Roadha Mihaaru
ހަމީދުގެ ދައުރު ހަމަވެ، ޖޭއެސްސީގެ މަގާމެއް ހުސްވެއްޖެ

ފަނޑިޔާރު ހަމީދުގެ ދައުރު ހަމަވެ، ޖޭއެސްސީގެ މަގާމެއް ހުސްވެއްޖެ

29 ސެޕްޓެމްބަރ 2016

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ ހުންނަވާ ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވެ، ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ ހުންނަވާ ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވެ، ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެއްޖެ އެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ފަނޑިޔާރު ހަމީދު އައްޔަން ކުރެއްވީ ސެޕްޓެމްބަރު 7، 2011 ގަ އެވެ. ހައި ކޯޓުން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރުގެ މަގާމުގެ ދައުރަކީ ފަސް އަހަރު ކަމަށްވާތީ ހަމީދުގެ ޖޭއެސްސީ މެމްބަރުކަމުގެ ދައުރު މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ހަމީދުގެ ދައުރު ހަމަވިފަހުން އޭނާ ޖޭއެސްސީގެ މަސައްކަތުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ޖަލްސާއެއް ނުބާއްވާތާ މަސްތަކެއް ވަނީ ވެފަ އެވެ.

"އެ ބޭފުޅާގެ ދައުރު ހަމަވިފަހުން މިހާތަނަށް ޖޭއެސްސީގެ ޖަލްސާއެއް ވެސް ނުބާއްވާ. އެހެންވެ ކިހިނެތްތޯ ޖަލްސާތަކުގައި ބައިވެރިވާނީ ވެސް،" ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނު ބުނާގޮތުން ހައި ކޯޓުން އެ ކޮމިޝަނަށް އައްޔަންކުރާ ފަނޑިޔާރަށް ޖޭއެސްސީ މެމްބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމަށް ފަހު އެ މީހަކު އަލުން އެ ކޮމިޝަނަށް އައްޔަނެއް ނުކުރެވޭނެ އެވެ.

ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން އެ ގާނޫނު ލާޒިމް ކުރެއެވެ. ފަނޑިޔާރު ހަމީދުގެ ދައުރު ހަމަވިތާ އަންނަ މަހުގެ ހަތް ވަނަ ދުވަހަށް 30 ދުވަސް ފުރޭއިރު ހައި ކޯޓުން އެހެން ފަނޑިޔާރަކު ޖޭއެސްސީއަށް އަދި ކަނޑައެއްނާޅަ އެވެ.

ހައި ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިިޔާރު ހޮވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިޚާބަކުންނެވެ. ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގައި މިވަގުތު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވެފައިވާތީ އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން މިހާރު އަންނަނީ ކުރަމުންނެވެ.

ހަމީދަކީ ހައި ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ފަނޑިޔާރު ކަމުގައި އެންމެ ގިނަ ދުވަސްވީ އެއް ފަނޑިޔާރެވެ.