Roadha Mihaaru
ރަޝިޔާ ސިފައިން ނަސްރު ހޯދާނެ: ޕުޓިން

ރަޝިޔާ ސިފައިން ނަސްރު ހޯދާނެ: ޕުޓިން

13 އެޕްރީލް 2022

ރަޝިޔާ އިން ޔޫކްރޭނުގައި ހިންގަމުންދާ އުދުވާނީ އަމަލުތަކަކީ، "ވަރަށް މާތް ޝަރަފްވެރި" ހަނގުރާމައެއް ކަމަށް ސިފަކޮށް، އެ ހަނގުރާމައިގައި ރަޝިޔާ ސިފައިން ނަސްރު ހޯދާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރޭނުގައި ހިންގަމުންދާ އުދުވާނީ އަމަލުތަކަކީ، "ވަރަށް މާތް ޝަރަފްވެރި" ހަނގުރާމައެއް ކަމަށް ސިފަކޮށް، އެ ހަނގުރާމައިގައި ރަޝިޔާ ސިފައިން ނަސްރު ހޯދާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނަސްރު ލިބޭނެ ކަމަށް ޕުޓިން ވިދާޅުވި އިރު، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ދިން ހަމަލާތައް ނާކާމިޔާބުވެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުން، ރަޝިޔާ ސިފައިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދަށް ފަހަތަށް ޖެހިފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ރަޝިޔާ ސިފައިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ފުރަތަމަ ފަހަރަށް އެ ހަނގުރާމައާ ބެހޭ ގޮތުން އާންމު ތަނެއްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ޔޫކްރޭން އޮތީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށެވެ.

އެފަދަ ހާލަތެއްގައި ޔޫކްރޭން އޮތް ނަމަވެސް، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ނުކޮށް ފަރުޖެހެން ނެތް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. ސަބަބަކީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ތިބި ރަޝިޔާ ބަހުން ވާހަކަ ދައްކާ ދަރިކޮޅުގެ މީހުން ދިފާއުކުރުމަކީ ރަޝިޔާ އިން ކުރަންޖެހޭނެ ކަމެކެވެ.

އޭގެ އިތުރުން ޔޫކްރޭނަކީ ރަޝިޔާއާ އަދާވާތްތެރި ގައުމުތަކުން ރަޝިޔާގެ މައްޗަށް ވެރިވެގަންނަން ބޭނުންކުރާ ވަސީލަތަކަށް ހެދިޔަ ނުދިނުމަށްޓަކައި ވެސް، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަން، ރަޝިޔާ އަށް މަޖުބޫރުވީ ކަމަށް ޕުޓިން ވިދާޅުވި އެވެ.

"އަހަރެމެންގެ ޒިންމާއަކީ ކަނޑައަޅާފައިވާ ހުރިހާ ލަނޑުދަނޑިތައް ފުރިހަމަ އަށް ހާސިލްކުރުމާ އެކު، ލިބޭ ގެއްލުން ވީހާ ކުޑަކުރުން. އަހަރެމެން ހަރަކާތްތެރިވަމުން ދާނީ ހަމަޖެހިގެން މަޑުމައިތިރިކަމާ އެކު، އަދި ރަޝިޔާގެ އަސްކަރީ ޖެނެރަލުން ކަނޑައަޅުއްވާފައިވާ ރޭއްވެވުމާ އެއްގޮތަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޕުޓިން އިއްޔެ ވިދާޅުވި އެވެ.

ޕުޓިން މި މޭރުމުން ވާހަކަ ދެއްކެވީ، ރަޝިޔާގެ ކޮސްމަނޯޓް ޔޫރީ ގަގާރިން، ޖައްވަށް ދިޔަތާ 61 އަހަރު ފުރުން ފާހަގަކުރުމަށް، ވޮސްޓޮޗްނީ ކޮސްމޮޑްރޯމް އަށް ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ޖައްވަށް ދިޔަ ފުރަތަމަ އިންސާނާގެ ހައިސިއްޔަތުން، ޔޫރީ ގަގާރިން، ވޮސްޓޮކް 1ގެ ނަން ދީފައިވާ ކެޕްސޫލް (ޖައްވީ އުޅަނދު)ގައި ދުނިޔޭގެ ވައިގެ ފަށަލައިން ބޭރަށް ދަތުރުކޮށް، ބިމުގެ ވަށައިގެން ބުރެއް ފުރިހަމަކުރީ، އެޕްރީލް 12، 1961ގަ އެވެ.

ޔޫކްރޭންގައި ފަށާފައިވާ އަސްކަރީ ހާއްސަ ހަރަކާތްތަކުގެ އަމާޒަށް ވާސިލުވެވޭނެތޯ، ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގެ ބައެއް މުވައްޒަފުން ސުވާލު ކުރުމުން، ރައީސް ޕުޓިން ވިދާޅުވީ އެއީ ޔަގީން ކަށަވަރު ކަމެއް ކަމަށާއި، އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އެ ހަރަކާތްތަކުގެ ލަނޑުދަނޑި ވަރަށް ސާފު އަދި އެހާމެ މަތިވެރި. އެ ލަނޑުދަނޑިތައް ހާސިލްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތް."

"އަހަރެމެންގެ އަދާވާތްތެރި ދުޝްމަނުން އަހަރެމެންނާ ދެކޮޅަށް ފަށައިގެން ކުރިއަށް އެ ގެންދާ ސިއްރު ހަނގުރާމައިން އެއްވެސް ނަތީޖާއެއް ނުނެރެވޭނެ،" ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަޝިޔާ އަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި، ޕުޓިން ވިދާޅުވި އެވެ.