ އެކަމުގައި ސުވާލު އުފެދި، އެކަން އިތުރަށް ބަލަން ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އެ ބޭފުޅުންގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ތަހުގީގު ކޮމެޓީން ނިންމި ނިންމުން ބަދަލުކުރުމަށްފަހު ކަމަށްވާތީ އެކަމުގައި ސުވާލު އުފެދި، އެކަން އިތުރަށް ބަލަން ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން އެ އެ ދެ ބޭފުޅުން ހިމެނޭ ގޮތަށް ހައި ކޯޓުގެ ފަސް ފަނޑިޔާރުންނަށް ފްލެޓް ހަމަޖައްސައި ދިނުމުން އެކަން ގަބޫލު ކޮށްފައިވާތީ އެވެ.

އެ ދެ ބޭފުޅުން ފަރާތުން މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ އެ ބޭފުޅުން ވަކިކުރަން ނިންމީ އެކަމުގައި ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ އިއްތިފާގުން ނިންމާފައި ވަނިކޮށް ކަމަށެވެ. އަދި އެ ކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމުން އާ މެމްބަރަކާ އެކު މައްސަލަ ދެވަނަ ފަހަރަށް މައްސަލަ ބެލުމަށްފަހު ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމި އެވެ.

ދެވަނަ ފަހަރު މައްސަލަ ބެލުމަށްފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމުމަށްފަހު ހުށަހެޅީ މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާއަށް އެ ބޭފުޅުން ސަސްޕެންޑް ކުރުމަށެވެ.

އެކަމަކު ކޮމެޓީގެ އެ ނިންމުން ބަދަލު ކުރުމަށްފަހު މައި ކޮމިޝަނުން ނިންމީ އެ ބޭފުޅުން ވަކިކުރުމަށެވެ. އަދި ދެވަނަ ފަހަރު މައްސަލަ ބެލިއިރު ޖަވާބުދާރީވާން ފުރުސަތު ނުލިބޭ ކަމަށް އެ ދެ ބޭފުޅުން މަޖިލީހަށް ފޮނުއްވި ސިޓީގައިވެ އެވެ.

ޖޭއެސްސީގެ ރައީސް ހިސާން -- ފޮޓޯ/ މިހާރު

ޖޭއެސްސީގެ ރައީސް ހިސާން -- ފޮޓޯ/ މިހާރު

މީގެކުރިން ސަރުކާރުން ދިން ފްލެޓް ލިބިވަޑައިގަތް ބައެއް ބޭފުޅުންނަށް ޝަރަފްވެރިކަމާ އެކު ރިޓަޔާވާން ޖޭއެސްސީން ފުރުސަތު ދީފައިވާތީ އެކަން ވެސް އެ ދެ ބޭފުޅުން ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި މިހާރުގެ ޖޭއެސްސީން ފަނޑިޔާރުންނަށް ފްލެެޓް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް އެ ސިޓީގައިވެ އެވެ.

ޖުޑިޝަރީ ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅޭ އަސްލު މައްސަލާގެ ބަދަލުގައި އެހެން ކަމެއްގައި ސުލޫކީ މައްްސަލަ ސާބިތުވާ ކަމަށް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގު ކޮމެޓީ ބަދަލުވުމާއި ކޮމެޓީން އަޅަން ނިންމި ފިޔަވަޅު ޖޭއެސްސީން ބަދަލުކޮށް، އެންމެ ހަރުކަށި ފިޔަވަޅު އަޅަން ނިންމި ސަބަބެއް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމެޓީން އަޅަން ނިންމާނީ އެންމެ އެކަށީގެންވާ ފިޔަވަޅު. އެ ފިޔަވަޅު ނޫން އެއަށް ވުރެ ހަރުކަށި ފިޔަވަޅެއް، އަދި އަޅުގަނޑުމެންނަށް އެބަ އިނގޭ މި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރުކަން. އެހެންވީމަ އެންމެ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމީ ކޮންމެ ސަބަބަކާ ހުރެތޯ މިއީ އަޅުގަނޑުމެންގެ ހިތުގައި ސުވާލު އުފެދޭ ކަންކަން." އަލީ ހުސައިން ވިދާޅުވި އެވެ.

ޖުޑިޝަރީގެ ކޮމެޓީގެ އިއްތިފާގުން އިއްޔެ ނިންމީ އެ ސިޓީގައި ފާހަގަކުރި ކަންކަން ޖޭއެސްސީގެ ފަރާތުން ސާފުކުރުމަށެވެ. ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.

ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އޭނާއަކީ 2007 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ ފަނޑިޔާރެކެވެ. ފަނޑިޔާރު ރައޫފަކީ 2011 ވަނަ އަހަރު އައްޔަންކުރި ފަނޑިޔާރެކެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅުންނެވެ.