30 މާޗް 2022
ބްލިޑާ، އަލްޖީރިއާ (މާޗް 30) - އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑާ އެކު އެގްރިގޭޓް ނަތީޖާ އިން އަލްޖީރިއާގެ މައްޗަށް ކުރި ހޯދައި، މި އަހަރުގެ ފީފާ ވޯލްޑް ކަޕުން ކެމަރޫން ޖާގަ ހޯދައިފި އެވެ.
ބްލިޑާ، އަލްޖީރިއާ (މާޗް 30) - އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑާ އެކު އެގްރިގޭޓް ނަތީޖާ އިން އަލްޖީރިއާގެ މައްޗަށް ކުރި ހޯދައި، މި އަހަރުގެ ފީފާ ވޯލްޑް ކަޕުން ކެމަރޫން ޖާގަ ހޯދައިފި އެވެ.
މިއީ ކެމަރޫން ވޯލްޑް ކަޕަށް ކޮލިފައިވި އަށްވަނަ ފަހަރެވެ. އަދި އެފްރިކާ ބައްރުން އެންމެ ގިނަ ފަހަރު ވޯލްޑް ކަޕުގައި ކުޅުނު ޓީމަކީ ވެސް ކެމަރޫނެވެ. މި އަހަރުގެ ވޯލްޑް ކަޕުން ކެމަރޫން ޖާގަ ހޯދީ، ރޭ ރަށުން ބޭރުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިތުރު ވަގުތު ކުޅެ، 2-1 އިން ކާމިޔާބުކޮށް، 2-2 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު، އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމު ކެމަރޫންގައި ކުޅުނު ފުރަތަމަ ލެގު މެޗު 1-0 އިން ކާމިޔާބުކުރީ އަލްޖީރިއާ އެވެ. ރޭގެ މެޗުގައި ކެމަރޫނުން ލީޑު ނެގީ މެޗުގެ 22 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބެޔާން މިއުނިކަށް ކުޅޭ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ މޮޓިން އެވެ. ޗޮޕޫ މޮޓިންގެ ހަމައެކަނި ލަނޑާ އެކު އެގްރިގޭޓް ނަތީޖާ 1-1 އިން އެއްވަރުވި އެވެ.
މެޗުގެ 90 މިނިޓު ހަމަވިއިރު ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި، 118 ވަނަ މިނިޓުގައި އަލްޖީރިއާގެ ޑިފެންޑަރު އަހުމަދު ތޫބާ ޖެހި ލަނޑުން އެ ޓީމު ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ކަމަށް ބެލެވުނެވެ. ނަމަވެސް 120 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި މެޗުގެ އޮއިވަރު ބަދަލުވީ ކާލް ޓޯކޯ އެކަމްބީ ކެމަރޫނަށް ޖަހައިދިން ލަނޑުންނެވެ.
އަލްޖީރިއާ އިން ފޮނުވައިލި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި މުހިއްމު ދައުރެއް އަދާކުރީ ކެމަރޫންގެ ކީޕަރު އަންދްރޭ އޮނާނާ އެވެ.
އަމިއްލަ ދަނޑުގައި ޓިއުނީޝިއާ އިން މާލީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވިޔަސް، ރަށުން ބޭރުގައި ފުރަތަމަ ލެގު 1-0 އިން ކާމިޔާބު ކޮށްފައި ވުމުން، ޓިއުނީޝިއާ އަށް ވެސް ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ލިބިފަ އެވެ.
ފުރަތަމަ ލެގު 1-1 އިން އެއްވަރުވި ނަމަވެސް މޮރޮކޯ ވަނީ ރޭ ފަސޭހަކަމާ އެކު 4-1 އިން ކޮންގޯ ބަލިކޮށް، 5-2 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ. މޮރޮކޯގެ ލަނޑުތައް ޖަހައިދިނީ އައްޒަދީން އޮނުއަހީ އާއި ތާރިކް ޓިސޫދަލީ އަދި އަޝްރަފް ހަކީމީ އެވެ. އޮނުއަހީ ވަނީ މެޗުގައި މޮރޮކޯ އަށް ދެ ލަނޑު ޖަހައިދީފަ އެވެ. މޮރޮކޯ އިން ހަތަރު ލަނޑު ޖެހި ފަހުން، ކޮންގޯ އަށް ސުން ކަނޑުވައިދިނީ ބެން މަލަންގޯ އެވެ.
މިއީ މޮރޮކޯ އާއި ޓިއުނީޝިއާ ވެސް ވޯލްޑް ކަޕަށް ކޮލިފައިވި ހަ ވަނަ ފަހަރެވެ.
ފަލަސްތީނުގެ އަމާޒު 2026ގެ ވޯލްޑް ކަޕަށް
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ފަލަސްތީނު އެފްއޭގެ ރައީސަށް އޮސްޓްރޭލިއާއިން ވިސާނުދިން
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
އަނެއް ބުރަށް އިންޑިއާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަން
އެޓޫ އިސްތިއުފާ ދޭން ހުށަހެޅުމުން ބޯޑުން ދެކޮޅުހަދައިފި
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
އަފްގާން އެފްއޭގެ ކޮރަޕްޝަން ކުޅުންތެރިން ޓީމު ބޮއިކޮޓް