Roadha Mihaaru
މެމްބަރުންގެ ކޮއްތު ހޭދަ ކަނޑާލަން މިފަހަރު ރުހޭނެ؟

މަޖިލިސް ރެސްޓޯރަންޓާއެކު މެމްބަރުންގެ ކޮއްތު ހޭދަ ކަނޑާލަން ކެރޭނެ؟

17 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގަ އެވެ. އެއީ 87 މެމްބަރުންނަށް ދުވާލަކު، 13،900ރ. ގެ މަގުންނެވެ. ބައެއް އަހަރުުތަކުގައި ކޮއްތުގެ ހޭދަ 3-4 މިލިއަން ރުފިޔާއަށް އަރާފައި އެބަހުއްޓެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގަ އެވެ. އެއީ 87 މެމްބަރުންނަށް ދުވާލަކު، 13،900ރ. ގެ މަގުންނެވެ. ބައެއް އަހަރުުތަކުގައި ކޮއްތުގެ ހޭދަ 3-4 މިލިއަން ރުފިޔާއަށް އަރާފައި އެބަހުއްޓެވެ.

މިއީ ދައުލަތަށް ބޮޑު ބުރައެއް ކަމަށް މަހަކު 82،500ރ. ލިބިވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގެން، އެ ވާހަކަ ދައްކަވަ އެވެ. އެކަމަކު ކޮއްތު ހަރަދު ކަނޑާލައި އަމިއްލަ އަށް އެ ހޭދަ ކުރައްވަން މިހާތަނަށް އިސްކަމެއް ނުދެއްވަ އެވެ.

އެކި ޖަލްސާތަކުގައި އެ ވާހަކަ ދެއްކެވި ނަމަވެސް މާ ހަރަކާތްތެރި މަސައްކަތްތަކެއް އެކަމާ ގުޅޭ ގޮތުން ނުހިނގަ އެވެ.

އެކަމަކު ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ މިދިޔަ އަންގާރަ ދުވަހު އަނެއްކާވެސް އެ މައްސަލަ ނަންގަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ފޯރުކޮށްދޭ އިންޝުއަރެންސްގެ ތެރޭގައި އަނބި/ފިރިންނާއި 18 އަހަރު ނުފުރޭ ދަރިން ހިމެނުމާ ދެކޮޅު ހައްދަވައި އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުންގެ ނާސްތާ ހަރަދު ދައުލަތުގެ ބަޖެޓުން ކަނޑާލަން ޖެހޭ ކަމަށެވެ. މިއީދައުލަތުން ބުރަ އުފުލަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ: އޭނާ ހުށަހެޅުއްވީ ކޮއްތުގެ ހޭދަ މެމްބަރުން އަމިއްލައަށް ކުރެއްވުމަށް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ: އޭނާ ހުށަހެޅުއްވީ ކޮއްތުގެ ހޭދަ މެމްބަރުން އަމިއްލައަށް ކުރެއްވުމަށް

"މެމްބަރުންގެ ނާސްތާ ޕްރޮގްރާމަށް 2019 ވަނަ އަހަރު ވަރަކަށް މިލިއަން ރުފިޔާ ހޭދަވި، 2021 ގައި 2.1 މިލިއަން އަދި މި ހިނގާ އަހަރު ތިން މިލިއަން ހޭދަވާނެ ކަމަށް ލަފާކުރެވެނީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވީތީވެ ހިލޭ ނާސްތާ ލިބެން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޔައުގޫބް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި އޭނާ ހުށަހެޅުއްވީ ނާސްތާ ހަރަދު ކަނޑާލުމަށެވެ. އަދި މިކަމުގައި އެހެން މެމްބަރުން ވެސް ރުހުން ދެއްވުމަށެވެ.

އޭނާ ކުރިއަށް ނެރުއްވި ވިސްނުމަކީ މަޖިލިސް ތެރޭގައި ކެއުމުގެ އިންތިޒާމްތަކެއް ހަމަޖައްސައި ހޭދަކުރަން ޖެހޭނީ މެމްބަރުންގެ އަތުންނެވެ. ކޮންމެ ފަހަރަކު ބޭރަށް ކާން ދިއުން އެއީ ފަސޭހަކަމަކަށް ނުވާނެތީ މަޖިލީހުގައި ކެފޭ/ރެސްޓޯރަންޓެއް ހުރުން މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ބަދަލުކުރަން އަޅުގަނޑު ހުށަހަޅަން. ރައްޔިތުންގެ މަޖިލީހަކީ ވަކި އިދާރާއަކަށް ވީތީވެ އަޅުގަނޑުމެންނަށް މުސާރަ އާއި އިނާޔަތް ލިބިދޭއިރު އޭގެ އިތުރަށް އަނެއްކާވެސް އެހެނިހެން ބޮޑެތި އިނާުޔަތް ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. އަދި އެގޮތަށް އެކަން ކުރަން ކެރޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އާދޭހާ އެކު އެދެން ކޮންމެ އަހަރަކު 3-4 މިލިއަން ރުފިޔާ ސަލާމަތްކޮށް ކޮންމެވެސް އެހެން ދާއިރާއަކަށް ބޭނުންކޮށްލެވޭނެ ގޮތެއް ހެދުމަށް."

މިއާ ވިއްދައި ޔައުގޫބު ދެން ދެކޮޅު ހެއްދެވީ މަޖިލީހުގެ މެމްބަރުކަން ކުރެއްވޭތީ އިނާޔަތް ދިނުން ވެސް ހުއްޓާލުމަށެވެ. ފަސް އަހަރުގެ އެއް ދައުރު ފުރިހަމަކޮށްފި ނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު ފުރިހަމަކޮށްފި ނަމަ 45 ޕަސެންޓް ލިބޭ ގޮތަށް އޮތުން ވެސް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތާ ފަސް އަހަރުގެ ދައުރެއް، 10 އަހަރުގެ ދައުރެއް އަދާކުރީތީވެ ދެން އޭގެ ފަހުން މަސައްކަތް ނުކުރާ މުއްދަތަކަށް އިނާޔަތެއް ލިބެން ޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެނެ. ޕެންޝަން އޮވޭ، އެ ސްކީމުން އެހެން ރައްޔިތުންނެކޭ އެއްގޮތަށް ލިބެން ޖެހޭ އެއްޗެއް ލިބެންވީ. މެމްބަރުކަން ކުރެއްވީތީއޭ ކިޔާފައި 30-45 ޕަސެންޓަކީ ވެސް ލިބެން ޖެހޭ އެއްޗަކަށް ނުވާތީ އެ ވެސް އުނިކުރަން އަޅުގަނޑު ހުށަހަޅަން،" ޔައުގޫބް ވިދާޅުވި އެވެ.

އޭނާގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް އެކަން ނުކުރުމުގެ ވިސްނުމެއް މަޖިލީހުގައި ނެތް ކަން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގައި ރެސްޓޯރަންޓެއް ހިންގަން މިހާރު ވަނީ ބަޔަކާ ހަވާލުކުރަން ނިންމައިފަ އެވެ. އާއްމު ކޮމިޓީން ގެންދާ މަސައްކަތް ކޮޅެއްގައި ޖެހުމުން، ކޮއްތު ހޭދަ ދައުލަތަށް ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

މައިގަނޑު ކޮއްތަށް އެ މެމްބަރަކު އަމިއްލަފުޅަށް ހަރަދުކުރައްވައި ސައި ކޮފީ ފަދަ ލުއި ކެއުންތައް އެކަނި ލިބޭނެ އިންތިޒާމަކަށް ވިސްނުން ގެންގުޅޭކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"މައިގަނޑު ކެއުންތައް ރެސްޓޯރަންޓުން ގެންދަވާފައި އެހެން ނަމަވެސް ސައިތައްޓަކާ ހެދިކާއެއް މެމްބަރުންނަށް މިތަނުން ދޭ އުސޫލެއް ބޭއްވުން އެއީ ރަނގަޅު ކަމަކަށް އަޅުގަނޑު ހިތުން ވެދާނެ. އެކަން ކުރިއަށް ގެންދެވޭތޯ އަޅުގަނޑު އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރެސްޓޯރަންޓް ހިންގަން ދެ ފަހަރަކަށް ހުޅުވާލި އެވެ. ފަހުން ފަހަރު ކުރިމަތިލީ ވުޑްބެރީ ރެސްޓޯރަންޓު ހިންގާ ކުންފުނިންނެވެ. އެތަނުގައި އިސްކޮށް އުޅުއްވާ އެކަކީ، ސްޓެލްކޯގެ އެކްޓިން ޗެއާމަނަކަށް ހުންނެވި އަހްމަދު ލަތީފެވެ. އޭނާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ ރައީސެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ލަސްތަކެއް ނުވެ ރެސްޓޯރަންޓް ހިންގަން ހަވާލުކުރެވޭނެ ކަމަށެވެ.