Roadha Mihaaru
ޝަހީމް: މަރުގެހުކުމް ތަންފީޒުކުރުމުގެ އުސޫލު ފާސްކުރިން

އިމްރާނަށް ޝަހީމްގެ ރައްދު: މަރުގެ ހުކުމް ތަންފީޒުކުރުމުގެ އުސޫލުތައް އޮންނާނީ ކެބިނެޓުން ފާސްކޮށްފައި

06 ޖޫން 2022

މިދިޔަ ބައި ގަރުނެއްހާ ދުވަހު ރާއްޖޭގެ ހުރިހާ ސަރުކާރަކުން ގެންގުޅެމުން އައީ މޮރިޓޯރިއަމް ނުވަތަ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްކެވި ވާހަކަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ބައި ގަރުނެއްހާ ދުވަހު ރާއްޖޭގެ ހުރިހާ ސަރުކާރަކުން ގެންގުޅެމުން އައީ މޮރިޓޯރިއަމް ނުވަތަ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްކެވި ވާހަކަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަވާ ގައިދީންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އާއި އެފަދަ ހުކުމްތައް މި ސަރުކާރުން ތަންފީޒު ކުރާނެތޯ މިއަދުގެ މަޖިލީހުގައި އިމްރާނާ ސުވާލުކުރި އެވެ. އޭނާ ޖަވާބުގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުގެ ސްޓޭންޑަކީ ވެސް ހަމަ އެއީ ކަމަށެވެ.

"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވި އެވެ.

އެ ވާހަކަ އަށް ޝަހީމް ރައްދުދެއްވީ، އޭނާ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތުގެ ދަށުން ކަމަށް އިމްރާން ވިދާޅުވުމުންނެވެ.

"މަރުގެ ހުކުމް ތަންފީޒުކުރަން އުސޫލު ހެދި"

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ޔާމީންގެ ސަރުކާރު ނިމުނުއިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހުރިހާ ތައްޔާރީތަކެއް ނިމި، ގަވާއިދުތައް ވެސް ހަދާފައިވާ ކަމަށެވެ. އެކަމުގެ ހުރިހާ އުސޫލުތަކެއް ކެބިނެޓުން ފާސް ވެސް ކުރި ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިކުރުވި އެއް ސަބަބަކީ ވެސް އެއީ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: އޭނާ ވިދާޅުވީ މި ސަރުކާރުން ވެސް ގެންގުޅެނީ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ސިޔާސަތު ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: އޭނާ ވިދާޅުވީ މި ސަރުކާރުން ވެސް ގެންގުޅެނީ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ސިޔާސަތު ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ އުސޫލުތައް ކެބިނެޓުން ނިންމިއިރު، އެކަމާ ބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮތް ގޮތް ސާފުކުރައްވަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އިސްލާމީ އިލްމުވެރިން ގެންދަވައިގެން މައުލޫމާތު ވެސް ހޯއްދެވި،" ޝަހީމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ފުރަތަމަ ހުންނެވި އުމަރު ނަސީރު ކިބައިން ވެސް ޝަހީމް ވަނީ އިމްރާންގެ ވާހަކައިގެ ހަގީގަތް ހާމަކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް، 2015 ވަނަ އަހަރު ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް ކަނޑައެޅި އެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ރާއްޖޭގައި އެބަތިއްބެވެެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.

އެ ތިން މީހުންގެ މަރުގެ އަދަބު 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ދެމެހެއްޓިޔަސް، މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ އެއްވެސް ކަމެއް މިހާތަނަކަށް ނުކުރެ އެވެ.

ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު، ބަޑި ޖަހައިގެންނެވެ.