Roadha Mihaaru
އައިޖީއެމްއެޗްގެ ކިއޫ ވަރަށް ބޮޑަށް ކުޑަކޮށްފި

އައިޖީއެމްއެޗްގެ ކިއޫ ކުޑަވެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެއިޓް ލިސްޓް ހުސްވެއްޖެ

22 މާޗް 2022

އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ހަދާފައި އޮތް ކިއު ވަރަށް ބޮޑަށް ކުޑަވެ، ދެ ޑިޕާޓްމަންޓެއްގެ ވެއިޓްލިސްޓް ހުސްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ހަދާފައި އޮތް ކިއު ވަރަށް ބޮޑަށް ކުޑަވެ، ދެ ޑިޕާޓްމަންޓެއްގެ ވެއިޓްލިސްޓް ހުސްވެއްޖެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން އިއްޔެ "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައި ބުނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ވެއިޓް ލިސްޓް ކުޑަކުރުމަށް ޑޮކްޓަރުން ބަލި މީހުން ބަލާ އަދަދު އިތުރުކޮށް، އެޕޮއިންޓްމަންޓް ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗަކީ މާލޭގައި ބޭސްފަރުވާގެ ހަރަދު އާސަންދައިން އެއްކޮށް ކަވަރުކުރާ ހަމައެކަނި ހޮސްޕިޓަލެވެ. އެހެންވެ، އެ ހޮސްޕިޓަލަށް އަބަދު ވެސް ވަރަށް ބާރު ބޮޑެވެ.

ކޮވިޑް-19 ގެ ކޮންޓްރޯލްވެ މާލެ ސަރަހައްދުން ދަތުރުކުރުމުގައި ލުއިތައް ދިނުމުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އައިސް ޑޮކްޓަރުންނަށް ދެއްކުމަށް ގިނަ ބަޔަކު އެޕޮއިންޓްމަންޓް ހެދި އެވެ.

އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް މިދިޔަ ސެޕްޓެމްބަރު ވެއިޓްލިސްޓުގައި 10،000 އަށްވުރެ ގިނަ މީހުން ތިއްބެވެ.

ވެއިޓްލިސްޓު އެންމެ ބޮޑު ފަސް ޑިޕާޓްމަންޓް

● ނާރުގެ ޑޮކްޓަރުންނަށް ދެއްކުމަށް 551 މީހުން

● ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރުންނަށް ދެއްކުމަށް 325 މީހުން

● ދަތުގެ ޑޮކްޓަރުންނަށް ދެއްކުމަށް 318 މީހުން

● އަންހެނުންގެ ޑޮކްޓަރުންނަށް ދެއްކުމަށް 212 މީހުން

● ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަށް ދެއްކުމަށް 194 މީހުން

އައިޖީއެމްއެޗުން ލިޔުމުން ދިން ޖަވާބުގައި ބުނީ ބައެއް ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓު ހުސްވެފައިވާ ކަމަށެވެ. މިއީ، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓްލިސްޓު ސުމަކަށް އެރި ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން އަނެއް ބައި ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓު ވެސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެއިޓްލިސްޓް ހުސްވެފައި ވަނީ ހަމުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުންނެވެ.

ސިރާޖު ވިދާޅުވީ ސްޕެޝަލިސްޓުން އޯޕީޑީގައި މީގެ ކުރިން ބަލި މީހުން ބެލީ ހެނދުނު އެކަނި ކަމަށެވެ. ނަމަވެސް ވެއިޓްލިސްޓު ކުޑަކުރުމަށް ހެނދުނު އަދި މެންދުރަށް ބަހާލައިގެން ބަލި މީހުން ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް ސަރަހައްދު-- ފޮޓޯ: އަަހުމަދު އަވްޝަން އިލްޔާސް/މިހާރު

އައިޖީއެމްއެޗް ސަރަހައްދު-- ފޮޓޯ: އަަހުމަދު އަވްޝަން އިލްޔާސް/މިހާރު

"ވެއިޓްލިސްޓު ކުޑަވީމަ މިހާރު ކުރިއެކޭ އެއްގޮތަށް ހެނދުނު އެކަނި ސްޕެޝަލިސްޓް އޯޕީޑީ މި ގެންދަނީ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިއު ކުޑަކުރުމަށް ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ހިންގާ ކާޑިއެކް ސެންޓަރު އަދި ނެފްރޮލޮޖީ ޑިޕާޓްމަންޓަށް ވެސް، އެ ހޮސްޕިޓަލްތަކުގެ އިތުރު އެހީ ލިބުނު ކަމަށެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވެއިޓްލިސްޓުގައި ތިބީ 5،980 މީހުންނެވެ. އޭގެ ތެރެއިން ވެއިޓްލިސްޓުގައި މީހުން މަދީ ކަށީގެ ސްޕެޝަލިސްޓުންނަށް ދެއްކުމަށެވެ. އެ ޑިޕާޓްމަންޓުގެ ކިއުގައި 16 މީހުން އަދި ކެންސަރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ތިބީ 18 މީހުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު "މިހާރު"ން އައިޖީއެމްއެޗްގެ ވަކިވަކި ޑިޕާޓްމަންޓްތަކަށް ގުޅައިގެން ބެލިއިރު، އެތެރެ ހަށީ ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް 1،145 މީހުންގެ ކިއުއެއް އޮތެވެ. އަދި ނާރުތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް 716 މީހުން މަޑުކޮށްގެން ތިބިއިރު ކިޑްނީގެ ޑޮކްޓަރަކަށް ދައްކަން 630 މީހުންގެ ކިއުއެއް އެބައޮތެވެ.