Roadha Mihaaru
ދީނީ އެއްބައިވަންތަކަމުގެ ގާނޫނު މުރާޖައާކުރަނީ

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނު މުރާޖައާ ކުރަން މަޝްވަރާކޮށްފި

20 މާޗް 2022

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.

އެ އޮފީހުން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާ ކުރުމަށް ބެހޭ ގޮތުން ކަމާބެހޭ އިދާރާތަކާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ކަމަށެވެ. އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭ މަޝްވަރާތައް ވެސް ކުރި ކަމަށް ބުންޏެވެ.

އެ ގާނޫނަށް ގެނައުމަށް ދެން މަޝްވަރާ ކުރި ބަދަލުތަކަކީ ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަށެވެ. އަދި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަންނަން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެޓާނީ ޖަނަރަލް އިބްރާހިމް ރިއްފަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އިސްލާމް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އެތަންތަނުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ވެސް ވަރަށް އާންމެވެ. މިކަހަލަ ބައެއް މައްސަލަތަކުގައި މީގެ ކުރިން މީހުން ހައްޔަރުކޮށްފައި ވެސް އެބަހުއްޓެވެ.