Roadha Mihaaru
ފަސްޓް ލޭޑީ ފަޒޫ "އުފަލުން ހިތް ފުރިއްޖެ"

އެ ކުދިންގެ އުފާވެރި ވަގުތުކޮޅުން ފަސްޓް ލޭޑީގެ "ހިތްފުރިއްޖެ"

18 އެޕްރީލް 2022

އުފާފުޅުވާ ކަމެއް ވިޔަސް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު (ފަޒޫ) އާއްމުކޮށް ސޯޝަލް މީޑިއާގައި އެކަމެއް ހިއްސާއެއް ނުކުރައްވަ އެވެ. އެކަމަކު ފޭސްބުކްގައި މިއަދު ވިދާޅުވީ "އުފަލުން ހިތްފުރިއްޖެ" ކަމަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުފާފުޅުވާ ކަމެއް ވިޔަސް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު (ފަޒޫ) އާއްމުކޮށް ސޯޝަލް މީޑިއާގައި އެކަމެއް ހިއްސާއެއް ނުކުރައްވަ އެވެ. އެކަމަކު ފޭސްބުކްގައި މިއަދު ވިދާޅުވީ "އުފަލުން ހިތްފުރިއްޖެ" ކަމަށެވެ.

އެހާ ބޮޑު ހިތްހަމަޖެހުމެއް ފަޒޫ އަށް ލިބިވަޑައިގަތީ ފުވައްމުލަކު އަމާން ވެށީގައި ތިބި ކުދިންނަށް ލިބުނު އުފާވެރި ވަގުތުކޮޅުންނެވެ. ދައުލަތުން، ފުވައްމުލަކުގައި ބަލަހައްޓާ ކުދިންނަށް މޭޔަރު އިސްމާއިލް ރަފީގުގެ އާއިލާ އިން ވަނީ ގޭގައި ރޯދަ ވީއްލުމެއް ބާއްވައި އާއިލީ މާހައުލެއްގެ އުފާވެރި ވަގުތުކޮޅެއް ހޯދައިދީފަ އެވެ.

ހުޅުމާލެ ފިޔަވަތީގެ ކުއްޖަކާ އެކު ރައީސް ރާޒުވާ ކުޅުއްވާ އިރު ފަސްޓް ލޭޑީ އާއި ދަރިކަލުން އަދި ދަރިކަނބަލުން އަރިހުގައި. -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެ ފިޔަވަތީގެ ކުއްޖަކާ އެކު ރައީސް ރާޒުވާ ކުޅުއްވާ އިރު ފަސްޓް ލޭޑީ އާއި ދަރިކަލުން އަދި ދަރިކަނބަލުން އަރިހުގައި. -- ފޮޓޯ/ ރައީސް އޮފީސް

"ރާއްޖެ އައި ތަނުން ލިބުނު އެންމެ އުފާވެރި ޚަބަރު،" ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު އެ ވާހަކަ ހިއްސާކުރެއްވުމުން ފަސްޓް ލޭޑީ ވިދާޅުވެފައިވެ އެވެ.

"އުފަލުން ހިތް ފުރިއްޖެ. އަލްހަމްދުލިއްލާހި."

ފަސްޓް ލޭޑީ ރޭ މާލެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައިރޮއިޑް އޮޕަރޭޝަން ކުރެއްވި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ، ހަތަރު ދުވަހުގެ ދަތުރުފުޅަކަށް ފަހު އެވެ.

މުލިއާގޭގައި ކުދިންތަކެއް ކެރަމް ކުޅުއްވާ މަންޒަރު ރައީސް ސޯލިހް ބައްލަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

މުލިއާގޭގައި ކުދިންތަކެއް ކެރަމް ކުޅުއްވާ މަންޒަރު ރައީސް ސޯލިހް ބައްލަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފަޒޫ ވަނީ ހުޅުމާލެ ފިޔަވަތީގައި ތިބި ކުދިންނަށް މުލީއާގޭގައި ރޯދަ ވީއްލުމެއް ބާއްވަވައިފަ އެވެ. އެކި ކުޅިވަރުތައް ކުޅެ، އާއިލީ މާހައުލެއްގެ އުފާވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިންތިޒާމު ހަމަޖެއްސެވި އެވެ.

ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުދިންނާ އެކު ރާޒުވާ އަދި ކެރަމް ފަދަ ކުޅިވަރުތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަޒޫގެ އިތުރުން ދަރިކަނބަލުންނާއި ދަރިކަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލަކު މޭޔަރު، އެ ރަށުގެ އަމާން ވެށީގެ ކުދިންނާ އެކު ކެރަމް ކުޅުއްވަނީ.

ފުވައްމުލަކު މޭޔަރު، އެ ރަށުގެ އަމާން ވެށީގެ ކުދިންނާ އެކު ކެރަމް ކުޅުއްވަނީ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ވިދާޅުވީ އަމާންވެށީގެ ކުދިންނަށް ރޯދަވީއްލުން ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔައީ، އެ ކުދިން ވެސް އާއިލީ ރޯދަވީއްލުމުގެ އުފާވެރި ކަމުގައި ބައިވެރިކުރުމުގެ ގޮތުން ކަަމަށެވެ. މުޖުތަމައުގައި އެ ކުދިންނަކީ މުހިއްމު ބައެއް ކަމުގެ އިހްސާސް ކޮށްދިނުމަކީ ވެސް ބޭނުމެއް ކަމަށް ވިދާޅުވި އެވެ.

"ބައެއް ފަހަރަށް ބައެއް މީހުންނަށް ހީވޭ އެ ކުދިންނަކީ ވަކި ތަނެއްގައި ވަކި އިމާރާތެއްގައި ބަލަހައްޓަން ޖެހޭ ކުދިންނޭ. އެ ވިސްނުމާ ދުރުކުރެވޭތޯ ބާރު އަޅަން،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު އަމާން ހިޔާގެ ކުދިން ރޯދަ ވީއްލުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން: މި ކުދިންނަށް އަޅާލައި އޯގާތެރިވުމަކީ އެންމެންގެ ޒިންމާއެއް.

ފުވައްމުލަކު އަމާން ހިޔާގެ ކުދިން ރޯދަ ވީއްލުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން: މި ކުދިންނަށް އަޅާލައި އޯގާތެރިވުމަކީ އެންމެންގެ ޒިންމާއެއް.

"ފުވައްމުލަކުުގައި އެ ކުދިންނަށް އެ ފުރުސަތު ދޭ. މިދިޔަ ރޯދަމަހު ބައެއް އާއިލާތަކުން ވެސް ރޯދަ ވީއްލުން ފަދަ ކަންކަން ކޮށްދޭ. އެ ކުދިން އާއިލާތަކުގައި ބައިވެރިކުރޭ."

އާއިލާތަކުގެ އަޅާލުމާއި ލޯބިން މަހްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ މެދު އެންމެންގެ އަޅާލުމާއި އޯގާތެރިކަން ދޭން ފަޒޫ މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ. ކުރިން އެ ކުދިން ބަލަހައްޓަމުން އައީ ހުޅުމާލޭގެ އިތުރުން ވިލިމާލެ ކުޑަކުދިންގެ ހިޔާގަ އެވެ.

ފިޔަވަތީގެ ކުދިންތަކެއް މުލިއާގޭގައި: ރަށްރަށުގައި އަމާން ހިޔާތަކަށް ކުދިން ބަދަލުކުރަނީ އާއިލީ މާހައުލެއް ހޯދައިދޭން. -- ފޮޓޯ/ ރައީސް އޮފީސް

ފިޔަވަތީގެ ކުދިންތަކެއް މުލިއާގޭގައި: ރަށްރަށުގައި އަމާން ހިޔާތަކަށް ކުދިން ބަދަލުކުރަނީ އާއިލީ މާހައުލެއް ހޯދައިދޭން. -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު، މި ސަރުކާރުން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން "ބަންދު ދިރިއުޅުމުން" އެކި ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކުރީ އާއިލީ މާހައުލެއް ހޯދައި ދިނުމަށެވެ. އެންމެ ގިނަ ކުދިން ބަލަހައްޓާ ށ. ފުނަދޫގެ އަމާން ހިޔާ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަޑައިގަތުމަށް ފަހު، ވެސް އެދިވަޑައިގަތީ ކުދިންނަށް އަޅާލައި އޯގާތެރިވެ، ވަކިން ބަންދުވެގެން ތިބެން ޖެހޭ މާހައުލުން އެ ކުދިން މުޖުތަމަ އަށް ނެރެން އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށެވެ.

އެ ކުދިންނާ މެދު އަޅާލައި އޯގާތެރިވެ ރަނގަޅު ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޖެންޑާ މިނިސްޓްރީ އާއި ކައުންސިލާއި ސްކޫލާއި ފުލުހުންނާއި ހެލްތު މިނިސްޓްރީ އާއި އެ ނޫން ވެސް މުއައްސަސާތަކާއި މުޅި މުޖުތަމައެއްގެ އެންމެންގެ އެއްބާރުލުން ލިބިގެން ވާނެ ކަމެއް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.

އަމާން ހިޔާތަކަށް ބަދަލުކުރި ކުދިންނަށް ކުރިއާ ހިލާފަށް މިނިވަންކަން ބޮޑެވެ. އެހެން ކުދިންނާ އެކު ސްކޫލްގައި އުޅެވުމާއި މީހުންނާ ބައްދަލުވުމާއި މޫދަށް ދިއުން އަދި ފުޓްބޯޅަ ކުޅެން ދިއުމާއި އެ ރަށެއްގެ އާއިލާތަކާ އެކު އުޅުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.

ފިރިކަލުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިވެރިކަން ފެށުމާ އެކު ޓުވިޓާ ބޭނުން ކުރެއްވުމާ ވެސް ދުރަށް ވަޑައިގަތް ފަޒޫއަށް ލިބިވަޑައިގަތް އުފާވެރިކަން އެންމެންނަށް ހިއްސާކުރެއްވީ ރަނގަޅު ވިސްނުމަކަށެވެ.