Roadha Mihaaru
މަރުގެ އަދަބު ދޭނެތޯ ބަލަން އިމްރާން ހާޒިރުކުރަނީ

މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ބަލަން އިމްރާން މަޖިލީހަށް ހާޒިރުކުރަނީ

05 އެޕްރީލް 2022

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

އިމްރާން މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން ހުށަހެޅުއްވީ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އޭނާ ހުށަހެޅުއްވީ ސުޕްރީމް ކޯޓުން މަރަން ހުކުމް ކޮށްފައިވާ މީހުންގެ މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް އިމްރާން ހާޒިރު ކުރުމަށެވެ.

އެފަދަ މީހުންގެ މަރުގެ އަދަބު މި ސަރުކާރުން ތަންފީޒު ކުރާނެތޯ ބެލުމަށް އިމްރާނާ ސުވާލުކުރަން ވެސް ޓޮމް ހުށަހަޅުއްވާފައިވެ އެވެ.

ޓޮމްގެ ޓްވީޓް

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ރާއްޖޭގައި އެބަތިއްބެވެެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.

އެ ތިން މީހުންގެ މަރުގެ އަދަބު 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓިޔަސް، މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ އެއްވެސް ކަމެއް މިހާތަނަކަށް ނުކުރެ އެވެ.

އޭގެކުރިން މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް 2015 ވަނަ އަހަރު ސަރުކާރުން ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް ހަމަޖެއްސި އެވެ. އެކަމަކު ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު، ބަޑި ޖަހައިގެންނެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓިޔަސް، އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމުގެ ބާރު ރައީސަށް އޮވެ އެވެ.

އެކަމަކު 2016 ވަނަ އަހަރު ހައި ކޯޓުން ނިންމާފައިވަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން މަރަން ހުކުމްކުރާ މީހުންގެ އަދަބު ރައީސަށް ލުއިކޮށް ނުދެއްވޭނެ ކަމަށެވެ. މިހާތަނަށް ރާއްޖޭގައި މަރަން ހުކުމްކޮށްފައި ވަނީ ވެސް ގަސްދުގައި މީހުން މަރުގެ މައްސަލަތަކުގަ އެވެ.