23 މާޗް 2022
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ކުޅުންތެރިންނަށް ކުރި އިތުބާރުގެ ފައިދާ ފެންނާނެކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ކުޅުންތެރިންނަށް ކުރި އިތުބާރުގެ ފައިދާ ފެންނާނެކަމަށް އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.
ދިވެހި ޕްރިމިއަ ލީގުގެ ޓީމުތަކުގެ ތެރެއިން ބިދޭސީ ކުޅުންތެރިއެއް ނެތް ހަމައެކަނި ޓީމަކީ، ސަސް އެވެ. ފުރަތަމަ ޑިވިޝަންގައި އެ ޓީމުން ހޭދަކުރާ ދެވަނަ ސީޒަންގައި ސަސް އަށް ގެނައި އެންމެ ބޮޑު ބަދަލަކީ ބިދޭސީ ކުޅުންތެރިންނަށް ކުރިން ކުރި އިންވެސްޓްމެންޓް ދޫކޮށްލައި 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮތް ޓީމަކަށް އެ ޓީމު ބަދަލު ކުރުމެވެ.
ފުރަތަމަ ޑިވިޝަންގައި ހޭދަކުރި ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭ އެޓީމުން ތިން ކޯޗުން ހަމަޖައްސި އެވެ. ފުރަތަމަ ސީޒަންގައި ވެސް ބިދޭސީ ކުޅުންތެރިންގެ ހަތަރު ޖާގަ އަށް ކުޅުންތެރިން ގެނަ އެވެ. މިދިޔަ ސީޒަންގައި ލީގުގެ ދެ ބުރު ކުޅެ ނިމުނު އިރު ވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނެވެ.
"ރާއްޖެ މި ގެންނަ ބިދޭސީ ކުޅުންތެރިންނަކީ އެވްރެޖް ކުޅުންތެރިން. ބައެއް ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންނަށް ވުރެ ވެސް ލެވެލް ދަށް ކުޅުންތެރިން. އެހެންވެ ކްލަބުގެ މެނޭޖްމެންޓުން ވެސް ނިންމީ އޭގެ ބަދަލުގައި ރަނގަޅު ދިވެހި ކުޅުންތެރިންނަށް އެ އިންވެސްޓް ކުރިއަސް މާ ރަނގަޅު ކަމަށް،" ސަސް އަށް ބިދޭސީ ކުޅުންތެރިން ނުގެންނަން ނިންމި ސަބަބާ ބެހޭގޮތުން އިންމަ ބުންޏެވެ.
ދިވެހި ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު އަދި ސަސް އަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. ޕްރެޒިޑެންޓްސް ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުނު ޓީމަށް މައްސަލަ ކުރިމަތިވީ ބައެއް ކުޅުންތެރިންނަށް އަނިޔާވުމުންނެވެ. އެކަށީގެންވާ އަގުގައި އެ ޓީމުން ސޮއިކުރުވި ކުޅުންތެރިން ކަމަށްވާ، އަޔާޒު އަހްމަދު އާއި ރިޓަޔާމެންޓް އުވާލުމަށް ފަހު އަލުން ކުޅެން އެނބުރި އައި މުހައްމަދު އައްޒާމް ހިމެނެ އެވެ. އެ ދެ ކުޅުންތެރިން ވެސް ތިބީ އަނިޔާގަ އެވެ. ދެން އެ ޓީމުން ސޮއި ކުރުވީ ޔަޝްފާދު ހަބީބު (މުލަކޭ) އާއި ގޯލް ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.
އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި އައުމުން ނަތީޖާތައް ސަސްގެ ކޮޅަށް ބުރަ ވާނެ ކަމުގެ އުންމީދު އިންމަ އަށް އެބައޮތެވެ. އޭނާ ބުނީ ދިވެހި ކުޅުންތެރިންނަށް ސަސް އިން ކުރި އިތުބާރު ދަމަހައްޓަން އެ ކުޅުންތެރިން ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
"އާންމު އެހެން ކަންކަމުގައި ވާގޮތަކީ ދިވެހިންނަކަށް އިތުބާރެއް ނުކުރޭ. ކަންކަމަށް ހަމަޖައްސަނީ ބިދޭސީން. އެކަމަކު މި ކްލަބުން ދިވެހި ކުޅުންތެރިންނަށް އިތުބާރުކޮށްފައި އެ އިންވެސްޓްމެންޓް ދިވެހި ކުޅުންތެރިންނަށް މިކުރީ. އެހެންވީމަ ކުޅުންތެރިން ވެސް ޖެހޭނެ އެ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރަން،" މާޒިޔާ އާއި ގްރާންޑޭގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.
މާލީ ގޮތުން ކްލަބް ވަރުގަދަ ކުރަން ބަލާއިރު މި ވަގުތަށް ބިދޭސީ ކުޅުންތެރިންނަށް އިންވެސްޓް ކޮށްގެން ހަރަދުތައް ކުޑަ ކުރެވި ކްލަބް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން މި ވަގުތަށް ސަސް އަށް މުހިންމު ކަމަށް އިންމަ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ސަސް މޮޅުވީ ދެ މެޗުންނެވެ. އަށް ޓީމު ހިމެނޭ ލީގުގެ ހަވަނައިގައި އެޓީމު އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދިވެހި ކުޅުންތެރިންނާ އެކު ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި އެ ޓީމުން 12 ޕޮއިންޓް ހޯދި އެވެ.
"މި ވަގުތު ކްލަބަށް މުހިންމު ފައިނޭންޝަލީ ވެސް ސްޓޭބަލް ވުން. ކްލަބް ދަރަނިވެރި ނުވެ ހިންގޭނެ ގޮތަކަށް މެނޭޖްމެންޓުން ވިސްނާ. ދިވެހި ކުޅުންތެރިންނަށް ކުރި އިންވެސްޓްމެންޓް ނަތީޖާ ފެންނާނެ ކަމުގެ އުންމީދު އެބައޮތް،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ
ނުވާވަރުން ބޭރު ކުޅުންތެރިންނެއް ނުގެންނާނަން: އިންމަ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
އާކިފް: 13 އަހަރުގައި ދިވެހި ޕްރިމިއާ ލީގަށް