Roadha Mihaaru
އެކެޑަމީގައި ކަރެކްޝަން އޮފިސަރުން ތަމްރީނުކުރަނީ

ޕޮލިސް އެކެޑަމީގައި ކަރެކްޝަންސްގެ އޮފިސަރުން ތަމްރީނުކުރަން މަޝްވަރާކޮށްފި

16 އެޕްރީލް 2022

މިދިޔަ މަހު އައްޑޫގައި ހުޅުވި ޕޮލިސް އެކެޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތަމްރީނުކުރަން މިއަދު މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު އައްޑޫގައި ހުޅުވި ޕޮލިސް އެކެޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތަމްރީނުކުރަން މިއަދު މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސް އޮފިސަރުންގެ 25 ވަނަ ބޭސިކް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ޕޮލިސް އެކެޑަމީގައި ރާއްޖޭގައި ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަ އަށް ދެވޭނެ ކަމަށެވެ.

"އެ ކޮލެޖް ހިންގުމުގެ ތެރޭގައި ކަރެކްޝަންގެ ބައިވެރިވުން އޮވެ، އެކަމުގައި އެންމެ ފުރިހަމަ ނިޒާމާއި ތަރުތީބުގެ ތެރެއިން ކަންކަން ކުރުމަށް އަޅުގަނޑުމެން ދޭން ޖެހޭ މަޝްވަރާ މިއަދު ވާނީ ކޮލެޖުގެ އިސްވެރިންނަށް އަރުވާފައި،" މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ކަރެކްޝަންސްގެ އޮފިސަރުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނު ދިނުމަށް ވަސީލަތައް ނެތުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވި ކަމެއް ކަމަށް ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ، ޕޮލިސް އެކެޑަމީ ހުޅުވުމާ އެކު، އެ މައްސަލަ އަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއަދު ދައުލަތުގެ މާލިއްޔާތައި ކެރިފޯރުންތެރިކަން އޮތް މިންވަރުން އަދި އަޅުގަނޑުމެން މިފަދަ ޓްރެއިނިންތައް ދިނުމުގައި ގަބޫލުކުރާ ސިޔާސަތާއި ފަލްސަފާގެ ތެރެއިން މިއަދު މިވަނީ އިރާދަކުރެއްވިއްޔާ މި ކަމަށް ބޮޑު ހައްލެއް ހޯދައިދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ބެޗަށް ތަމްރީނު ދިން އިރު، އަޅުގަނޑުމެން އެންމެ ބޮޑަށް ބެލީ އިންސާނީ ހައްގުތައް ކަށަވަރުކުރެވޭ ގޮތަށް، ނެލްސަން މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް، އިންސާނީ ކަރާމަތާއި ހައްގަށް އެންމެ ފުރިހަމަވާ ގޮތަށް، އެ ތަމްރީނުތައް ދެވޭކަން ކަށަވަރުކުރުން."

އިމްރާން ވިދާޅުވި ގޮތުގައި މި އަހަރު 180 އޮފިސަރުން ކަރެންޝަންސް އިން އަލަށް ތަމްރީނުކުރާނެ އެވެ.

ޕޮލިސް އެކެޑަމީ އަކީ އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ. އެ ތަނުގައި ފުލުހުންގެ ޓްރޭނިން އެކެޑަމީއެއްގައި ހުންނާނެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ އިރު، އެއީ މި ސަރަހައްދުގައި ވެސް ހުންނާނެ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑެމީ އަށް ވާނެ ކަމަށް ދިވެހި ފުލުހުން ބުނެފައިވެ އެވެ.

ޕޮލިސް އެކެޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑަމީ ހެދިޔަސް، އެތަން ހިންގުމުގެ ހުރިހާ ބާރަކާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިންގާނީ ދިވެހި ފުލުހުންނެވެ.