Roadha Mihaaru
ރަނގަޅު މީހުންގެ ހުކުމް ތަންފީޒުކުރުން ގޯސް: އިމްރާން

ކުށަކަށް އަރައިނުގަނެ ގިނަ ދުވަސް ވެފައިވާ މީހުންގެ ހުކުމް ތަންފީޒު ކުރުމަކީ ރަނގަޅު ގޮތެއް ނޫން: އިމްރާން

16 ނޮވެމްބަރ 2021

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ކުށަށް އަރައިނުގަނެ ގިނަ ދުވަސްވެފައިވާ މީހުންގެ ހުކުމް ތަންފީޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ކުށަށް އަރައިނުގަނެ ގިނަ ދުވަސްވެފައިވާ މީހުންގެ ހުކުމް ތަންފީޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، ގޭބަންދަށް ނުވަތަ ރަށު ބަންދަށް ބަދަލު ކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މުއާމަލާތެއް ނުހިނގާ ގިނަ ދުވަސްވެފައިވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، ވަކި ގޮތެއް ނާންގައި ރަށު ބަންދެއްގައި ބޭތިއްބުމަކީ ހައްގުތަކެއް ގެއްލިގެންދާ ކަމަކަށް ވާއިރު، އެ ކަމަށް ހައްލެއް ނުލިބި ލަސްވާ ސަބަބު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި އިމްރާން ވިދާޅުވީ، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްފައިވާ މީހުންގެ ތެރެއިން އެ މީހުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ކޮށްފައިވާ އެއްވެސް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި ނުވާ ކަމަށެވެ.

"ޕާސްޕޯޓު ހިފެހެއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުމާއި ދަރަނި ނުދެއްކުމުގެ ސަބަބުން ގައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތައް ހިމެނޭ. އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓިފައި ވަނީީ ތަންފީޒު ކުރަންޖެހޭ ހުކުމްތައް ހުރުމުން. އޭގެ ތެރެގައި ވަރަށް ގިނަ މީހުން ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެފަދަ މީހުންގެ ތެރޭގައި އިތުރު ކުށަކަށް އަރައި ނުގަނެ، ވަޒީފާ އަށް ގޮސް އާއިލާއާއެކު ރަނގަޅަށް އުޅޭތާ ގިނަ ދުވަސް ވެފައިވާ މީހުން ހިމެނެ އެވެ. އަދި އެ މީހުންނަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޒު ކުރަން ފެށުމަކީ މީހުން ރިހެބިލިޓޭޓްކޮށް، މުޖްތަމައަށް ނެރުމަށް ހޯމް މިނިސްޓްރީން ގެންގުޅޭ ރުޖޫއީ ފަލްސަފާއާ ހިލާފު ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންވެ، އެ ހާލަތު ދިމާވެފައިވާ ހުރިހާ މީހުންނަށް ވެސް އަދުލުވެރި ހައްލެެއް ހޯދިއިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ހުކުމްތަކާ މެދު ގާނޫނީ ގޮތުން އަމަލު ކުރެވިދާނެ ގޮތެއް ހޯދުމަށް އެކަށީގެންވާ މަޝްްވަރާތަކެއް ދަނީ ކުރަމުން. އެކަށީީގެންވާ ގާނޫނީ ހައްލެއް އަދި ހޯދިފައި ނުވި ނަމަވެސް މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނީ އޮނިގަނޑުގެ ދަށުން މިހާރު ވެސް ހައްލެއް ހޯދިދާނެ ފަރާތްތައް ދެނެގަތުމަށް މި ދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.