Roadha Mihaaru
އީލޮން މަސްކަަށް ޓްވިޓާ ވިއްކާލަން ނިންމައިފި: ރިޕޯޓް

އީލޮން މަސްކަަށް ޓްވިޓާ ވިއްކާލަން ނިންމައިފި: ރިޕޯޓް

25 އެޕްރީލް 2022

މަޝްހޫރު މަހުޖަނު އީލޮން މަސްކަށް ޓްވިޓާ ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޝްހޫރު މަހުޖަނު އީލޮން މަސްކަށް ޓްވިޓާ ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން ޓުވިޓާ އެއްކޮށް ގަންނަން އީލޮން ހުށަހަޅެއްވީ މި މަހު 14 ގަ އެވެ. އެއީ ގާތްގަނޑަކަށް 48 ބިލިއަން ޑޮލަރެވެ. ރޮއިޓާސް އާއި ބީބީސީން ވެސް މިއަދު ރިޕޯޓްކުރި ގޮތުގައި އީލޮން އަށް ޓްވިޓާ ވިއްކާލަން ނިންމީ ހަމަ އެ އަގަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެ އެއްބަސްވުން ފައިނަލް ކުރުމަށް މިދިޔަ ހަފުތާ ބަންދުގައި ޓުވިޓާގެ ބޯޑުން އީލޮންއާ ބައްދަލުކުރި އެވެ.

އެކަމަކު އަދި މިހާތަނަށް ޓުވިޓާއިން އެ ޚަބަރު ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި އީލޮން ވެސް އެކަމާ އެއްޗެއް ވިދާޅުވެފައި ނުވާއިރު، ރޮއިޓާސް އިން ބުނީ މިއަދުގެ ވަގުތެއް އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.

އީލޮން އަށް ކުންފުނި ވިއްކާލުމުން ޓުވިޓާ ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. ކުރިން އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ.

ކުރިން، 9.2 ޕަސެންޓާ އެކު ޓުވިޓާގެ އެންމެ ބޮޑު ހިއްސާއެއް އޮތް އީލޮން، އެ ސޯޝަލް މީޑިއާ ކުންފުނި އޭނާ އަށް ވިއްކާލަން އެދިވަޑައިގަތީ އެއީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ޖެހޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ އެވެ.

ޓްވިޓާގެ ބޯޑާ އީލޮން ބައްދަލުކުރެއްވި ޚަބަރު މީޑިއާއިން ރިޕޯޓްކުރުމާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތަރު ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިހާރު ޓްވިޓާގެ ހިއްސާއެއްގެ އަގު ހުރީ 50.62 ޑޮލަރުގަ އެވެ.

އީލޮން ގަބޫލުކުރައްވާ ގޮތުގައި މިހާރު ޓުވިޓާ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަނެކެވެ. އެހެން އެކަން އޮވެއްޖެ ނަމަ، އެ ކުންފުނި ކުރިއަރައިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ، މީގެ ކުރިން ޓުވިޓާގައި ޓުވިޓާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އީލޮން، އެ އެޕްގެ ހިއްސާ ގަތްކަން އިއުލާން ކުރެއްވީ މި މަހުގެ ހަތަރެއްގަ އެވެ.