Roadha Mihaaru
ރާއްޖެ އިސްލާމްވި ދުވަސް މި ފަހަރު ތަފާތު ގޮތަކަށް

މެދުޒިޔާރަތް ދައްކާލުމާއެކު، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަނީ

21 ޑިސެމްބަރ 2016

މާލޭގައި ހުންނަ މެދު މެދުޒިޔާރަތް ދައްކާލުމާއެކު، ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ހުންނަ މެދު މެދުޒިޔާރަތް ދައްކާލުމާއެކު، ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި އެވެ.

މެދުޒިޔާރަތަކީ ދިވެހިން އިސްލާމްދީނަށް އެނބުރުމަށް މެދުވެރިވި، އަބްލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ.

ރާއްޖެ އިސްލާމްވި ދުވަސް މި އަހަރު ފާހަގަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއެންޑީއެފް އާއި ދިވެހި ބަހުގެ އެކަޑަމީ އަދި މީޑިއާތައް ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން ޓީވީ ޗެނަލްތަކުން ކައުންޓްޑައުން ޝޯ ތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މި މަހުގެ 30 ވަނަ ދުވަހުގެ މަޣްރިބް ނަމާދަށް ފަހު، ހާއްސަ ޕްރޮގްރާމްތައް ފެށިގެން ދާނެ ކަމަށެވެ.

ދުވަހާ ގުޅޭ ދުއާ ކުރުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު، ހާއްސަ ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލްސާ ކުރިއަށް ގެންދާނީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކާއި ހދ.ކުޅުއްފުށީގައި އެއް ވަގުތެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަފާ (ކ-2) ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސްތަފާ (ކ-2) ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިސްލާމްވި ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ހުލާސާއެއް:

- މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން މެދުޒިޔާރަތް ދައްކާލާނެ

- ދިދަ ނެގުމުގެ ރަސްމިއްޔާތާއި ދުއާ ކުރުން ކޮންމެ ރަށެއްގައި އޮންނާނެ

- ހާއްސަ ޖަލްސާ ނިމުމާއެކު ބަޑި ބޭހުގެ ކުޅިވަރުތައް އޮންނާނެ

- މިސްކިތްތައް ސާފު ކުރުން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ

- ކުޑަކުދިންގެ ހަވީރެއް ބާއްވާނެ

"އަޅުގަނޑުމެން ދައްކައިދޭން ބޭނުންވަނީ އެއް ދީނެއްގައި، އެއް ބައެއް ގޮތުގައި، އެއްބައިވަންތަކަމާ އެކީގައި ތިބި ބައެއް ކަން،" މުސްތަފާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި 665 މިސްކިތް ސާފު ކުރުމުގެ މަސައްކަތް މި މަހުގެ 31 ވަނަ ދުވަހު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިސްކިތްތައް ސާފު ކުރުމަށާއި އެހެނިހެން ކަންކަން ކުރުމަށް މިނިސްޓްރީން ކައުންސިލްތަކަށް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ދީފައިވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒުގެ މައިދާނުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި މެދުޒިޔާރަތުގެ އެތެރެ ދައްކައިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ ނިމުމާއެކު، ބަޑި ބޭހުގެ ކުޅިވަރުތައް މާލޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމްތައް ނިމުމުން، ރައްޔިތުންގެ މެދުގައި ދީނީ އަގީދާ ވަރުގަދަވެ، ދީނީ މައުލޫމާތުތައް ލިބި، ރާއްޖެ އިސްލާމްވުމާ ގުޅިގެން ހޯދާފައި ހުރި އިގްތިސާދީ، އިޖުތިމާއީ އަދި އެހެނިހެން ކުރިއެރުންތައް ޓީވީ ޗެނަލްތައް މެދުވެރިކޮށް ލިބިގެންދާނެ އެވެ.