Roadha Mihaaru
ފާޑުކިޔުމަށްފަހު މަސްކް ޓުވިޓާގެ ހިއްސާތަކެއް ގަނެފި

ފާޑުކިޔުމަށް ފަހު އީލޮން މަސްކް ޓުވިޓާގެ ހިއްސާތަކެއް ގަނެފި

05 އެޕްރީލް 2022

މީގެ ކުރިން ޓުވިޓާގައި، އެ އެޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މަޝްހޫރު މަހުޖަނު އީލޮން މަސްކް، ޓުވިޓާގެ 9.2 ޕަސެންޓްގެ ހިއްސާ ގަނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މީގެ ކުރިން ޓުވިޓާގައި، އެ އެޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މަޝްހޫރު މަހުޖަނު އީލޮން މަސްކް، ޓުވިޓާގެ 9.2 ޕަސެންޓްގެ ހިއްސާ ގަނެފި އެވެ.

ރެގިއުލޭޓަރީ ފައިލިންސްތަކަކުން އެނގުނު ގޮތުގައި މަސްކް ވަނީ މިދިޔަ އާދިއްތަ ދުވަހު ޓުވިޓާގެ ބޮޑު ހިއްސާއެއް ގަނެފަ އެވެ. އޭނާ ޓުވިޓާގެ ބޮޑު ހިއްސާއެއް ގަތުމުގެ ހަފުތާއެއް ކުރިން، ކުރި ޓުވީޓްތަކެއް އޭނާ ވަނީ އެ އެޕަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ.

މަސްކް ޓުވިޓާގެ ހިއްސާ ގަތް ޅަބަރާ އެކު ޓުވިޓާގެ ހިއްސާގެ އަގު ވަނީ 25 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.

އެ ޓުވީޓްގައި މަސްކް ބުނީ އެ ޕްލެޓްފޯމަކީ ޑިމޮކްރެޓިކް ތަނެއް ނޫން ކަމަށެވެ. އަދި ޓުވިޓާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުލިބުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެއަށް ފަހު، އޭނާގެ ހިޔާލަށް މީހުން އެއްބަސްވޭތޯ ބެލުމަށް ޕޯލެއް ވެސް ހުޅުވާލި އެވެ.

އެ ޕޯލުގެ ނަތީޖާއިން ފެންނަ ގޮތުގައި ޓުވިޓާ އަކީ ޑިމޮކްރަސީ އަށް ބަލައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ތަނެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

ޓުވިޓާގެ ބޮޑު ހިއްސާއެއް މަސްކް ގަތުމުން، އެ ޕްލެޓްފޯމުގެ ނިންމުންތައް ނިންމާގޮތާ މެދުގައި އޭނާގެ ބޮޑު ރޯލެއް ކުރިއަށް އޮތް ތަނުގައި އޮންނާނެ އެވެ. އެއާ އެކު ޓުވިޓާގެ ބައެއް ގައިޑްލައިންތަކާއި ޕޮލިސީތަކަށް ބަދަލުތައް އައުން ވެސް އެކަށީގެންވެ އެވެ.